Roadha Mihaaru
ރާއްޖޭގެ ހާލަތު ޑަބްލިޔުއެޗްއޯއާ ހިއްސާ ކުރައްވައިފި

ކޮވިޑް-19: ރާއްޖޭގެ ހާލަތު ޑަބްލިޔުއެޗްއޯއާ ރައީސް ހިއްސާ ކުރައްވައިފި

08 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސްއާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސްއާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރު ފޯން މެދުވެރިކޮށް ދެބޭފުޅުން ކުރެއްވި މަޝްވަރާގައި ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19 އިން މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ރައީސް ވަޒަން ކުރެއްވި އެވެ. އަދި އެ ޖަމިއްޔާ އިން ރާއްޖެ އަށް ދެމުން އަންނަ އެހީތައް ފާހަގަ ކުރައްވައި ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ރާއްޖޭން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުން ކަމަށާއި ދުރާލައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިގެން އަދި ނުދާ ކަމަށް ވެސް ރައީސް ދެންނެވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލް ދެއްވަމުން ރައީސް ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާއްމު ސިއްހަތުގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އާއްމުން އެއްވެ އުޅުން މަދު ކުރުމާއި ބަލި ފެތުރުން އިތުރުވެފައިވާ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ކުރިއާލައި ހުއްޓުވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކަށް ރިސޯޓްތަކުން މީހުން ދިއުން މަނާ ކުރުމާއި ރާއްޖޭން ބޭރުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީން ކުރާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭން ދުރާލައި ފިޔަވަޅުތައް އެޅިކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ބަލި މީހުންނަށް ހާއްސަ އެނދާއި އައިސީޔޫގެ ކެޕޭސިޓީ އިތުރު ކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޒަރޫރީ ތަކެތި ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަ ކުރައްވައި އެކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީނާއި އެ ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އަރްވިންދު އަރިހުގައި.---ފޮޓޯ: ހެލްތު މިނިސްޓްރީ

ފޯން ކޯލް ނިންމާލައްވަމުން ރައީސް ވަނީ ބައްޔަށް ޓެސްޓް ކުރުމަށް ޑަބްލިޔުއެޗްއޯ އިން އިތުރު ޓެސްޓް ކިޓްތަކެއް ރާއްޖެ އަށް ދެއްވި ކަމަށްޓަކައި ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯ އިން ވަނީ ތައުރީފް ކޮށްފަ އެވެ. އަދި އެ ޖަމިއްޔާ އިން އަންނަނީ ރާއްޖެ އަށް ތަފާތު އެހީތައް ފޯރުކޮށް ދެމުންނެވެ.