Roadha Mihaaru
އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި

ކޮވިޑް-19: އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި

15 އެޕްރީލް 2020

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހަކު ފުރަތަމަ ފަހަރަށް މާލެ އިން މިއަދު ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން އާއި އެހެނިހެން ކަންކަން ކުރުމަށް މާދަމާގެ މެންދުރު 2:30 އާ ހަމައަށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހަކު ފުރަތަމަ ފަހަރަށް މާލެ އިން މިއަދު ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން އާއި އެހެނިހެން ކަންކަން ކުރުމަށް މާދަމާގެ މެންދުރު 2:30 އާ ހަމައަށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ސްޕެޝަލިސްޓް އޯޕީޑީގެ ހިދުމަތްތަކާއި ބައެއް ކްލިނިކަލް ހިދުމަތްތައް ވެސް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެޑްމިޓް ކޮށްގެން ދޭން ޖެހޭ ފަރުވާ އާއި ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާ ލިބޭނެ ކަމަށް ބުންޏެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރާނެ ގޮތެއް އިއުލާނު ކުރާނީ ހޮނިހިރު ދުވަހު ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އައިޖީއެމްއެޗްއިން މިއަދު ކުރި ޓްވީޓެއް

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ރާއްޖެއިން މިދިޔަ މަހު ފެނުމުން، އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތަކަށް މީގެ ކުރިން ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ހުން އައިސް ރޯގާ ޖެހުމުން ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، ސަރުކާރުން އެކަމަށް ހާއްސަކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ދާން އެ ހޮސްޕިޓަލުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން، ފަރުވާ ހޯދަން ދާން ޖެހޭނީ މާލެ ހިޔާ 2 ގެ ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކަށް ނުވަތަ ސެނަހިޔާގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށެވެ. މާލެ ހިޔާ 2 ގެ ފަހަތުގައި ހުންނަ ކްލިނިކުން ދިވެހިންނާއި ބިދޭސީންނަށް ހިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން މީގެ ކުރިން ބުނެފައި ވެ އެވެ. ބިދޭސީންނަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގެ ވެސް ގާއިމްކޮށްފައި ވެ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި މި މަހުގެ ފަސް ވަނަ ދުވަހު ގާއިމްކުރި އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ ކްލިނިކްގެ ހިދުމަތް، އެޕޮއިންޓްމެންޓަކާ ނުލާ ވެސް ލިބޭނެ އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއްވެސް ގުޅުމެއް ނެތް ދިވެއްސަކު މާލެތެރެއިން މި ބައްޔަށް މިއަދު ޕޮޒިޓިވްވުމުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ މިއަދުގެ މެންދުރު 2:30 ން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ. މި ލޮކްޑައުންގައި މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ ތިލަފުށި އަދި ގުޅިފަޅު ވެސް ހިމެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުންނަށް އެކަންޏެވެ.

ޗައިނާގެ ވުހާން ސިޓީއަށް އުފަން މި ބަލި، ރާއްޖެއިން ފެނުމުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އެއް މަސް ދުވަހަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހެވެ. ނަމަވެސް އެ މުއްދަތު، މި މަހުގެ ނިޔަލަށް އިތުރު ކުރީ މި މަހުގެ 10 ވަނަ ދުވަހެވެ. މި ބައްޔާ ދެކޮޅަށް އެޅޭނެ އެންމެ ރަނގަޅު ސަލާމަތީ ފިޔަވަޅަކީ ގޭގައި މަޑުކުރުމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުން ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އަންގަމުންނެވެ.

ރާއްޖެ އިން ކޮރޯނާވައިރަހަށް 20 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ހަ މީހުންނަކީ ދިވެހިންނެވެ. އޭގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެ، ފަރުވާގައި ތިބީ ތިން މީހެކެވެ. މާލެތެރެއިން މިއަދު ޕޮޒިޓިވްވި ދިވެހި މީހާ ފިޔަވައި ބާކީ ފަސް މީހުންނަކީ ރާއްޖެ އިން ބޭރުން އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފާ މީހުންނެވެ.