Roadha Mihaaru
ހުރިހާ ދިވެހިންނަށް ކޮވިޑް-19 ޖެހޭނެ: ނަޝީދު

ހުރިހާ ދިވެހިންނަށް ކޮވިޑް ޖެހޭނެ، ފަރުވާ ދެވޭނެ ގޮތެއް ހޯދަންވީ: ނަޝީދު

13 މެއި 2020

ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޖެހޭނެ ކަމަށާއި ކުރަންވީ ކަމަކީ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ދެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޖެހޭނެ ކަމަށާއި ކުރަންވީ ކަމަކީ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ދެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުނަ ނުދޭން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ 10،000 އެއްހާ ރައްޔިތުން އެ މީހުންގެ ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަތިބި ކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ މީހުން ރަށްރަށަށް ގޮސްގެން ބަލި ފެތުރޭނެ ކަމަށް ބެލުމަކީ ގޯހެއް ކަމަށާއި އެ މީހުން ރަށްރަށަށް ނުދިޔަސް މުޅި ރާއްޖެ އަށް މި ބަލި ފެތުރޭނެ ކަމަށެވެ.

"ރޯގާ ދަނީ އިންތިހާ އަށް ފެތުރެމުން. އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިކަމުގެ ފަރުވާ އަދި މިކަމުން އަރައިގަނެވޭނެ ގޮތްތައް އަޅުގަނޑުމެން ޖެހޭނީ ހަމަޖައްސަން،" ނަޝީދު

"ދިވެހިރާއްޖޭގެ ރަށްތަކަށް ރޯގާ ފެތުރެން އޮންނަނީ އެންމެ ސަބަބެއް ނޫން. ސަތޭކަ ޕަސެންޓް ފެތުރުނަ ނުދޭން ހަދަން ޖެހޭނެ ގޮތަކީ ދިވެހިރާއްޖޭގެ ފަސް ލައްކަ ރައްޔިތުން ކުޑަ ގޮޅިއަށް ލާން ޖެހޭނީ. އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން."

ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ މުޅި މުސްތަގުބަލް ގެއްލިގެން ނުދާނެ ގޮތަކަށް މި ރޯގާއިން ސަލާމަތް ވުމުގެ ކަންކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ. އަދި މިކަމާ ބެހޭ މާހިރުން ތިބީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވި އެވެ.

"މި ރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހުމަކީ މިކަމާ ގުޅޭ ގިނަ މާހިރުން ގަބޫލު ކުރާގޮތް. މިކަމާ ގުޅޭ މާހިރުން ތިބީކީ ހަމައެކަނި ދިވެހި ރާއްޖެއަކު ނޫން. އަދި މިކަމާ ގުޅޭ ގިނަ މާހިރުންނަކީ އަޅުގަނޑުމެން ވެސް ގާތް ތިމާގެ ވެސް މީހުން. އަޅުގަނޑުމެންނަށް ވެސް މި ވާނުވާ އެބަ އިނގޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވެސް ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާ އަށް އަމީން އަމަލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ މާއްދާ ބުނަނީ އާއްމު ސިއްހަތުގެ ކުއްލި ހާލަތުގައި ބައިވަރު ކައުންސިލްތަކެއް އޮންނަ އަތޮޅެއްގައި ނުވަތަ ރަށެއްގައި އެ ހާލަތުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ވަކި ކައުންސިލެއް ކަނޑައެޅޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަން ކުރުމަށް އެ ގަވައިދު ގެޒެޓް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މިނިސްޓަރު އަމީން އެކަން ކުރައްވާފައިނުވާތީ އެކަން ކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"އާންމު ސިއްހަތުގެ ގާނޫނުގެ ފަސް ވަނަ މާއްދާއަށް އަމަލު ކުރެއްވުމަށް ވަޒީރުގެ އަރިހުން ތި އިއްޒަތްތެރި މެމްބަރުންނަށް ދެންނެވޭނެ. ވަޒީރު އެ މާއްދާއަކަށް އަމަލެއް ނުކުރައްވާ."

ނަޝީދު ވިދާޅުވީ އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކަރަންޓީން ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވީ ނަމަވެސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

"ވަކިތަނަކު ހުރުމަށް ވަކި ތަނަކަށް ދިއުމަށް އެކަންކަން ކުރަން ޖެހިވަޑައިގަންނަވަނީ މި އާންމު ސިއްހަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން. އެ މާއްދާގެ ފަސް ވަނަ މާއްދާ އެކަން ކުރަންވީގޮތް ވަރަށް ސަރީހަކޮށް ބުނޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރަށްރަށުގެ ރައްޔިތުން އެމީހުންގެ ރަށްރަށަށް ގޮސް އެތަންތަނުގައި ކަރަންޓީން ވެގެން ތިބެވޭނެ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ.

މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ލޮކްޑައުން ކޮށްފައިވާއިރު، މާލޭގައި އުޅޭ މީހުން ރަށްރަށަށް ފޮނުވުމާ މެދު ގޮތް ނިންމަން ސަރުކާރުން ވަނީ "ލޮކްޑައުން ކޮމިޓީ" އެއް އުފައްދައިފަ އެވެ. އެ ކޮމިޓީގައި އިސްވެ ހަރަކާތްތެރިވަނީ ހޯމް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެވެ.