Roadha Mihaaru
17 އަހަރަށް ފަހު އިމްރާން ގައުމީ ޓީމުން ރިޓަޔާކޮށްފި

17 އަހަރަށް ފަހު އިމްރާން ގައުމީ ޓީމުން ރިޓަޔާކޮށްފި

12 އޮކްޓޯބަރ 2016

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު، 17 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް އަދި މުހައްމަދު ހަމްދޫން

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު، 17 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 19 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ފޭސްބުކްގައި މިރޭ ބުނި ގޮތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނެގި އެންމެ އުދަނގޫ ނިންމުމެވެ. އެކަމަކު، މިއީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމަށް ގައުމީ ޓީމާ ދުރަށް ދާން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގެ ޒުވާން ކީޕަރުންނާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް. އެ ކުޅުންތެރިންނަށް މޮޅު ކުޅުމެއް ދެއްކި ދާނެ ކަމަށް ގަބޫލުކުރަން،" ކުލަބު ލެވެލްގައި މިހާރު މާޒިޔާ އަށް ކުޅޭ އިމްރާން ފޭސްބުކްގައި ލިޔެފައިވެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބުނީ އެ ކުޅިވަރުން ގައުމު ފަހުރުވެރި ކޮށްދިނުމަށް އޭނާ އަށް ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކޮށްދެވުނު ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެކަމަކު، އެކަން ނިންމަން ދޫކޮށްލާނީ ސަޕޯޓަރުންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ކުޅުން ހުއްޓާލި ވަގުތާއި އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ހޮވުނު ވަގުތާ އިއްތިފާގުން ދިމާވީތީ އުފާ ކުރަން،" ކޮލިފައިން އިން ރޭ ރާއްޖެ ޖާގަ ކަށަވަރު ކުރި މެޗުގައި ކެޕްޓަން ބޭންޑު ވެސް އެޅި އިމްރާން ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގައި އިމްރާން ބައިވެރިވަނީ: އޭނާ ވަނީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދީފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގައި އިމްރާން ބައިވެރިވަނީ: އޭނާ ވަނީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދީފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުޓްބޯޅައިގައި ރާއްޖެ ތަމްސީލު ކުރުމުގައި ހޭދަކުރި މުއްދަތުގައި އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަމުގައި އެންމެ ކުޑަ މިންވަރަކަށް އެހީތެރިކަން ދިން މީހުންނާއި ކޯޗުންނާއި ކުޅުންތެރިންނާއި އެކުވެރިންނާއި ސަޕޯޓަރުންނާ އަދި އެފްއޭއެމް އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އާއިލާ އާއި އަންހެނުންނާއި ދަރިންގެ އެހީތެރިކަން ނެތި އަހަރެންނަށް މިކަން ހާސިލެއް ނުކުރެވުނީސް،" އިމްރާން ބުންޏެވެ.

"ރާއްޖޭގެ ޒުވާން ކީޕަރުންނާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް. އެ ކުޅުންތެރިންނަށް މޮޅު ކުޅުމެއް ދެއްކި ދާނެ ކަމަށް ގަބޫލުކުރަން." -- އިމްރާން

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކަމަށް ވީ ނަމަވެސް، ކުލަބު ލެވެލްގައި ކުޅޭނެ ކަމަށާއި ގައުމީ ޓީމަށް އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުންނާނެ ކަމަށް ވެސް އިމްރާން ބުންޏެވެ.

"ދިވެހި ފުޓްބޯޅަ އާއި ގައުމީ ޓީމަށް ކާމިޔާބީ އާއި ބާއްޖަވެރި ދުވަސްތަކަކަށް އެދެން،" އިމްރާންގެ ފަހު ބަސް ނިންމާލަމުން ބުނެފައިވެ އެވެ.

ގައުމީ ޓީމު ކުޅުނު މެޗެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާއިރު އިމްރާން (ކ) ބައިވެރިވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމު ކުޅުނު މެޗެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާއިރު އިމްރާން (ކ) ބައިވެރިވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާ މި ކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

އދ. މަހިބަދޫ އަށް އުފަން އިމްރާނަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ވަނީ ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފަ އެވެ. އެއާ އެކު، އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.

ކުލަބު ލެވެލްގައި އީގަލްސް، ވިކްޓްރީ، ވީބީ، ނިއު ރޭޑިއަންޓް އަދި މާޒިޔާ އަށް ކުޅެފައިވާ އިމްރާން ފާހަގަކުރެވެނީ މޮޅު ކީޕަރެއްގެ އިތުރުން ހަމަ އެހާމެ މޮޅު ކެޕްޓަނެއްގެ ވެސް ގޮތުގަ އެވެ. އެ ގޮތުން، އޭނާ ވަނީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކޮށް އަދި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

އިމްރާން އެންމެ ފުރަތަމަ އާއްމުންނަށް ފެނުނީ 2000 ވަަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުންނެވެ. އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ޒުވާން ކީޕަރުގެ ކުޅުމަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. އޭގެ ފަހުން، މިއަދާ ހަމަ އަށް ވެސް އިމްރާން އަތުން ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުކަން ގެއްލިފައެއް ނުވެ އެވެ.