Roadha Mihaaru
މާސްކް ނާޅާ ނަމަ މޮރޮކޯގައި ތިން މަހަށް ޖަލަށް

މާސްކް ނާޅާ ނަމަ މޮރޮކޯގައި ތިން މަހަށް ޖަލަށް

07 އެޕްރީލް 2020

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމުގެ ގޮތުންނާއި އެންމެންގެ ސަލާމަތަށްޓަކައި މާސްކް އަޅައިގެން ނޫނީ ބޭރުތެރޭގައި އުޅޭ ނަމަ ޖަލަށްލުމަށް މޮރޮކޯ އިން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމުގެ ގޮތުންނާއި އެންމެންގެ ސަލާމަތަށްޓަކައި މާސްކް އަޅައިގެން ނޫނީ ބޭރުތެރޭގައި އުޅޭ ނަމަ ޖަލަށްލުމަށް މޮރޮކޯ އިން ނިންމައިފި އެވެ.

މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމު ލޮކްޑައުނަކަށް ގޮސްފައިވާ އިރު، ހާއްސަކޮށް ބޭރުތެރޭގައި އުޅޭ އިރު މާސްކް އަޅަން މަޖުބޫރެވެ. މިގޮތަށް އަމަލުނުކުރާ މީހުންނަށް ތިން މަހުގެ ޖަލު ހުކުމާ އެކު، 126 ޑޮލަރުން ޖޫރިމަނާކުރަން ސަރުކާރުން ނިންމީ ހޯމަ ދުވަހު އެވެ.

ސަރުކާރުގެ އެ ނިންމުން އަންގާރަ ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށައިފަ އެވެ. ބޭރުތެރޭގައި އުޅޭ މީހުން މާސްކް އަޅަން މަޖުބޫރުކޮށް، މޮރޮކޯގައި މާސްކް ވިއްކާ އަގު ވެސް މިހާރު ވަނީ ސަބްސިޑައިޒްކޮށްގެން އަގު ހެޔޮކޮށްފަ އެވެ.

މީގެ އިތުރުން މާސްކްގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ބަލައި، އެ ގައުމުގައި މާސްކް އުފައްދާ މިންވަރު އިތުރުކުރަން ވެސް ނިންމާފައިވާ ކަމަށް އިންޑަސްޓްރީ މިނިސްޓްރީގެ ތަރުޖަމާނު ތައުފީގް މުޝައްރަފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ދުވާލެއްގެ މައްޗަށް މޮރޮކޯގައި އުފައްދަނީ 3.3 މިލިއަން މާސްކް ކަމަށް ވިޔަސް އެ އަދަދު އަންނަ ހަފުތާ އިން ފެށިގެން ހަ މިލިއަނަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި މޮރޮކޯ އިން މިހާތަނަށް 80 މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 1،120 އަށް އަރަ އެވެ. މިދިޔަ މަހުގެ 19 އިން ފެށިގެން އެ ގައުމުގެ ރައްޔިތުންނަށް ބޭރަށް ނުކުންނަން ހުއްދަ ދީފައި ވަނީ ހަމައެކަނި ކާބޯތަކެއްޗާއި ބޭސް ގަތުމުގެ އިތުރަށް ހާއްސަ ހުއްދައެއްގެ ދަށުން ވަޒީފާ އަދާކުރަން ދިއުމަށްޓަކަ އެވެ. ނަމަވެސް ލޮކްޑައުނާ ގުޅިގެން އެކުލަވާލި އުސޫލުތަކާ ހިލާފުވެގެން މިހާތަނަށް 8،600 މީހުން ހައްޔަރުކޮށް ދައުވާކޮށްފައިވެ އެވެ.

އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯ އަކީ އާބާދީގައި 36 މިލިއަނަށް ވުރެ ގިނަ މީހުން އުޅޭ ގައުމެކެވެ.