Roadha Mihaaru
މަސްވެރިން މަސް ބާނަނީ އެކަމަކު އަގެއް ނެތް

މަސްވެރިން މަސް ބާނަނީ އެކަމަކު އަގެއް ނެތް

13 އެޕްރީލް 2020

މަސްވެރިކަން ކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ މުހައްމަދު ސައީދަށް މިއަށް ވުރެ ވިޔަފާރި ދަށް ދުވަސްވަރެއް އަދި ނުފެނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަސްވެރިކަން ކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ މުހައްމަދު ސައީދަށް މިއަށް ވުރެ ވިޔަފާރި ދަށް ދުވަސްވަރެއް އަދި ނުފެނެ އެވެ.

ކ. ގުޅިއަށް ނިސްބަތްވާ މުހައްމަދު ބުނީ ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް އައި ބަދަލުތަކާ އެކު މަސް ގަންނަ މީހުން ވެސް މިދުވަސްވަރު މާ ބޮޑަށް މަދުވެއްޖެ ކަމަށެވެ.

"ކުރިން ދުވާލަކު 1،500 ރުފިޔާ ލިބޭ މަސް ވިއްކައިގެން. މިހާރު މިއުޅެނީ 500 ރުފިޔާ ވެސް ނުލިބިގެން،" މާލޭގެ މަސް މާރުކޭޓްގައި މަސް ވިއްކަން ހުރި މުހައްމަދު ބުންޏެވެ.

އެކަމަކު ރާއްޖޭގައި ކުރަމުން އަންނަ ހުރިހާ ވައްތަރެއްގެ މަސްވެރިކަން ވެސް މި ދުވަސްވަރު ވަރަށް ރަނގަޅެވެ. މާލޭ މަސް މާރުކޭޓަށް ވެސް ގިނަ އަދަދަކަށް މަސް ގެނަ އެވެ. ނުކިރި ދޯނި ފަހަރުގައި ވެސް ގިނަ އަދަދަކަށް މަސް ބަހައްޓަން ޖެހެ އެވެ. މަސްވެރިންގެ ކަންބޮޑުވުމަކީ މަސްވެރިކަން މިހާ ރަނގަޅު ދުވަސްވަރެއްގައި ކުރިމަތިވި އިގުތިސާދީ ވެއްޓުމުގެ ނުރަނގަޅު އަސަރު އެމީހުންގެ މަސައްކަތަށް ވަރަށް ބޮޑަށް ކުރަމުން ދިއުމެވެ.

މާލޭގެ މަސް މާރުކޭޓް: ހުރިހާ ވައްތަރެއްގެ މަހުގެ އަގު ވެސް ވަނީ ދަށް ވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ މަސް މާރުކޭޓް: ހުރިހާ ވައްތަރެއްގެ މަހުގެ އަގު ވެސް ވަނީ ދަށް ވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ މާރުކޭޓުގައި މިވަގުތު އެންމެ އަގު ދަށީ ކަންނެލީގެ އެވެ. ތާޒާ ކަންނެލި ކިލޯއެއް 18 ރުފިޔާ އަށް ވަނީ ވެއްޓިފަ އެވެ. ގިނައިން ނަގާ ނަމަ 12 ރުފިޔާއަށް ކިލޯއެއް ލިބެ އެވެ.

މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ރަނގަޅު ކޮލެޓީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކުގަ އެވެ. ރިޖެކްޓް ކަންނެލި ކިލޯއެއް ގަންނަނީ 15 ރުފިޔާ އަށެވެ. ކުރީގައި ނަމަ އެވްރެޖްކޮށް ކަންނެލި ކިލޯއެއް 50 ރުފިޔާއަށް ވިއްކެ އެވެ. އަދި އަގު އަރައިގެން ދާއިރު 75 ރުފިޔާއަށް ވެސް ކިލޯއެއް ޖެހެ އެވެ.

"މިހާރު ދުވާލަކު 6،000 ރުފިޔާ ނުލިބޭ. ކުރިން މަސްކޮޅު ވިއްކައިގެން ދުވާލަކު 23،000 ވަރަކަށް ރުފިޔާ ލިބޭ،" މާލޭ ފަޅުގައި އަޅާފައި އޮތް "އަލިމަސް" ދޯނީގެ ކެޕްޓަން އަހުމަދު އާދަމް ބުންޏެވެ.

"މިބަލީގެ [ކޮވިޑް-19] ކަންކަން ޖެހުނީންސުރެ ވަރަށް އަގު ދަށްކޮށް އުޅެނީ."

