"ކޮބާ އިސްހާގު؟"، "ކީއްވެ އޭނާ ނާރުވަނީ؟"
13 އޮކްޓޯބަރ 2016
"ކޮބާ އިސްހާގު؟"، "ކީއްވެ އޭނާ ނާރުވަނީ؟"
ދެހާސް ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު ގޯލުގައި އޭރު ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިސްހާގު އީސާ ނެތުމުން ބައެއް މީހުން ސުވާލުކުރަން ފެށި އެވެ.
އިސްހާގުގެ ބަދަލުގައި ގޯލް ބަލަހައްޓަން އަރާ ހުރި އުމުރުން 18 އަހަރުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދައްކަން ފެށި ހުނަރުން، އެ ސުވާލުތަކުގެ ޖަވާބު ލިބުނެވެ. ލަންކާ އާއި އިންޑިއާ އަދި ބަންގްލަދޭޝްގެ ފޯވާޑުންގެ ވަރުގަދަ ހަމަލާތައް އޭނާ ދިފާއުކޮށް، އުއްމީދީ ކުޅުމެއް އެ މުބާރާތުގައި ދެއްކި އެވެ. އިސްހާގާއި އަސްލަމް އަބްދުއްރަހީމް ފަދަ ކީޕަރުންގެ ބަދަލުގައި ތަޖުރިބާ މަދު ކީޕަރަށް އޭރުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ދިން ފުރުސަތަކީ ހައްގު ފުރުސަތެއްކަން ސާބިތުވި އެވެ.
ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލަންކާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ދިވެހިންނަށް ލިބުނު ހިތްހަމަޖެހުމަކީ ރާއްޖޭގެ ގޯލު ބަލަހައްޓާނެ ޒުވާން ހުނަރުވެރި ކީޕަރަކު ފެނުމުގެ އުފާވެރިކަމެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ގައުމީ ޓީމަށް އެތައް ބަދަލެއް އަތުވެއްޖެ އެވެ. ތަފާތު ކޯޗުންނާއި މެނޭޖަރުން އައިސް ގޮސްފި އެވެ. އެފްއޭއެމާއި ދިވެހި ފުޓްބޯޅައިގެ ހުރިހާ ދިމާލެއްގެ މަންޒަރު ބަދަލުވެއްޖެ އެވެ. އެކަމަކު އިމްރާން ދެގޮތެއް ނުވެ ރާއްޖޭގެ ގޯލް ދިފާއުކުރުމުގައި ހުރީ އެވެ. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުން އަންނަ ފަދައިން އިމްރާން މި ވަނީ އުނދަގޫ ނިންމުން ނިންމައި ގައުމީ ޓީމުން އިއްޔެ ރިޓަޔާކޮށްފަ އެވެ.
"އިމްރާނަކީ ދިވެހި ފުޓްބޯޅައިގެ ޝަހުސިއްޔަތެއް، އަބަދުވެސް ހުންނާނީ އެގޮތުގައި،" ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަން އަދި އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ. "ގައުމީ ޓީމަށް އިމްރާންގެ އެހީތެރިކަން ވެގެންދާނީ ވަރަށް ބޭނުންތެރި އެއްޗަކަށް. އެ އެހީތެރިކަން ބޭނުންކުރަން ވެސް ޖެހޭނެ."
އިމްރާން (ކ) 2000 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގެ މޮޅު ކުޅުންތެރިއާގެ އިނާމާ އެކު.
އިމްރާން ގައުމީ ޓީމަށް ކުޅެން ފެށިއިރު އެފްއޭއެމް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި އިބްރާހިމް އިސްމާއިލް ވަނީ އިމްރާނަށް ހާއްސަ މެސެޖެއް ވެސް ދެއްވައިފަ އެވެ؛ އެއީ ފުޓްބޯޅައިން އެކުއެކީގައި ވަކިނުވުމެވެ. ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އިމްރާން ފަދަ މީހުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިމްރާނަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާއެއް. އަހުލާގު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ރިވެތި މިސާލެއް އެއީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އިމްރާން ގައުމީ ޓީމުން ވަކިވުމަކީ ލިބުނު ދެރައެކެވެ. ނުހަނު ބޮޑު ހީނަރުކަމެކެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖް ބޯމަތީގައި އޮއްވާ ގައުމީ ޓީމުން ގެއްލިގެންދިޔައީ ހަމައެކަނި މޮޅު ކުޅުންތެރިއެއް ނޫނެވެ. ލީޑަރެެއް ވެސް މެ އެވެ. އެކަމަކު އެކަމާ ޝަކުވާ ކުރެވޭ ވަރަށް ވުރެ، އޭނާގެ ހިދުމަތް މާބޮޑަށް ވެސް ލިބިއްޖެ އެވެ.
