Roadha Mihaaru
މާލެ ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ބަންދު

މާލެ ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން ބަންދު، އެކަމަކު ސަރުކާރު ބަންދެއް ނުވާނެ

04 މެއި 2021

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް މައްޗަށް ގޮސް، ގޯހުންގޯހަށް ކަންކަން ދިއުމާ ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގެ އޮފީސްތައް މާދަމާ އިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ރައީސް އޮފީހުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް މައްޗަށް ގޮސް، ގޯހުންގޯހަށް ކަންކަން ދިއުމާ ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގެ އޮފީސްތައް މާދަމާ އިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ރައީސް އޮފީހުން ނިންމައިފި އެވެ.

އެ އޮފީހުން މިއަދު ނެރުނު އެންގުމެއްގައި ބުނީ، އެ މުއްދަތުގައި ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަަމަށެވެ.

ރައީސް އޮފީހުގެ އެންގުމުގައިވާ ގޮތުން، ރައީސް އެންގެވީ ސަރުކާރުގެ މުވައްޒަފުން، ގޭގައި ތިބެގެން ކުރެވެން ހުރި މަސަައްކަތެއް ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން އޮތް ހުރިހާ ހިދުމަތެއް އެ ގޮތަށް ދިނުމަށެވެ.

"...ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ހިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވިދާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،" އެންގުމުގައި ވެ އެވެ.

މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް ކޮންޓްރޯލް ކުރުން ކަމަށް ވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ)ގެ އެންގުންތަކަށް ތަބާވުމަށް ރައީސް އިލްތިމާސްް ކުރެއްވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަނެއްކާވެސް ހާއްސަ ފިޔަވަޅުތަކެއް އެޅީ އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު އެކަނި ވެސް 585 މީހަކު އެބައްޔަަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 397 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. ކޮވިޑު ޖެހުނު މީހުންގެ އަދަދު އިއްޔެ 585 އަށް އެރީ 4،255 ސާމްޕަލް ޓެސްޓް ކޮށްްގެންނެވެ. އެއާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 6،000 އަށް ވުރެ މަތިވެފަ އެވެ. އެކަމަކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބީ 173 މީހެކެވެ.