Roadha Mihaaru
ސޯނޫ: މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ބޭނުން

ސޯނޫ: ބައެއް މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ބޭނުން

09 އެޕްރީލް 2020

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައިވާ ގައުމުތަކުގައި ނުތިބެ ރާއްޖޭގެ ރިސޯޓްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ބޭނުންވެގެން މަހުޖަނުންގެ ފަރާތުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ސޮނޭވާ ރިސޯޓް ޗެއިންގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައިވާ ގައުމުތަކުގައި ނުތިބެ ރާއްޖޭގެ ރިސޯޓްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ބޭނުންވެގެން މަހުޖަނުންގެ ފަރާތުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ސޮނޭވާ ރިސޯޓް ޗެއިންގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޓޫރިސްޓުން ދަތުރުނުކުރާތީ، ރާއްޖޭގެ އިގްތިސާދީ މައި ސިނާއަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެކަމުން ސަލާމަތްވެވޭނެ ގޮތާ ބެހޭ ގޮތުން ސޯނޫ، ކޯޕަރޭޓް މޯލްޑިވްސް ވެބްސައިޓުގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ކޮރޯނާވައިރަހުން ސަލާމަތްވާން ރާއްޖޭން ކުރަމުން އަންނަނީ ކުރިއަރަފާއިވާ ގައުމުތަކާ އަޅާބަލާއިރު ނަމޫނާ މަސައްކަތެއް ކަމަށެވެ.

ރާއްޖެ އަކީ މި ވައިރަހުން ސަލާމަތްވެފައިވާ ގައުމެއް ކަމަށް ލަސްތަކެއް ނުވެ އިއުލާންކުރެވޭ ހާލަތެއްގައި ބޯޑަރު ހުޅުވައިފި ނަމަ އެކަމުގެ ފައިދާ އެންމެ ރަނގަޅަށް ހިފޭނީ ކިހިނެއްކަމާ މެދު ސޯނޫ ލިޔުއްވާފައިވެ އެވެ.

"މިކަން ފަށަން އެންމެ ރަނގަޅު އެއް ގޮތަކީ އަމިއްލަ ޖެޓްތަކުގައި އަންނަ ބޮޑެތި މަހުޖަނުންނަށް ފުރުސަތު ހުޅުވާލުން" ކަމަށް ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސޮނޭވާ ލަގްޒަރީ ރިސޯޓްގެ ސީއީއޯ އަދި ފައުންޑަރު ސޯނޫ ވިދާޅުވި އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި އަމިއްލަ ޖެޓްތަކުގައި އަންނަ މަހަޖަނުންނާ އެކު މާ ގިނަ ފަސިންޖަރުންނެއް ނާންނާނެ އެވެ. އެހެންވެ އެއާޕޯޓް ވީއައިޕީއާ ހިސާބުން ފަސޭހަމާ އެކު އެ މީހުން އައިސޮލޭޓް ކުރެވޭނެ ކަމަށާއި ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓްތައް ހޯދައި އެ ތަނުން ވަގުތުން ޓެސްޓް ވެސް ކުރެވޭނެ ކަމަށް ލިޔުއްވި އެވެ.

"އެ މީހުން އެތެރެވުމުގެ ހުއްދަ ދޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. ޕޮޒިޓިވް ވިޔަސް، ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ފެންވަރު ރަނގަޅު ކަރަންޓީން ފެސިލިޓީތައް ހުރި މި ރާއްޖޭގެ ފެސިލިޓީއަކަށް އެ މީހުން ފޮނުވޭނެ އެވެ. މިކަން ކުރުމަށް، ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓްތައް ބޭނުންވާނެ އެވެ،" ޓޫރިޒަމުން އަވަހަށް އާމްދަނީ ހޯދަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންވީ ކަމެއްގެ ގޮތުގައި ސޯނޫ ޚިޔާލު ފާޅުކުރެއްވި އެވެ.

ސޯނޫ ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ޖެޓްތަކުގައި އަންނަ މަހުޖަނުންގެ މަދު ބަޔަކު އައި ނަމަވެސް ނިސްބަތުން ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ.

