Roadha Mihaaru
މަރިޔަމް ނިޝާގެ ހަނދާން އާކޮށްލުމެއް

މަރިޔަމް ނިޝާގެ ހަނދާން އާކޮށްލުމެއް

10 އެޕްރީލް 2020

ރާއްޖޭގެ ފިލްމީ ދާއިރާ އިން ފެނުނު އެންމެ ހުނަރުވެރި އެއް ބަތަލާ އަކީ ކާކުތޯ އަހައިފި ނަމަ ގިނަ ބައެއްގެ ހޮވުމަކަށް މަރިޔަމް ނިޝާ ވާނެ އެވެ. އޭނާ ހަމައެކަނި އެކްޓިން އަށް މޮޅީއެއް ވެސް ނޫނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދިވެހި ސިނަމާ އިން ފެނުނު އެންމެ ރީތި އެއް ބަތަލާ އަކީ ވެސް ނިޝާ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ފިލްމީ ދާއިރާ އިން ފެނުނު އެންމެ ހުނަރުވެރި އެއް ބަތަލާ އަކީ ކާކުތޯ އަހައިފި ނަމަ ގިނަ ބައެއްގެ ހޮވުމަކަށް މަރިޔަމް ނިޝާ ވާނެ އެވެ. އޭނާ ހަމައެކަނި އެކްޓިން އަށް މޮޅީއެއް ވެސް ނޫނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދިވެހި ސިނަމާ އިން ފެނުނު އެންމެ ރީތި އެއް ބަތަލާ އަކީ ވެސް ނިޝާ އެވެ.

ފިލްމީ ތަރިއަކަށް އެންމެ މުހިއްމު ވާނެ މައިގަނޑު ދެ ޝަރުތު އޭނާގެ ކިބައިން ވަރަށް ފުރިހަމައަށް ފެނިފައިވެ އެވެ. ނިޝާގެ ރަން ޒަމާނުގައި އެތައް ފިލްމަކާއި ޑްރާމާއަކާއި ވީޑިއޯ ލަވަތައް ވެސް ކުޅެފައިވެ އެވެ. އަދި އޭނާ ވީ 90ގެ އަހަރުތަކުގައި ފިލްމީ ދާއިރާގެ އެންމެ ވިދުން ގަދަ އެކަކަށެވެ. އެ ދުވަސްވަރުގެ އެންމެ ނަގާކިޔާ ބަތަލާއިންގެ ތެރޭގައި ހިމެނުނީ އައިޝަތު ޝިރާނީ އާއި ނިޝާ އާއި ނިއުމާ މުހައްމަދާއި ޖަމްޝީދާ އަހުމަދެވެ. މިއިން ވެސް އެއްވެސް ބަތަލާ އަކު މިހާރު ފިލްމެއް ނުކުޅެ އެވެ.

އެކަމަކު މިއީ ދިވެހި ސިނަމާގެ ވާހަކަ ދައްކާ އިރު އަބަދު ވެސް ހަނދާން އާކުރާނެ ތަރިންނެވެ. އެގޮތުން މި ފަހަރު ނިޝާގެ ކެރިއަރުގެ ބައެއް ހަނދާންތައް އާކޮށްލާނީ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން ފާހަގަލޮށްލެވުނު ބައެއް ފިލްމުތަކާ އެކީގަ އެވެ.

އުމުރުން 41 އަހަރުގެ ނިޝާ ފިލްމީ ދާއިރާ އަށް އެޅި ފުރަތަމަ ފިޔަވަޅަކީ ޓީވީއެމުން ކުރިން ގެނެސްދިން ވީޑިއޯ ލަވަ ޕްރޮގްރާމް "މަހުރަބު" ގެ "ގެންދަންޏާ ގެންދާށޭ" އެވެ. މަލިކު މުހައްމަދާ އެކު ކުޅުނު އެ ލަވައާ އެކު ނިޝާގެ ތަރި ވަނީ ފިލްމީ ދާއިރާ އިން ވިދަން ފަށައިފަ އެވެ. އޭގެ ފަހުން އޭނާގެ އެތައް މަސައްކަތެއް ފެށުނީ އެވެ.

އެގޮތުން ނިޝާ 1994 ގައި ކުޅުނު "ހައްގު" ވެގެން ދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. އެ ފިލްމުގައި ދައްކުވައިދިން މޮޅު އެކްޓިންއާ ގުޅިގެން 1996 ގައި ބޭއްވި ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ހޯދި އެވެ.

* ހައްގު

މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދު ހަމަ އެ ނަމުގައި ލިޔުނު ވާހަކައަކަށް ޔޫސުފް ރަފީއު (ޔޫސޭ) ޑައިރެކްޓްކުރި ފިލްމެކެވެ. "ހައްގު" ގެ ލީޑް ރޯލް ކުޅުނީ ނިޝާ އާއި ރީކޯ މޫސާ މަނިކާއި މަރިޔަމް ޝަކީލާ އެވެ.