އިމްރާން ވިދާލި މުބާރާތް ކަމަށްވާ ގޯލްޑަން ޖުބިލީ އަށް ފަހު އޭނާ ދެން ގައުމީ އަންގި އަޅައިގެން ނުކުތީ 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން އަށެވެ. އޭނާ ބެލެހެއްޓި ގޯލަށް ޗައިނާ އަށް މާލޭގައި ވައްދާލެވުނީ އެންމެ ލަނޑެކެވެ. ރާއްޖެ ފުރަތަމަ ފަހަރަށް ގްރޫޕުގެ ފުލުން ސަލާމަތްވިއިރު އިމްރާން އަދާކުރި ދައުރު ހަނދާންކުރަން ޖެހެ އެވެ.
އިމްރާން (މ) 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށްޓާ އެކު.
އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ ހޯދިއިރު ގޯލް ބެލެހެއްޓީ ވެސް އިމްރާނެވެ. ޖެހިގެން އައި އަހަރަކީ އިމްރާނުގެ ކެރިއަރުގެ ވެސް އެންމެ ހާއްސަ އެއް އަހަރެވެ. އޭގެ ކުރީ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާއާ މާލެގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި އޭނާ ދެއްކި ކުޅުމާ އެކު، އިމްރާނުގެ ހުނަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއްކަން ނެތްތަން ކަށަވަރުވި އެވެ.
ޖެހިގެން އައި 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނުދެވުނު ނަމަވެސް އިމްރާން ވަނީ 2008 ވަނަ އަހަރު، ފުޓްބޯޅައިން ދިވެހިން އެންމެ ބޭނުންވި ކާމިޔާބީ ހޯދައިދީފަ އެވެ. އިންޑިއާ 1-0 އިން ބަލިކޮށް ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އިންޑިއާ އާއި އެހެން ޓީމުތަކުގެ ހަމަލާތައް ދިފާއުކުރުމުގައި އޭނާ ކުރި މަސައްކަތް ދުވަހަކު ވެސް ހަނދާން ނުނެތޭނެ އެވެ. އަދި ހާއްސަކޮށް އޭގެ ކުރީ އަހަރަކު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ސަލާމަތްވެގެން ގައުމީ ޓީމަށް އެނބުރި އައި އައުން އެއީ ފާހަގަކުރަން ޖެހޭ ކަމެކެވެ.
އިމްރާން ނެތި ގައުމީ ޓީމު ކުޅުނީ ބޮޑު އެންމެ މުބާރާތެކެވެ. މާލޭގައި 2009 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގެ ކުރިން އިނގިލި ބިންދައިގެން ދިއުމުން އޭނާ ހުންނަން ޖެހުނީ ކުލިބަލާށެވެ. އެކަން ގައުމީ ޓީމުގެ ގޯލުން ވަރަށް ބޮޑަށް ފެނުނެވެ. ކޮލިފައިނުވެ ރާއްޖެ އެ ފަހަރު ކެޓިއިރު އެންމެން ދެއްކީ އިމްރާން ނެތުމުން ފެނުނު އުނި ކަމުގެ ވާހަކަ އެވެ. އެކަމަކު އޭގެ ބަދަލު އޭނާ ފުރިހަމައަށް ދިނެވެ. އޭގެ ފަސް އަހަރު ފަހުން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖެ އަށް ލިބުމުގައި، މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އިމްރާން މަތަކުރި ޕެނަލްޓީތަކުގެ ދައުރު ބޮޑެވެ. ފައިނަލަށް ނުދެވުމުން މާޔޫސްވެފައި އޮތް ޓީމު ނަގާ ކޮޅަށް ޖެހުމުގައި އިމްރާން ދެއްކީ ވަރުގަދަ ލީޑާޝިޕެކެވެ.
