Roadha Mihaaru
ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ވަރަށް މަދުވެއްޖެ

ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ވަރަށް މަދުވެއްޖެ

13 އެޕްރީލް 2020

މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ހިއްސާކުރި މައުލޫމާތުތަަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޑެންގީ ޖެހިގެން 43 މީހަކު އަދި މިދިޔަ މަހު 40 މީހަކު ރިޕޯޓުކޮށްފައި ވެ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު 425 ގައި އުޅުނުއިރު މާޗު މަހު ޑިންގީ ޖެހިގެން ރިޕޯޓުކުރި މީހުން އުޅެނީ 476 ގަ އެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ނަމަވެސް ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން އިލްތިމާސްކުރެ އެވެ.

ޑެންގީން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

- މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ފަދަ އެއްޗެހި ބޭނުންކުރުން

- ފަތިސް ގަޑި އަދި ހަވީރު ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން

- ހުސް ފުޅި އަދި ފެން ހަރުލާ ތަކެތި ގޯތި ތެރެ އާއި މަގުމައްޗަށް އުކާނުލުން

ބަލި ޖެހިއްޖެނަމަ ގޭގައި ދެވޭނެ ފަރުވާ

- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން

- ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރެވިދާނެ

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ތަފާސްހިސާބުތައް ވެސް ހިއްސާކޮށްފައި ވެ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން، މި އަހަރު ރިޕޯޓުކުރި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ގިނަ އެވެ. މިދިޔަ ފެބްރުއަރީ މަހު 19،633 މީހުން ރިޕޯޓުކުރި އެވެ. އަދި މިދިޔަ މަހު 16،994 މީހުން ރިޕޯޓުކޮށްފައި ވެ އެވެ.

ފެބްރުއަރީ ފަހު ހަފުތާގައި 4،392 އަދި މިދިޔަ މަހުގެ ފަހު ހަފުތާގައި 2،328 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 12،845 މީހުން އަރިދަފުސް ރޯގާ ޖެހިގެން އަދި މިދިޔަ އަހަރުގެ މާޗު މަހު 16،496 މީހުން އެ ބަލީގައި ރިޕޯޓުކޮށްފައި ވެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ މި ދުވަސްތަކާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިނގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދު ކަމަށެވެ. ބޭރަށް ހިނގުމާއި ހޮޑުލުމުގައި މިދިޔަ ފެބްރުއަރީ މަހު 1،656 މީހުން އަދި މިދިޔަ މަހު 1،214 މީހުން އެ ބަލީގައި ރިޕޯޓުކޮށްފައި ވެ އެވެ.