މި ފިލްމު ބެލުންތެރިންގެ ހަނދާނާ އެންމެ ބޮޑަށް ގުޅިފައިވާ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވި ލަވައެއް ކަމަށްވާ "މޫނޭ ތިއީ ހިތްއެދޭ" ފިލްމުގައި ހިމެނިފައި އޮތުމެވެ. އަނެއްކޮޅުން ދިވެހި ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރެވުނު ރީކޯ މޫސަ އާއި ނިޝާގެ "ހައްގު" އަކީ ވަރަށް ވެސް އަސަރު ގަދަ އާއިލީ ފިލްމެކެވެ.

* ދުޝްމަން

ފަރިވާ ހުސައިން ރަޝީދު ޕްރޮޑިއުސްކޮށް، ހާމިދު އަލީ ޑައިރެކްޓްކުރި "ދުޝްމަން" އަކީ ވެސް ނިޝާގެ ފިލްމުތަކުގެ ތެރެއިން ވަރަށް މަގުބޫލުވި ފިލްމެކެވެ. މިއީ 1966 ގައި ނުކުތް ހިންދީ ފިލްމު "ދޯ ބަދަން" ގެ ކޮޕީއެކެވެ.

"ދުޝްމަން" ގެ މުހިއްމު ރޯލްތައް ކުޅުނީ ނިޝާ އާއި ހުސައިން ސޮބާހްގެ އިތުރުން ހާމިދެވެ.

* ފަހުނޭވާ

"ފަހުނޭވާ" އަކީ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ފާތުމަތު ނަހުލާ ޑައިރެކްޝަނަކަށް ނުކުތް ފިލްމެވެ.

ދެހާސް ވަނަ އަހަރު ގެނެސްދިން މި ފިލްމުގައި ނިޝާ ކުޅެފައި ވަނީ ރަށްފުށުގެ ވަރަށް ނިކަމެތި، މަންމަނު އަންހެން ކުއްޖެއްގެ ރޯލެވެ.

"ފަހު ނޭވާ" ގެ ކާސްޓުންގެ ތެރޭގައި ސޮބާ އާއި ޖަމްޝީދާ ވެސް ހިމެނެ އެވެ.

* ހިމޭން ދުނިޔެ

އަބްދުލް ފައްތާހް ޑައިރެކްޓްކުރި "ހިމޭން ދުނިޔެ" އަކީ ވެސް ނިޝާގެ ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ. މޫސާ ލަތީފްގެ ވާހަކައަކަށް ހެދި މި ފިލްމުގައި ނިޝާ ފެނިގެން ދިޔައީ "ދެރިޔާ" ކުޅެގެން މަޝްހޫރުވި އެކްޓަރު އަލީ ހާލިދާއި މޫސާ ޒަކަރިއްޔާއާ އެކީގަ އެވެ.

"ހިމޭން ދުނިޔެ" ގެ ކާސްޓުންގެ ތެރޭގައި ސަޖްނާ އަހުމަދާއި މަރިޔަމް ޝަކީލާ އާއި އައިމިނަތު ރަޝީދާ (އައިންތު) ވެސް ހިމެނެ އެވެ.

* ނާއުންމީދު

މިއީ އަނެއްކާ ވެސް ނަހުލާއާ އެކު ނިޝާ މަސައްކަތްކުރި ފިލްމެކެވެ. އަދި މިއީ ރީކޯ މޫސަ އާއި ނިޝާގެ ޖޯޑު ފެނިގެން ދިޔަ ފިލްމެކެވެ. "ނާއުންމީދު" ގެ ކާސްޓުންގެ ތެރޭގައި ޖަމްޝީދާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ވެސް ހިމެނެ އެވެ.

މި ފިލްމަކީ ބެލުންތެރިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ.

* ސަނދުރަވިރޭ

"ސަނދުރަވިރޭ" އަކީ ނިޝާ ކުޅުނު ބިރުވެރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. ޔޫއްޕެ ބަތަލުގެ ރޯލް ކުޅުނު އެ ފިލްމުގެ ފުރަތަމަ ބައި 2001 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި 2004 ގައި ގެނެސްދީފައިވެ އެވެ. މީގެ ޑައިރެކްޓަރަކީ އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ.

"ސަނދުރަވިރޭ" ގެ އިތުރުން ވެސް ނިޝާ ބިރުވެރި ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި 2002 ގައި ރިލީޒްކުރި ހިންދީ ފިލްމު "ރާޒް" އަސްލަކަށް ބަލައިގެން ހެދި "ގިނިހިލަ" 2004 ގެ "އޭނާ" އާއި އަމްޖޭ ޑައިރެކްޓްކުރި 2009 ގެ "12 ގެ ފަސް" އަދި 2011 ގެ "14 ވިލޭރޭ" ހިމެނެ އެވެ.

"12 ގެ ފަސް" އިން 2011 ގައި އޭނާ އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓް ވެސް ވި އެވެ.