އިމްރާނުގެ ވާހަކަ ހަމައެކަނި އޭނާގެ މޮޅު ހުނަރުގެ ވާހަކައިން ނިންމާނުލެވޭނެ އެވެ. ކަކުލުގެ ލިގަމެންޓަށް ދެ ފަހަރު ސީރިއަސް އަނިޔާވި ނަމަވެސް އަހަރެއްހާ ދުވަހު ބުރަކޮށް މަސައްކަތްކޮށް އޭނާ ކުޅުމުގެ ތެރެއަށް އައި އައުމަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ. ޕްރެކްޓިހުގައި އަދި މެޗުގެ ތެރޭގައި އެހެން ކުޅުންތެރިން މޯޓިވޭޓްކުރުވައި އޭނާ ދައްކާ ލީޑާޝިޕަކީ މަދުން ނޫނީ ނުފެންނާނެ ކޮލިޓީއެކެވެ.
އިމްރާން (25) 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނާ އެކު. -- ފޮޓޯ:ނިޝާން އަލީ/މިހާރު
އިމްރާން ގައުމީ ޓީމާ ވަކިވި ދުވަހަކީ މުޅި ދިވެހި ފުޓްބޯޅައަށް ހިތާމަވެރި ދުވަހެއް ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ސިފަކުރީ އެހެންވެ އެވެ.
"އިމްރާނުގެ މަސައްކަތާއި ގުރުބާނީ މުޅި ގައުމުން ބަލައިގަނެ ސެލިއުޓްކުރޭ،" ދަގަނޑޭ ބުންޏެވެ.
އިމްރާނަކީ ދިވެހި ކުޅިވަރުގެ ރަމްޒެކެވެ. ހުރިހާ ކުޅިވަރު ކުޅުންތެރިންގެ ވެސް ލޯބި އޭނާ ވަނީ ހޯދައިފަ އެވެ. ރާއްޖޭގެ އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ކުޅުންތެރިޔަކީ އައިމިނަތު ޝިއުރާ ބުނީ އިމްރާން ވަރަށް ބޮޑަށް މިސްވާނެ ކަމަށެވެ.
"ތި އާދާޔާހިލާފު މޮޅު ކީޕަރުގެ ގޮތުގައި ހުރީތީ އިމްރާނަށް ޝުކުރިއްޔާ،" ޝިއުރާ ބުންޏެވެ.
އިމްރާން ގައުމީ ޓީމާ ވަކިވުމަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައަށް ވެސް އަންނާނެ ހީނަރުކަމެކެވެ. އޭނާ ނެތި މިހާތަނަށް ކުޅެފައިވަނީ އެންމެ ދެ ސާފް ޗެމްޕިއަންޝިޕެވެ. އެއީ 1997 އަދި 1999 ވަނަ އަހަރުގެ މުބާރާތެވެ. އޭގެ ފަހުން ކުޅުނު ހުރިހާ ސާފް ޗެމްޕިއަންޝިޕެއްގައި އިމްރާނުގެ ހުނަރު ފެނިގެންދިޔައިރު އޭނާ އަކީ މި ސަރަހައްދުގެ އެންމެ މޮޅު އެއް ކީޕަރެވެ. އަދި އޭނާ އަކީ ދެކުނު އޭޝިއާ ފުޓްބޯޅައިގެ އެންމެ ތަޖުރިބާހުރި އެއް ކުޅުންތެރިޔާ އެވެ.
ސޯޅަ އަހަރަށް ފަހު އިމްރާން ގައުމީ ޓީމާ ވަކިވުމުން އެކަމުގެ ހިތާމަކުރާ އިރު އެއާ އެކު މިހާރު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ގައުމީ ޓީމުގައި މުސްތަގުބަލުގައި އޭނާގެ ޖާގަ ފުރާނެ ކީޕަރެއް ހޯދުމުގެ މަސައްކަތެވެ. އެކަމަށް އެހީތެރިވެދޭނެ ކަމަށް އިމްރާން ވަނީ މިހާރު ވެސް ބުނެފަ އެވެ. އެކަމުގެ އިތުރުން ގައުމީ ޓީމާއި ދިވެހި ފުޓްބޯޅައަށް އެހީގެ އަތެއް ދިއްކޮށްލެވެން އޮތް ކަމެއްގައި އިމްރާން ހުރީ ގައުމީ ޓީމަށް އެހީވާން ތައްޔާރަށެވެ.
ސެންޗަރީ ކްލަބްގައި އިމްރާން، މެޗުގެ ޖުމްލަ 110އަށް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
17 އަހަރަށް ފަހު އިމްރާން ގައުމީ ޓީމުން ރިޓަޔާކޮށްފި
"12 ވަނަ ކުޅުންތެރިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުން"
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން