Roadha Mihaaru
ފުލް ލޯޑްގައި "އެމްއެމްސް ކްރޮމް" މާލެ އަތުވެއްޖެ

ފުލް ލޯޑްގައި "އެމްއެސްއެސް ކްރޮމް" މާލެ އަތުވެއްޖެ

07 ޖޫން 2022

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ "އެމްއެސްއެސް ކްރޮމް" އިން ދުބާއީ އިން މުދާ ބަރުކޮށްގެން މިއަދު މާލެ އަތުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ "އެމްއެސްއެސް ކްރޮމް" އިން ދުބާއީ އިން މުދާ ބަރުކޮށްގެން މިއަދު މާލެ އަތުވެއްޖެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، އެމްއެސްއެސް ކްރޮމް 41،500 ޓަނުގެ މުދަލާއެކު މާލޭގެ ވިޔަފާރި ބަނދަރަށް މިއަދު ހަވީރު ވަދެފައިވާ ކަމަށެވެ.

ދުބާއީ އިން މުދާ ހިފައިގެން ކޮންމެ 20 ދުވަހަކުން އެ ބޯޓު ރާއްޖެ އަށް ދަތުރުކުރާއިރު، ސައީދު ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ހަ މަހަށް ވެސް ވަނީ ބުކިން ލިބިފަ އެވެ.

"މިއަދުން ފެށިގެން ދަތުރުތައް މި ފެށީ. ދުބާއީ އިން ހަތް ވަރަކަށް ދުވަހުން މާލެ އަށް ދަތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސް ކްރޮމްއަކީ އެމްއެސްއެސް އިން ގަނެފައިވާ ބަލްކް ކެރިއާ ބޯޓެކެވެ. އެ ބޯޓުގެ އިތުރުން އަންނަ މަހު "އެމްއެސްއެސް ގްރިޕީން" ބޯޓު މާލެ އަންނާނެ އެވެ. އެ ބޯޓު މެދުވެރިކޮށް ސިންގަޕޫރާއި މެލޭޝިއާ އިން މުދާ ގެންނާނެ އެވެ. އެއާއެކު ޗައިނާ، ތައިލެންޑް، އިންޑޮނޭޝިއާ އިން މުދާ ގެންނަ ފަރާތްތަކަށް ލަންކާ އަށް ގެންދިއުމުގެ ބަދަލުގައި ސިންގަޕޫރާއި މެލޭޝިއާގެ ވިޔަފާރި ބަނދަރުން މުދާ ގެނެވޭނެ އެވެ.

އެމްއެސްއެސް އިން މި ވަގުތު ދަތުރުކުރަނީ ރާއްޖެ އާއި ކޮލަމްބޯއާ ދެމެދުގަ އެވެ.

އެ ކުންފުނި އުފެއްދީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ. އެމްއެސްއެސް ހިންގަމުން އަންނަތާ ދެ އަހަރުވީ އިރު ކުންފުނީގެ އާމްދަނީ އަންނަނީ ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.