* ޒުލޭޙާ

ދެހާސް ފަސް ވަނަ އަހަރު ސިނަމާ އަށް އައި "ޒުލޭޙާ" އަކީ ނަހުލާގެ ޑައިރެކްޝަނެއްގައި ނިޝާ މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ އާއި ޝީލާ ނަޖީބާއި މުހައްމަދު މަނިކް އަދި އަލީ ސީޒަން ހިމެނެ އެވެ. "ޒުލޭޚާ" ގެ ޓައިޓްލް ރޯލް ކުޅުނީ ނަހުލާގެ ދަރިފުޅު އީނާޝް ސިނާން (ނާޝް) އެވެ.

މި ފިލްމުގެ ލަވަތަކުގެ ތެރެއިން ޔޫއްޕެ އާއި ނިޝާ ފެނިގެންދާ "ލޯބިވާޔާ ނުލާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.

"ޒުލޭޚާ" ގެ ކުރިން 2002 ވެސް ނަހުލާ ވާހަކަ ލިޔެ، ޕްރޮޑިއުސްކުރި އެހެން ފިލްމެއް ނިޝާ ކުޅުނެވެ. އެއީ އަހުމަދު ޝިމާއު (ކުޅޭބޭބެ) ރޯލެއް ކުޅެ، ޑައިރެކްޓްކުރި "ލޯބިނުނެވުނު ނަމަ" އެވެ. މި ފިލްމަކީ ވެސް ވަރަށް ރީތި ލަވަތަކެއް ފެނިގެން ދިޔަ ފިލްމެކެވެ. އޭގެ ތެރޭގައި "ސިއްރުން މި ހިތާ ކުޅެލީ" ވަރަށް ފާހަގަކޮށްލެވެ އެވެ.

* 14 ވިލޭރޭ

ދެހާސް އެގާރަ ވަނަ އަހަރު ފައްތާހް ގެނެސްދިން މި ފިލްމަކީ ފިލްމެއްގެ ލީޑް ބަތަލާއެއްގެ ރޯލުން ނިޝާ ފެނުނު ފަހު ފިލްމެވެ. ބިންމާ އިބްރާހީމް ވަހީދު "14 ވިލޭރޭ" ގެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހެދި މި ފިލްމުގައި ނިޝާ ފެނިގެން ދިޔައީ ސީޒަނާއި އައިޝަތު ރިޝްމީއާ އެކީގަ އެވެ.

މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވަރަށް ޗާލުކޮށް ނިޝާ ފިލްމުގައި ގެނެސްދޭން ފައްތާހް މަސައްކަތްކޮށްފައިވުމެވެ.

އެގޮތުން "14 ވިލޭރޭ" ހަމަ ހަމަ ޔަގީނުން ވެސް ވެގެންދާނީ ނިޝާ އެންމެ ރީތިކޮށް ފެނުނު އެއް ފިލްމަށެވެ.

މި ފިލްމުތަކުގެ އިތުރުން ވެސް ނިޝާގެ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ލޯބީގެ އަނިޔާ"، "ގުރުބާނީ"، މަޖުބޫރު ލޯބި"، "ބިރު"، "ހިތި ނިމުން" އަދި "ޝާލިނީ" އަދި "އެދިއެދި ހޯދީމޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ނިޝާ ކުޅުނު ޑްރާމާތަކުގެ ތެރެއިން "ރޭޝަމް" އާއި "އުންމީދު" އަކީ ވަރަށް ފާހަގަކޮށްލެވޭ ދެ ޑްރާމާ އެވެ.

އޭނާގެ އެންމެ ޗާލު ވީޑިއޯ ލަވަތަކުގެ ތެރޭގައި "ދަނީހެ އައިސްބަލާ" އާއި "ހިތް އެދޭތީ މަ އެދެމޭ" އާއި "ލޭ ކޮކާލާ މަލުން" އާއި "ސީދާ ހެ ބަލަން"، "ގޮވިއްޖެ ނަދުރު" އާއި "ވައުދު އުވާލާ" އާއި "ފަރިވެފަ ފޮނިވެފަ" ގެ އިތުރުން "ކާއިނާތޭ އެކީ އަންތަރީސްވީ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

ނިޝާ އަކީ އަދިވެސް ބެލުންތެރިން ސްކްރީނުން ދެކިލަން އެންމެ ބޭނުންވާ އެއް ބަތަލާ އެވެ. އޭނާގެ ވާހަކަ މިހާރު ވެސް މީހުން ދައްކާލެއް މަދެއް ނޫނެވެ. ދިވެހި ފިލްމީ ޚަބަރެއް ގެނެސްފި ނަމަ ކިޔުންތެރިންގެ ކޮމެންޓްތައް އަބަދު ވެސް ނިޝާއާ ގުޅުވައިގެން އާދެ އެވެ. އެހެންވެ އޭނާ އަށް ލޯތްބަށް ފަނޑުވުމެއް ނާންނަކަން ޔަގީނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނިޝާ އަކީ އޭނާގެ ފުރިހަމަ ބޭނުން ނުހިފި ވަނިކޮށް ފިލްމީ ދާއިރާ އިން ގެއްލުނު ބަތަލާއެކެވެ. އެ ވަރުގެ ބަތަލާއެއް މަދުން ނޫނީ ނުފެންނާނެ އެވެ.