Roadha Mihaaru
މާސްކް ނޭޅުމުން ސިންގަޕޫރުގައި މީހަކު ޖަލަށް ލައިފި

މާސްކް ނޭޅުމުން ސިންގަޕޫރުގައި މީހަކު ޖަލަށް ލައިފި

20 އޯގަސްޓް 2021

އިނގިރޭސިވިލާތުގެ މީހަކު މާސްކް ނާޅައި އުޅުމުން ހަ ހަފުތާ އަށް ޖަލަށްލާން ސިންގަޕޫރުގައި ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މީހަކު މާސްކް ނާޅައި އުޅުމުން ހަ ހަފުތާ އަށް ޖަލަށްލާން ސިންގަޕޫރުގައި ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

މީޑިއާތަކުން ބުނީ މިދިޔަ މެއި މަހު އެ ގައުމަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ބެންޖަމިން ގްލީން، 40، އަށް ޖަލު ހުކުމެއް އައީ ރޭލުގައި ދަތުރުކުރި އިރު މާސްކް ނޭޅުމާއި އެކަން ކުރަން އިންކާރުކުރި މައްސަލައިގައި ކަމަށެވެ. މިކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރީ ކޮވިޑް-19 ކޮންޓްރޯލްކުރަން ލާޒިމުކުރާ އުސޫލަކާ ހިފާވުމާއި އެހެން ބައެއްގެ ސިއްހަތު ނުރައްކަލަށް ހުށަހެޅި މައްސަލައިގަ އެވެ.

ކޯޓުން ބެންޖަމިން އަށް ހަ ހަފުތާގެ ޖަލު ހުކުމެއް އިއްވި އިރު ވެސް އޭނާ ބުނީ ކުށެއް ކުރި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ޕާސްޕޯޓް ދޫކޮށްދޭން އެދޭ ކަމަށާއި ބޭނުންވަނީ އެނބުރި ގައުމަށް ދާން ކަމަށް އޭނާ ބުންޏެވެ. ކޯޓުގައި ބެންޖަމިން ވަކާލާތުކުރީ ވަކީލަކާ ވެސް ނުލައި އަމިއްލައަށެވެ. ކޯޓުގައި ކުރިން ވެސް އޭނާ މިފަދަ ވާހަކަތަކެއް ދައްކާފައިވާތީ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުރިތޯ ޓެސްޓު ވެސް ކޮށްފައިވެ އެވެ. ނަމަވެސް ބެންޖަމިންގެ އެފަދަ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކަ އެވެ.

އޭނާ އަށް ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވީ ކޯޓަށް ހާޒިރުކޮށްފައި އިނީ ސިންގަޕޫރުގައި އަމަލުކުރަން ޖެހޭ އުސޫލަކާ ހިލާފުވެގެން ކަމަށާއި ކުށެއްކޮށްފައި، އެކަމަކުން ރެކެވޭނެ ގޮތެއް އެ ގައުމުގައި ނޯންނާނެ ކަމަށެވެ.

ބެންޖަމިން ކޯޓްގެ އޮފިޝަލުންތަކަކާ އެކު.

ބެންޖަމިން ކޯޓްގެ އޮފިޝަލުންތަކަކާ އެކު.

މިދިޔަ ފެބްރުއަރީ މަހު ކަރަންޓީނާ ހިލާފުވި އިނގިރޭސިވިލާތުގެ ފިރިހެނަކު ވެސް ސިންގަޕޫރުގައި ދެ ހަފުތާ އަށް ޖަލަށްލި އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު ކަރަންޓީނާ ހިލާފުވި އެމެރިކާގެ ޕައިލެޓަކު ވެސް ހަތަރު ހަފުތާ އަށް ސިންގަޕޫރުގައި ޖަލަށްލި އެވެ.