ސޮނޭވާ ލަގްޒަރީ ރިސޯޓްގެ ސީއީއޯ އަދި ފައުންޑާ ސޯނޫ ޝިވްދަސާނީ

ސޮނޭވާ ލަގްޒަރީ ރިސޯޓްގެ ސީއީއޯ އަދި ފައުންޑާ ސޯނޫ ޝިވްދަސާނީ

"އަމިއްލަ ޖެޓްގައި ރާއްޖެ އަށް އަންނަން ބޭނުންވެގެން ސޮނޭވާ އަށް މިހާރުވެސް ވިއްސަކަށް ހުށަހެޅުން ވަނީ ލިބިފަ އެވެ. އެ މީހުން ބޭނުންވަނީ އެ މީހުންގެ ގައުމުގައި ލޮކްޑައުންގައި ތިބުމުގެ ބަދަލުގައި މަހެއްހާ ދުވަސް ވަންދެން ރާއްޖޭގައި ތިބޭށެވެ. މިކަހަލަ ދެތިން ސަތޭކަ މީހުން ގެނެވުނަސް އެ މީހުން ފަސް މިލިއަނެއްހާ ޑޮލަރު ހޭދަކުރާނެ ކަމަށް ބެލެވެ އެވެ. މި އަދަދުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 600،000 ޑޮލަރު ލިބޭނެ އެވެ،" މި ހާލަތުގައި ހޯދިދާނެ އާމްދަނީއާ ބެހޭ އަންދާޒާއެއް ދެއްވަމުން ސޯނޫ ލިޔުއްވި އެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރުމާ އެކު ރާއްޖޭން ވެސް ވަނީ ބޭރުން މީހުން އައުން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އަޅައި އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފަ އެވެ. މިކަމާ ބެހޭ ގޮތުން ސޯނޫ ވިދާޅުވި ގޮތުގައި، ވައިގެ ދަތުރުތައް ރާއްޖެ އަށް އަލުން ފެށިދާނެ އެވެ. މިހާރު ވައިރަސްގެ ނުރައްކާ ކުޑަވެފައިވާ ގައުމުތަކާ ދެމެދު ދަތުރު ފެށިދާނެ ކަމަށާއި އެގޮތުން ސޯނޫ ވިދާޅުވީ ޗައިނާ އަކީ ރަނގަޅު ގައުމަކަށް ވާނެ ކަމަށެވެ. އެކަމަކު މިކަން ކުރާ ނަމަ، ޗައިނާ އިން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނަކަށް ގެންދެން ސަރުކާރުން ނިންމާފައިވާ ނިންމުން އެހެން ގޮތަކަށް ބަދަލުވާން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ޗައިނާގައި ފެތުރުނު ސަރަހައްދުތަކުން ގާތްގަނޑަކަށް އެ ވައިރަސް ނައްތާލައި އާންމު ހާލަތަކަށް މިހާރު ވަނީ އައިސްފަ އެވެ.

ސޯނޫ ވިދާޅުވީ ކޮރޯނާވައިރަހަށް ޕޮޒިޓިވް އެންމެ 19 ކޭސް ރާއްޖޭން ފެނި އަދި އާންމުންގެ ތެރޭގައި ވައިރަސް ފެތުރިގެން ދިޔަ ނުދީ މިހާތަނަށް ހިފެހެއްޓުމަކީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ އެވެ. އެހެން ގައުމުތަކުން ވަނީ މިކަމުން ސަލާމަތްވާން ލިބުނު އެންމެ މުހިންމު ދުވަސްތައް، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައި ބޭކާރުކޮށްލާފައި ކަމަށާއި އެކަމަކު ދިވެހިންގެ ރައްކާތެރިކަމަށް، އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނަސް، ދިވެހި ސަރުކާރުން އަޅާފައިވަނީ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ލިއުއްވި އެވެ.

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވަނީ ޓޫރިޒަމަށް ކަމަށް ވިޔަސް ސަރުކާރުން އިސްކުރީ ރައްޔިތުންގެ ރައްކާތެރިކަން ކަން އޭނާ ފާހަގަކުރެއްވި އެވެ.