Roadha Mihaaru
ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެނެސްފި

ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެނެސްފި

22 މާޗް 2020

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ ނޭޕާލްގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން 33 މީހަކު މިހާރު އައިސްފައިވާ ކަމަށެވެ. އެ މީހުންގެ އެހީތެރިކަން ހޯދާނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން އަމިއްލަ ޚަރަދުގައި 10 މީހަކު އައިސްފައި ވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ހަމަޖައްސާފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހުގެ މުއްދަތަށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރާ ގޮތަށެވެ.

ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ. އެ ދަރިވަރުންގެ ދެ ވަނަ ޓީމު މާދަމާ ރާއްޖެ އަންނާނެ އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި މަބްރޫކް އާއި ޑރ. ނަޒްލާ.

މިއަދުގެ ނިއުސް ބްރީފިންގައި މަބްރޫކް އާއި ޑރ. ނަޒްލާ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ނިއުސް ބްރީފިންގައި މަބްރޫކް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގައި ރާއްޖެ މިހާލަތުގައި އޮއްވައި އެހާ ބައިވަރު ޑޮކްޓަރުން ބޭނުންވެގެން އުޅެނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކޮވިޑުން އަރައިގަނެވުނުކަމަށް ނިންމާލަން އަދި ކައިރި ވެސް ނުވާ ކަމަށެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ނުވަ ރިސޯޓަކާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން 1،158 ކޮޓަރި ހަމަޖައްސާފައިވާއިރު އެ ތަންތަނުގައި ޝިފްޓް ޑިއުޓީގައި ހެލްތު ވޯކަރުން މަސައްކަތް ކުރަންޖެހޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ތައްޔާރުވަމުން އަންނަނީ ރާއްޖެ ގޮސް ދާނެ ހާލަތަކަށް ބަލައި ބޭނުންވާނެ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ޕްރޮފެޝަނަލުން ތިބޭނެ ކަހަލަ ގޮތަކަށް ކަންކަން ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ކަރަންޓީން އެކި ފެސިލިޓީތަކުގައި މި ވަގުތު 249 މީހުން އެބަތިއްބެވެ.

"ހިއުމަން ރިސޯސް ގެޕް ފިލް ކުރަން ބޭނުންވާ ޑޮކްޓަރުން ހަމަކުރުމަކީ މުހިއްމު ކަމަކަށް ވާތީވެ އެކަމުގައި ރާއްޖޭގެ ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ އެހީ ހޯދަނީ،" މަބްރޫކް ވިދާޅުވި އެވެ.

އެކި ގައުމުތަކުން އިއްޔެ 393 މީހުން ރާއްޖެ އައިސްފައި ވެ އެވެ. އޭގެ ތެރޭގައި 160 ދިވެހިންނާއި 204 ޓޫރިސްޓުން އަދި އެކި ވިސާތަކުގައި 29 މީހުން އައިސްފައި ވެ އެވެ. ޓޫރިސްޓުން ފިޔަވައި ބާކީ ތިބި 189 މީހުން ވަކީ އެކި ތަންތަނުގައި ކަރަންޓީންކޮށްފަ އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން 11 މީހުންނަކީ ޓޫރިސްޓުންނެވެ. ބާކީ ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެެ. އެ 13 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ ތިން މީހަކު ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ބަތަލާ އައިލެންޑު ރިސޯޓުގެ ޓޫރިސްޓް ދެމަފިރިންނާއި ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރެވެ. އެ މީހުންގެ ޓެސްޓް ދެ ސާމްޕަލް ނެގެޓިވް ވިޔަސް އެއްކޮށް ދޫކޮށްލާނީ މަހެއްހާ ދުވަހު މޮނީޓާ ކުރުމަށް ފަހު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.