Roadha Mihaaru
މިއަދުން ފެށިގެން އެމްއެސްއެސް އަށް ފައިދާވާނެ: ސައީދު

މިއަދުން ފެށިގެން އެމްއެސްއެސް އަށް ފައިދާވާނެ: ސައީދު

23 ނޮވެމްބަރ 2021

މިދިޔަ އަހަރު ގެއްލުމުގައި ހިންގި ނަމަވެސް އަމިއްލަ ބޯޓުގެ ދަތުރުތައް މިއަދު ފެށުމާ އެކު ކުންފުންޏަށް ފައިދާވާން ފަށާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ އަހަރު ގެއްލުމުގައި ހިންގި ނަމަވެސް އަމިއްލަ ބޯޓުގެ ދަތުރުތައް މިއަދު ފެށުމާ އެކު ކުންފުންޏަށް ފައިދާވާން ފަށާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެސްއެސްގެ އަމިއްލަ ބޯޓު، "ގަލޭނާ" ގެ ފުރަތަމަ ދަތުރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވައި ސައީދު ވިދާޅުވީ ކުރިން ބޯޓުތައް ކުއްޔަށް ނަގައިގެން އޮޕަރޭޝަން ހިންގުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވި ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން އެ ކުންފުންޏަށް ފައިދާ ވާން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރު ގެއްލުމުގައި ކުންފުނި ހިންގުމުގެ ސަބަބުން ދެން އޮންނާނީ އެބައި ރިކަވަކުރުމުގެ މަސައްކަތެވެ. އެއަށްފަހު ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އެމްއެސްއެސް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިބޯޓުގެ އެއްވެސް ވޮޔޭޖެއްގައި ގެއްލުން ނުވާނެ. މި ބޯޓުން ފެށިގެން އަޅުގަނޑުމެންނަށް ދާނީ ފައިދާ ވަމުން. ދެން އޭގެ މާނަ އަކީ ކުރީގެ ލޮސްތައް ރިކަވާކުރަން ޓައިމް ނަގާނެ. އެކަމަކު ފުލް ޕްރޮފިޓްގައި ދެން ކުރިއަށްދާނީ،" ސައީދު ވިދާޅުވި އެވެ.

ސްޓޭޓް ޝިޕިންގެ އަމިއްލަ ފުރަތަމަ ބޯޓު މުދާ ބަރުކޮށްގެން ރާއްޖެއަށް ބަނދަރު ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ /. މިހާރު

ސްޓޭޓް ޝިޕިންގެ އަމިއްލަ ފުރަތަމަ ބޯޓު މުދާ ބަރުކޮށްގެން ރާއްޖެއަށް ބަނދަރު ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ /. މިހާރު

މީގެ ކުރިން އެމްއެސްއެސް އިން ގެންގުޅު ދެ ބޯޓަކީ ވެސް ކުއްޔަށް ނަގައިގެން ގެންގުޅުނު ދެ ބޯޓެވެ. މި ދެބޯޓުގެ ވެސް ލީޒް މުއްދަތު ހަމަވުމުން މިހާރު ވަނީ އަނބުރާ ހަވާލު ކޮށްފަ އެވެ. ސައީދު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ފްލީޓަށް އަމިއްލަ އިތުރު ބޯޓުތަކެއް ގެނައުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެމްއެސްއެސްގެ ހިދުމަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. މެރިޓައިމް ދާއިރާއިން މީހުން ބިނާ ކުރުމާއި ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ދުނިޔެ ވެސް މި ދަނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރަމުން. އެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެމްއެސްއެސް ތައްޔާރުވެގެން މި އޮތީ. އަދި އިތުރު ސޮފްޓްވެއާ ސިސްޓަމްތަކެއް ބޭނުންކޮށްގެން ވިޔަފާރިވެރިންނަށް، މިސާލަކަށް ކޮންޓެއިނާ އެރައިވް ވީމަ ޕުޝް ނޯޓިފިކޭޝަން ލިބުން ފަދަ ކަސްޓަމަ ފްރެންޑްލީ ސާވިސްތައް ޑިޖިޓަލް ވަޒީލަތްތައް ބޭނުން ކޮށްގެން އިތުރުކުމަކީ މިއާއެކު ދެން އަޅުގަނޑުމެން ދާނެ ދިމާ،" ސައީދު ވިދާޅުވި އެވެ.

ސްޓޭޓް ޝިޕިންގެ އަމިއްލަ ފުރަތަމަ ބޯޓު "ގަލޭނާ"ގެ ކެޕްޓަން އެ ބޯޓުގެ މަސައްކަތްތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ސްޓޭޓް ޝިޕިންގެ އަމިއްލަ ފުރަތަމަ ބޯޓު "ގަލޭނާ"ގެ ކެޕްޓަން އެ ބޯޓުގެ މަސައްކަތްތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެމްއެސް އިން މެރިޓައިމް ދާއިރާއިން މީހުން ބިނާކުރުމަށް ގައުމީ ޔުނިވާސިޓީއާ ގުޅިގެންނާއި ސްކޮލަޝިޕްތައް ދީގެން މަސައްކަތް ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ. މިކަން އަންނަ އަހަރުގެ ތެރޭގައި ނުކޮށްފި ނަމަ ދާއިރާއިން މީހުން ހޯދުމަށް ދަތިވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ ގަލޭނާގައި މިވަގުތު މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަކީ ދިވެހިންނެވެ. އެއީ 14 ދިވެހިންނެވެ.