Roadha Mihaaru
ކޮވިޑް-19 އަށް 1800 މީހުން ޓެސްޓްކޮށްފި

ކޮވިޑް-19 އަށް ރާއްޖެ އިން 1800 މީހުން ޓެސްޓްކޮށްފި

07 އެޕްރީލް 2020

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 1800 އަށް ވުރެން ގިނަ މީހުން ޓެސްޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 1800 އަށް ވުރެން ގިނަ މީހުން ޓެސްޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ޚިތޯބުގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ އާއްމުންގެ ތެރެއަށް ބަލި ފެތުރުނަ ނުދިނުން ކަމަށެވެ. މިހާތަނަށް 1800 އަށް ވުރެން ގިނަ މީހުން ޓެސްޓްކުރިއިރު އައިސޮލޭޓްކުރި މީހުންނާއި ކަރަންޓީނު ކުރި މީހުންގެ އަދަދު 1700 އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މި ހާލަތުގެ މައްޗަށް ފިޔަވަޅު އަޅަން 30 އަށް ވުރެން ގިނަ އަމުރު، ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވައިރަހަށް ޕޮޒިޓިވްވީ މީހުންނާއި އަލާމާތްތައް ފެނުނު މީހުން ހޭދަކުރި އިމާރާތްތަކާއި އެތައް އުޅަނދެއް ވެސް ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި މި ބަލިމަޑުކަމުން އާއްމުން ސަލާމަތްކުރަން އެތައް ސަތޭކަ މެސެޖެއް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މި މަސައްކަތުގެ ނަތީޖާއާ ހަމައަށް ދިއުމަށް އަދި ދުވަސްތައް ވަގުތުތައް ހޭދަވާނެ. ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން މި ކަމުގައި ބޭނުންވާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ ހިންގުމާއި ގައުމު ބަދަލުތަކެއް އައިސް އިގްތިސާދުތައް ފުނޑުފުނޑުވަމުންދާ އިރު މިކަމުގައި ރާއްޖެ އަށް ވެސް އިސްތިސްނާއެއް ނެތެވެ.

"އެހެންކަމުން ސިއްހީ މި ބޮޑު މުސީބާތުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ހާސިލްކުރެވޭއިރު އިގްތިސާދީގޮތުން އަޅިގަނޑުމެން ނާޒުކު ހާލަތަކަށް ދާނެ. އެ ހާލަތަށް ވިސްނައިގެން އަޅުގަނޑުމެން ކުރިއަށް އޮތް އުނދަގޫ ދުވަސްތަކަށް ތައްޔާރުވުމަކީ މުހިއްމު ކަމެއް،" އަމީން ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.