ނުވަ މީހުން މަސައްކަތް ކުރާ ދޯނީގެ ކެޕްޓަން ބުނިގޮތުގައި މިހާރު ދަތުރަކުން މީހަކަށް ލިބެނީ 800ރ އާއި 1،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެކެވެ. ކުރީގައި މަހަކު 30،000 ރުފިޔާއާ ގާތްކުރާ ވަރުގެ އާމްދަނީއެއް ހޯދަމުން އައި އެ މަސްވެރިން މިއަދު ތިބީ ކަންބޮޑުވުމެއްގަ އެވެ.

މާރުކޭޓަށް ގެންދަން ދޯންޏަކުން މަސް ނަގަނީ: ބާޒާރުގައި ކަންނެލި ކިލޯއެއް މިހާރު 18 ރުފިޔާއަށް ލިބޭ -- ފޮޓޯ: ނިޝާން އަލީ/މިހާރު

މާރުކޭޓަށް ގެންދަން ދޯންޏަކުން މަސް ނަގަނީ: ބާޒާރުގައި ކަންނެލި ކިލޯއެއް މިހާރު 18 ރުފިޔާއަށް ލިބޭ -- ފޮޓޯ: ނިޝާން އަލީ/މިހާރު

މަސް ކިރަން ހިންމަފުށީގައި އޮތް ހއ. ދިއްދޫ، ކަންނެލި ދޯންޏެއްގެ ފަޅުވެރިއަކު ބުނިގޮތުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ކަނޑުމަތީ ހޭދަކޮށްގެން ބޭނި ފަސް ޓަނު ކަންނެލިކޮޅު އަދި އުޅެނީ ނުކިރިގެންނެވެ. އަދި ރަނގަޅު އަގެއް ނެތުމުން އެ ދޯނީގެ 14 މަސްވެރިންނަށް މިފަހަރު 3،000 ރުފިޔާ ވެސް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

"ހަރަދަށް ދާނެ 45،000 ރުފިޔާ ނޫނީ 50،000 ރުފިޔާ. ދެން ބެހީމަ ކުއްޖަކަށް ކޯއްޗެއް އޮންނާނީ؟" މަސްވެރިކަމުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އެ މަސްވެރިޔާ ބުންޏެވެ.

ބާނާ މަސް ގިނަކަމުން ކަސް ގަންނަ ފަރާތްތަކަށް ވެސް އޮތީ ހުރަސްތަކެވެ. މަސް ބޭރުނުކުރެވުމާއި އައިސް ގުދަންތައް ފުރުން ފަދަ ކަންކަން އެބަ ދިމާވެ އެވެ. އެހެންކަމުން ދޯނިފަހަރު އޮންނަނީ ކިޔޫގަ އެވެ. އެކަމުގައި ދެތިން ދުވަސް ވެސް ހޭދަކުރަން ޖެހެ އެވެ.

މަސްވެރިންނާއި މަސް ވިއްކުމުގެ ވިޔަފާރި ކުރާ މީހުން ބުނާ ގޮތުގައި މަހުގެ އަގު ވެއްޓުމުގެ އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އިން މަސް އެކްސްޕޯޓް ނުކުރެވުމެވެ. އޭގެ އިތުރުން ރިސޯޓްތައް ބަންދުކުރުމާ އެކު ރިސޯޓްތަކަށް މަސް ވިއްކުން ވެސް ވަނީ ހުއްޓިފަ އެވެ. މާލެއަށް ބަލާ ނަމަ ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުގެ ވިޔަފާރީގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުން، އެތަންތަނަށް މަސް ގަންނަ މިންވަރު ވެސް ވަނީ މަދުވެފަ އެވެ.

"މާލޭ ގެތަކަށް ބޭނުންވާ ވަރަށް އެކަނި މި ވިކެނީ. އެހެންވީމަ ވިކޭލެއް މަދުވާނުތާ،" މާރުކޭޓްގައި މަސް ވިއްކަން ހުރި މީހަކު ބުންޏެވެ.

މަހުގެ އަގު ރަނގަޅުވުން ގުޅިފައި އޮތީ ވެސް، އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް، ކޮވިޑް-19 ހަމަޔަކަށް އެޅި، އިގުތިސާދު ހިނގައިގަތުމާ އެވެ. އެކަމަކު އަދި އެ މަންޒަރެއް ނުފެނެ އެވެ.