Roadha Mihaaru
އަފްރާޝީމްގެ ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެފި

އިސްލާމީ ގައުމެއްގެ އެންމެ އިސް މަގާމު އަންހެނުން ފުރުމާ ގުޅޭ ގޮތުން އަފްރާޝީމް ލިޔުއްވި ފޮތް ނެރެފި

13 އޮކްޓޯބަރ 2016

އިސްލާމީ ގައުމެއްގެ ވެރިކަން އަންހެނުން ކުރުމުގައި ދީނުގައި އޮންނަ އުސޫލުތައް ބަޔާންކޮށް، ޑރ. އަފްރާޝީމް އަލީ ލިޔުއްވި ފޮތެއް، މައުމޫން ފައުންޑޭޝަނުން ރޭ ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމީ ގައުމެއްގެ ވެރިކަން އަންހެނުން ކުރުމުގައި ދީނުގައި އޮންނަ އުސޫލުތައް ބަޔާންކޮށް، ޑރ. އަފްރާޝީމް އަލީ ލިޔުއްވި ފޮތެއް، މައުމޫން ފައުންޑޭޝަނުން ރޭ ނެރެފި އެވެ.

"އަންހެނަކު އިސްލާމީ ގައުމެއްގެ އެންމެ މަތީ މަގާމު އަދާކުރުމަކީ ޝަރުއީ ގޮތުން ހުއްދަ ކަމެއްތޯ؟"ގެ ނަމުގައި އަފްރާޝީމް ލިޔުއްވާފައިވާ ފޮތް ނެރެދެއްވީ، ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ފައުންޑޭޝަންގެ ޗެއާމަން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ދައުލަތަށާއި އަންހެނުންގެ ހައްގުތަކަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން އަންނަ ކުރީގެ މިނިސްޓަރު އަނީސާ އަހުމަދެވެ.

މި ފޮތަކީ ވަޅިން ހަމަލަދީ، އަވަހާރަކޮށްލާފައިވާ އަފްރާޝީމް ކުރިން ލިޔުއްވައި އޭނާގެ އާއިލާއަށް ހަދިޔާކުރައްވާފައިވާ ފޮތެކެވެ. އާއްމުންނާ ހަމައަށް މި ފޮތް ގެނެސްދެއްވީ، އަފްރާޝީމް އާއިލާގެ ހުއްދައާއެކު މައުމޫން ފައުންޑޭޝަނުންނެވެ. މި ފޮތުގައި ގުރުއާނާއި ސުންނަތާއި ދީނީ އިލްމުވެރިންގެ ވާހަކަފުޅުތައް ހިމަނާފައި ވެ އެވެ.

ފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަފްރާޝީމް ލިޔުއްވި ފޮތެއް ނެރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ނަމަވެސް ދުނިޔޭގައި އަފްރާޝިމް ނެތުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

އިސްލާމީ ގައުމެއްގެ އެންމެ އިސް މަގާމު އަންހެނުން ފުރުމާ ގުޅޭގޮތުން އަފްރާޝީމް ލިޔުއްވި ފޮތް ނެރުމަށް ރޭ ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މައުމޫން ވިދާޅުވީ މަތީ މަގާމުތަކުގައި އަންހެނުން ތިބުމާ ގުޅޭގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށާއި އެހެންކަމުން މިފަދަ ފޮތެއް ލިޔުއްވުމަކީ އަފްރާޝީމަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ.

މައުމޫން ފާހަގަކުރެއްވި ގޮތުގައި، އަފްރާޝީމް ލިޔުއްވި މި ފޮތަކީ އަންހެނުންގެ ހައްގުތައް ހޯދުމަށް ލިބޭ އިތުރު ހިތްވަރެކެވެ.

އަފްރާޝީމް ލިޔުއްވާފައިވާ 17 ފޮތެއް އާއްމުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން އަނީސާ ވިދާޅުވީ އަންހެނުންނަށް ވެރިކަން ކުރުމަށް ގާނޫނީ ގޮތުން މިހާރު ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ބާރުގަދަ މަގާމުތަކަށް އައުމަށް އަންހެނުންނަށް ދަތިވާކަމަށް ވިދާޅުވި އެވެ.

އިސްލާމްދީނުގައި އަންހެނުނަށް ދެވިފައިވާ ހައްގު މަގާމު ކިޔައިދޭންޖެހޭ ކަމަށް ވެސް އަނީސާ ވިދާޅުވި އެވެ.

އިސްލާމީ ގައުމެއްގެ އެންމެ އިސް މަގާމު އަންހެނުން އަދާކުރުމާ ގުޅޭ ގޮތުން އަފްރާޝީމް ލިޔުއްވި ފޮތް ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، އަފްރާޝީމްގެ ހަނދާނުގައި ގެނައި ސުކޫތުގައި ބޭފުޅުން ބައިވެރިވެވަަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އަފްރާޝީމް ލިޔުއްވި ފޮތް ވިއްކަން ހަމަޖައްސާފައިވަނީ 50ރ. އަށެވެ. ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރަން ނިންމާފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އަކަށް ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ، އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ އަވަހާރަކޮށްލި އަފްރާޝީމްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ފާހަގަކޮށްފަ އެވެ.

މައުމޫން ފައުންޑޭޝަނަކީ، މުޖުތަމައަށް އެކި ހިދުމަތްތައް ކޮށްދެއްވުމަށް 2010 ގައި މައުމޫން އުފެއްދި ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން އަންނަނީ ކޮންމެ އަހަރަކު ވެސް ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެމުންނެވެ. މީގެ އިތުރުން ކޮންމެ ރަމަޟާން މަހެއްގައި އިހުޔާކުރުމުގެ ރޭތައް ވެސް ބާއްވަ އެވެ.