Roadha Mihaaru
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19: ރާއްޖޭގައި ދެ ދިވެހިން ފިޔަވައި އެންމެން ރަނގަޅުވެއްޖެ

29 މާޗް 2020

ކޮވިޑް-19 އަށް ރާއްޖޭގައި ފަރުވާކުރަމުން އައި 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެންގެ ވެސް ބަލި ރަނގަޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ރާއްޖޭގައި ފަރުވާކުރަމުން އައި 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެންގެ ވެސް ބަލި ރަނގަޅުވެއްޖެ އެވެ.

ދަރުބާރުގޭޭގައި ހުންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮފަރެންސްގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކޮވިޑަށް ކުރިން ޕޮޒިޓިވް ވި ބޭރުގެ ހުރިހާ އެންމެންނަށް ފަރުވާ ކުރުމަށް ފަހު އެ މީހުން އަލުން ޓެސްޓްކުރި އިރު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭން އެ ބައްޔަށް ފަރުވާކޮށް ރަނގަޅުވި މީހުންގެ އަދަދަކީ މިހާރު 13 އެވެ.

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 17 ކަމަށް ވިޔަސް، އޭގެ ތެރެއިން ދެ މީހަކީ އިޓަލީ އަށް ފުރައިގެން ދިޔަ ފަހުން ނަތީޖާ ލިބުނު ދެ މީހުންނެވެ.

ބަލިން ސަލާމަތްވި މީހުންގެ ތެރެއިން މީހަކު އެންމެ އަވަހަށް ވެސް ދޫކޮށްލެވޭނީ ކިހާތާކުތޯ "މިހާރުން"ން ސުވާލު ކުރުމުން މުރާދު ވިދާޅުވީ އޭގެ ތެރެއިން ތިން މީހަކީ ބަލިވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ބަޔަކަށް ވާތީ ދޫކޮށްނުލައި އެއް މަސް ދުވަހު އަދި ބައިތިއްބާނެ ކަމަށެވެ.

"އެ ތިން މީހުން އެއީ ތަންކޮޅެއް ބަލިވެގެން ބަދަލުކުރި މީހުން ވީމާ އެ މީހުން ހަމަ ދޫކޮށްނުލައި، އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންނަށް ގައިޑްލައިންތަކުން ބެލެހެއްޓޭނެ އެންމެ ދިގު މުއްދަތަކަށް އެ މީހުން ބެލެހެއްޓޭތޯ. އިތުރު މައްސަލައެއް ދިމާނުވާނެކަން ކަށަވަރުކުރުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ވެލިދޫ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ދޫކޮށްލާނީ އެ މީހުންގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑަބަލް ނެގެޓިވްވި މީހުންގެ ކަރަންޓީނު މުއްދަތު ހަމަވެފައިވާ ނަމަ މިހާރު ވެސް ޑިސްޗާޖް ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭން އެންމެ ފަހުން ޕޮޒިޓިވް ވި ބަޔަކީ އިއްޔެ އާއި މިއަދު ޕޮޒިޓިވްވި މީހުންނެވެ. އެ މީހުން އެ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އަދި ހާލު ރަނގަޅެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި މީހުންނަށް ފަރުވާ ކުރުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުން ކުރަމުން އަންނަނީ ކާމިޔާބު މަސައްކަތެކެވެ. އޭގެ ތެރެއިން އެންމެ ހާލު ބޮޑުވި މީހާ ވެސް ވަނީ ރަނގަޅުވެފަ އެވެ. އޭނާ ރަނގަަޅުވީ ނިއުމޯނިއާ އަށް ބަދަލުވުމަށް ފަހުގަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ މިހާރުގެ ޖުމްލަ އަކީ 704،513 އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 33،519 އެވެ.