Roadha Mihaaru
ނޭޕާލްގައި ތާށިވި ދިވެހި ޑޮކްޓަރުންނަށް އުއްމީދެއް

ނޭޕާލްގައި ތާށިވި ދިވެހި ޑޮކްޓަރުންނަށް އުއްމީދެއް

07 އެޕްރީލް 2020

ފްލައިޓެއް ޗާޓަރުކޮށްގެން ނަމަވެސް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ދިން ޔަގީންކަމާ އެކު އުއްމީދު އާވެފައިވާ ކަމަށް ނޭޕާލްގައި ތާށިވި ދިވެހި ޑޮކްޓަރުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފްލައިޓެއް ޗާޓަރުކޮށްގެން ނަމަވެސް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ދިން ޔަގީންކަމާ އެކު އުއްމީދު އާވެފައިވާ ކަމަށް ނޭޕާލްގައި ތާށިވި ދިވެހި ޑޮކްޓަރުން މިއަދު ބުނެފި އެވެ.

ނޭޕާލުގައި، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށާއި އިންޓާންޝިޕް ހަދާ 40 ދަރިވަރުން ހިމެނެ އެވެ. އެކަމަކު ނާދެވި ތާށިވެފައި ތިބީ އޭގެ ތެރެއިން 17 ޑޮކްޓަރެކެވެ.

ނޭޕާލްގައި، ކޮވިޑް-19 ފެތުރި އެ ގައުމުގެ ހާލަތު ގޯސްވަމުން ދާތީ ފިޔަވަޅުތައް އަޅަން ފެށުމާ އެކު ދިވެހި ޑޮކްޓަރުން ބޭނުންވީ އެނބުރި ރާއްޖެ އައުމަށެވެ. ސަރުކާރުގެ ވެސް ވިސްނުމަކަށް ވީ ސިއްހީ ދާއިރާގައި އެ މީހުންގެ އެހީތެރިކަން ހޯދުން ކަމަށް ވާތީ، ގާތްގަނޑަކަށް 40 މީހުން އެކި ފްލައިޓްތަކުގައި ގެންނަން މަސައްކަތް ކުރި އެވެ. ދެ ފްލައިޓެއްގައި ގިނަ މީހުން ފުރި ފަހުން، 17 ޑޮކްޓަރުން ތާށިވީ އެއާޕޯޓުގައި ތިއްބައި މުޅި ގައުމު ލޮކްޑައުންކުރުމުންނެވެ.

ދިވެހި ސަރުކާރުން އެ 17 ޑޮކްޓަރުން ބޭތިއްބީ އެއާޕޯޓާ ކައިރި ހޮޓަލެއްގަ އެވެ. ހުރުމާއި ކެއުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދީފައި ވިޔަސް ވޭތުވެދިޔަ ދެ ހަފުތާ ހޭދަކުރީ، ދަރިވަރުން ބުނިގޮތުގައި، ވަރަށް ދަތި ހާލުގަ އެވެ.

"ހޮޓަލެކޭ ބުންޏަސް ވަރަށް އުނދަގޫކޮށް އަޅުގަނޑުމެން މިތަނުގައި އުޅެނީ. ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުންތައް ލިބުމުގައި ދަތިތަކެއް ހުރޭ. ދިވެހި ސަރުކާރުގައި އެދިގެން، ވެހިކަލެއް ހަމަޖައްސައިދިނުމުން ސުޕަމާކެޓަކަށް ފުރަތަމަ ދިޔައިރު ހުރީ ބަންދުކޮށްފައި. އޭގެ ފަހުން އަނެއްކާވެސް ގޮސްގެން ބައެއް ސާމާނު ލިބޭ ގޮތްވީ،" ދިވެހި ދަރިވަރުންގެ ފަރާތުން ވާހަކަ ދެއްކި އެކަކު ބުންޏެވެ.

"އަޅުގަނޑުމެންނަށް ބިރު އެބަ އޮތް، ހޮޓަލުގައި ވެސް ކާބޯތަކެތި ހުސްވެދާނެ ކަމުގެ. އެކަމަކު [ސަރުކާރުން] އަޅުގަނޑުމެންގެ ކަންކަން ގާތުން ބަލާ."

ނޭޕާލްގެ ލޮކްޑައުން މުއްދަތު މި މަހުގެ 24 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެހެންކަމުން، އިތުރު ދުވަސްތަކެއް އެތަނުގައި ހޭދަކުރަން ޖެހިއްޖެ ނަމަ ދެން ވެސް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށް އެ ދަރިވަރުން ބުންޏެވެ.

ދަރިވަރުން ބުނިގޮތުގައި މިހާރުގެ އުއްމީދަކީ ސަރުކާރުން ދީފައިވާ ޔަގީންކަމެވެ.

"މިލިޓަރީ އިވެކުއޭޝަން ނުވަތަ ފްލައިޓެއް ޗާޓަކޮށްގެން ނަމަވެސް އަޅުގަނޑުމެންނަށް އެނބުރި ދެވޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް އިއްޔެ މައުލޫމާތު ލިބެނީ، މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ދިވެހި ޑޮކްޓަރުންގެ ފަރާތުން "މިހާރު" އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ކަތަމަންޑު އަށް ދަތުރެއް ނުކުރެ އެވެ. އެެނގިފައިވާ ގޮތުގައި، ކަމާ ބެހޭ އިދާރާތަކުން މަޝްވަރާކުރަމުން އަންނަނީ، ދިވެހިން ބަންގްލަދޭޝް އެއާޕޯޓަށް ގެންގޮސް އެތަނުން، ރާއްޖެ ގެނައުމަށެވެ. މިކަމުގައި އަދި ވަކި ތާރީޚެއް ކަނޑައެއް ނޭޅެ އެވެ.

ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ނޭޕާލްގައި ތާށިވި ޑޮކްޓަރުން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންތިޒާމްތައް ހަމަޖެހުމާ އެކު އެކަމުގައި ލަސްތަކެއް ނުކޮށް ދިވެހިން ގެންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.