Roadha Mihaaru
މާލެ އިން އެކަކު ފެނުނަސް ބަލާނީ ފެތުރިއްޖެ ކަމަށް: ޓެގު

މާލެއިން އެކަކު ފެނުނަސް ބަލާނީ ވަރަށް ބޮޑަށް ފެތުރިފައި އޮތް ކަމަށް: ޓެގު

15 އެޕްރީލް 2020

ކޮވިޑް-19 އަށް ޕޮޒިޓިވް އެންމެ މީހަކު މާލެތެރެއިން ފެނުނަސް ބަލާނީ، އާއްމުންގެ ތެރޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައި އޮތުން ކަމަށާއި އޭރަށް އަޅަން ޖެހޭނީ މިހާރަށް ވުރެ މާ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އަށް ޕޮޒިޓިވް އެންމެ މީހަކު މާލެތެރެއިން ފެނުނަސް ބަލާނީ، އާއްމުންގެ ތެރޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައި އޮތުން ކަމަށާއި އޭރަށް އަޅަން ޖެހޭނީ މިހާރަށް ވުރެ މާ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

އާއްމުންގެ ތެރެއަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މުއައްސަސާތަކަށް ލަފާ ދޭ ޓެގް ޓީމުގެ ފަސް ބޭފުޅުން އެކުގައި މިދިޔަ ހަފުތާގައި "މިހާރު"އަށް ދެއްވި އިންޓަވިއުގައި، ވިދާޅުވީ މާލެ އިން އެކަކު ފެނުނަސް އެއީ "ސރީއަސް ހާލަތެއް ކަމުގައި ބަލަން މަޖުބޫރުވާނެ" ކަމަށެވެ. ލޮކްޑައުންކުރަން ޖެހޭ ތަންތަން ކަނޑައަޅައި ޓެގުގެ ފިޔަވަޅުތައް އެ ހިސާބުން ހަރުކަށިވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ބޭރުން އަންނަ އެންމެން ކަރަންޓީންކުރުމާއި ސަރުކާރު އޮފީސްތަކާއި މިސްކިތްތައް ބަންދުކޮށް ފިޔަވަޅު އަޅަމުން ދަނިކޮށް މާލެ އިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފަ އެވެ. އެޗްޕީއޭ އިން ބުނިގޮތުގައި، މިހާތަނަށް ބެލިބެލުމުން، މި މީހާ ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައެއް ނުވެ ނުވެ އެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރި ކޮށްފަ އެވެ.

ޓެގުގައި ހިމެނިވަޑައިގަންނަވާ، ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ މާލޭގައި އުޅޭ މީހަކު ވައިރަހަށް ޕޮޒިޓިވްކަން ފާހަގަވެއްޖެ ނަމަ ސީރިއަސް ވަނީ، އެ މީހާ އަށް ޖެހުނީ ކޮން ހިސާބަކުން ކަމެއް ވިސްނައިގަންނަން ވެސް ދަތިވާނެތީ ކަމަށެވެ. ކޮންޓްކެޓް ޓްރޭސިން ހެދިއަސް ތޮއްޖެހިފައި އޮތް މާލޭގައި އެ މީހަކާ ކޮންޓެކްޓްވި އަދި އެ މީހުންގެ ފަރާތުން ބައްޔަށް ހުށަހެޅުނު މީހުން ދެނެ ނުގަނެވޭނެތީ އެވެ.

ޓެގު ޓީމްގެ ބޭފުޅުން "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ޓެގު ޓީމްގެ ބޭފުޅުން "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ރާއްޖެ އިން ނައްތާލާފައިވާ މީސްލްސް ކޭސްއަކުން މިސާލު ނަންގަވައި ވިދާޅުވީ އެފަދަ ރާއްޖޭގައި އަލުން ފެނުނުއިރު، އެ ބަލި އައީ ކޮން ދިމާލަކުން ކަން ދެނެގަންނަން ނޭނގުނު ކަމަށެވެ.

"ޕޮޒިޓިވް މީހަކު ފެންނަ ހިސާބުން އަޅުގަނޑުމެންނަކަށް ނޭނގޭނެ އަސްލު ކިހާވަރަކަށްތޯ ކޮމިއުނިޓީގައި ސްޕްރެޑްވެފައި ހުރީ. މާލެއަކީ އިންފުލުއެންޒާ ސީޒަންގައި ވެސް ހަމަ އެންމެން ރޯގާ ޖެހޭ ތަނެއް،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 98،500 މީހުން ވައިރަހަށް ޕޮޒިޓިވްވެދާނެ އެވެ. މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ.

މާލެ އަށް ފެތުރިއްޖެ ނަމަ މިހާރަށް ވުރެން ހަރުކަށި ފިޔަވަޅުތަކަކާ އެކު ދެން އަމަލުކުރާނެ ގޮތުގެ ޕްލޭން ވެސް އެބައޮތެވެ.

"ރާއްޖޭގެ ހާލަތަށް ބެލީ، ކިހިނެއްތޯ ފެތުރުން ހުއްޓުވޭނީ. މާލެ ވިޔަސް، ދެން ރާއްޖޭގެ ރަށްތައް ހުރީމަ، ވަކިވަކި ޒޯންތަކަކަށް ބަހާލައި ދެ ރަށެއްގައި ފެތުރިއްޖިއްޔާ މިވެނި ގޮތަކަށޭ ހަދަނީ، އެގޮތަށް ޕްލޭނެއް ރޭވިއިރު ސިންގަޕޫރުގެ މޮޑެލް ނެގީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލޭގައި ފެތުރިއްޖެ ނަމަ ފަރުވާދޭން ރާވާފައިވާ ގޮތް ވެސް ޓެގުގެ ބޭފުޅުން ކިޔައިދެއްވި އެވެ. އެގޮތުން ފަރުވާ އަށް ޚާއްސަކޮށްފައި ވަނީ ހުޅުމާލެ އާއި ހުޅުލޭ އައިލެންޑް ހޮޓަލާއި ފަރުކޮޅާއި ޓްރީޓޮފް ހޮސްޕިޓަލެވެ. މީގެ އިތުރުން ރާއްޖެ ހަ ސަރަހައްދަކަށް ބަހާލައި ފަރުވާދެވޭނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ.

ކޮންމެ ޒޯނެއްގައި ވެސް 20 އެނދުގެ އައިސީޔޫއަކާއި އައިސޮލޭޝަނަށް 20 އެނދު ބެހެއްޓުމަށް ވަނީ ހަމަޖައްސައިފަ އެވެ.

"ސްޓެޓިކްސް އަށް ބަލާއިރު ފުދޭވަރަކަށް ގިނަ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު. އެހެންވެއްޖިއްޔާ މިހާރު ހުރި ކެޕޭސިޓީއަކުން ނުވާނެ. ވަގުތީ ގޮތުން މިހާރު ހަދާ ތަންތަނަކީ ހޮސްޕިޓަލް ފަދަ ތަންތަން. މާނަައަކީ ބަލި މީހާ އެޑްމިޓްކޮށް، ވެންޓިލޭޓްކޮށްގެން ވެސް ފަރުވާ ދެވޭ ގޮތަށް ހަދާ ތަންތަން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.