Roadha Mihaaru
ދައުރު ދަންމަން އުޅެނީ ގާނޫނުއަސާސީއާ ޚިލާފަށް: އުޝާމް

އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރުކުރުން ގާނޫނުއަސާސީއާ ޚިލާފު: އުޝާމް

08 އެޕްރީލް 2020

ގާނޫނުއަސާސީ އިސްލާހުނުކޮށް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތަށް ކައުންސިލަރުންގެ ދައުރު އިތުރުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނުއަސާސީ އިސްލާހުނުކޮށް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތަށް ކައުންސިލަރުންގެ ދައުރު އިތުރުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިމަހު ބާއްވަން ކުރިން ނިންމި ކައުންސިލް އިންތިޚާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާތީ އެވެ. މިކަމަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020" ނަމުގައި ސަރުކާރުން ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން އިންތިޚާބުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ހުށަހަޅާފައިވާ އެ ބިލުގައި ވަނީ، ކައުންސިލަރުންގެ ތިން އަހަރުގެ ދައުރު އިތުރުކުރާ ގޮތަށެވެ.

މި ބިލާ އެކު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ވެސް ސަރުކާރުން ބިލެއް ހުށަހެޅި އެވެ. އެކަމަކު މި އެ ބިލާ މެދު އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.

މަޖިލީހުގައި ބަހުސް ފަށާފައިވާ ބިލާ ގުޅޭ ގޮތުން އުޝާމް ކުރެއްވި ޓުވީޓް.

އުޝާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ފަށާފައިވާ ބިލުގެ މަގްސަދަކީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ކައުންސިލްތަކުގެ 3 އަހަރުގެ ދައުރު އިތުރުކުރުން ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެ މުއްދަތު ގާނޫނުއަސާސީ އިސްލާހުނުކޮށް އާއްމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިނގަމުންދާ ކައުންސިލްތައް ދެމިއޮތުމާ ގުޅޭ ގޮތުން އެ ބިލުގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރު ނަމަވެސް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ހިންގުމަކީ ގާނޫނު އަސާސީގެ ނައްސުން މަނާކުރާ ކަމަށް ވީ ހިނދު، އަދި މި ގާނޫނާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވެ އާ ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ގާނޫނީ ހުސްކަމެއް ކުރިމަތިވާނެ ކަމަށެވެ.

އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިޚާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެމްބަރުން މަގާމާ ހަވާލުވަންދެން މި ގާނޫނަށް އަމަލުކުރަން ފަށާއިރު އިންތިހާބު ކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެ މީހުންގެ މަގާމްގައި ދެމިތިބޭނެ އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ވަކި ގޮތަކަށް އަމަލުކުރަން ކަނޑައަޅާފައި ވަނިކޮށް އާއްމު ގާނޫނަކުން ބަދަލު ގެނައުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ. ގާނޫނުއަސާސީ އިސްލާހުނުކޮށް، އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރަން މިއުޅޭ ކަަމަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިިވާ މުއްދަތެއް، އާއްމު ގާނޫނަކުން ބަދަލުކުރުން. އެއީ ކުރާ ވަރުގެ ކަމެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

އާއްމު ގާނޫނެއް ސިމްޕަލް މެޖޯރިޓީން ފާސްވާއިރު ގާނޫނުއަސާސީ އިސްލާހުކުރަން މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ބޭނުންވާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ މިހާރު އަމަލުކުރަން އުޅޭ ގޮތް ގޯސްކަމަށް ވިދާޅުވި އެވެ. ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިހާބު ފަސްކުރަން ޖެހުނަސް ދެން އަމަލުކުރާނެ ގޮތެއް ނޯންނައިރު، މިހާރު އާއްމު ގާނޫނަކުން ގާނޫނުއަސާސީ ބަދަލުކޮށްފި ނަމަ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ކަންކަން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމުގެ ކަންބޮޑުވުން އުޝާމް ފާޅުކުރެއްވި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.

މި ބިލާ މެެދު މިއަދުގެ ޖަލްސާގައި ހިޔާލުފާޅުކުރެއްވުމަށް ފަހު، މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ކުއްލިއަކަށް ނިންމާލައިފަ އެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ މެދު އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުރި ބަހުސްގައި 57 މެމްބަރުން ވާހަކަ ދެއްކެވި އިރު އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވީ ވަރަށް މަދު މެމްބަރުން ކަމަށެވެ. އެއަށް ފަހު އެކަމާ ގުޅޭ ގޮތުންނާއި، މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްްފަައިވާ ބިލާ މެދު ހިޔާލު ފާޅުކުރެއްވި އެވެ.

އެގޮތުން ވާހަކަ ދެއްކެވީ ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ބިލާ ބެހޭ ގޮތުންނެވެ. ނަޝީދު ވިދާޅުވީ ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެދާނެ ކަމަށެވެ.

އެކަމަކު ބިލު ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފަކީ ވެސް ގާނޫނީ ފަންނުގެ ބޭފުޅެއް ކަމަށާއި ގާނޫނުއަސާސީ ޑްރާފްޓް ކުރުމާއި ގާނޫނުއަސާސީއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައިރު، އެ ކަންތައްތަކުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ކަަމަށް ވިދާޅުވި އެވެ.