Roadha Mihaaru
މާދަމާ ކުނި ނަގަން އަލުން ފަށާނަން: ވެމްކޯ

ކުނިނެގުމުގެ މަސައްކަތް މާދަމާ ފަށާނަން، އެއްބާރުލުން ބޭނުން: ވެމްކޯ

16 އެޕްރީލް 2020

ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން، މެދުކަނޑާލާފައި ވިޔަސް، ކުނި ނެގުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެ ކަމަށް ވެމްކޯއިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން، މެދުކަނޑާލާފައި ވިޔަސް، ކުނި ނެގުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެ ކަމަށް ވެމްކޯއިން މިރޭ ބުނެފި އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް އަހުމަދު ޝާފިއު ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތް މާދަމާ މެންދުރެއް ހާއިރު އަލުން ފަށާ އިރު، ހިދުމަތް ދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ކޮވިޑް-19ގެ ކޭސްއެއް މާލެއިން ފެނުމާ އެކު ކުނި ނެގުމުގެ ހިދުމަތް މިއަދު މެދުކަނޑައިލީ އެގޮތުން ގެންނަން ޖެހޭ ބަދަލުތަކުގެ އިންތިޒާމް ހަމަޖައްސަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި މީގެ ކުރިން ކުނި ނަގަމުން ދިޔައީ އިމާރާތްތަކަށް ވަކިވަކިން ވަދެގެން ކަމަށް ވިޔަސް، މާދަމާއިން ފެށިގެން އަލުން ފަށާއިރު، ވެމްކޯއިން އަންގާ ގަޑިތަކެއްގައި ގެތަކުން ކުނި ބޭރުކުރަން ޖެހޭނީ މީހުން އަމިއްލަ އަށެވެ. އަދި އެގޮތުން ކުނި ނަގާނީ މާލެ ސަރަހައްދުތަކަކަށް ބަހާލައިގެން ކަމަށާއި ކުނި ނަގަން އެކި ސަރަހައްދުތަކަށް ދާ ގަޑިތައް ކުރިން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގައި ވެމްކޯ އަށް އެއްބާރުލުން ދޭން ރައްޔިތުންގެ ކިބަިއން އެދިވަޑައިގަންނަވާ ކަމަށާއި މަސައްކަތް ފަށައިގަންނަ އިރު ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.

"ބައެއް ގޭގެއިން ނެރޭ ކުނި ލަސްވުން ވެސް އެކަަށީގެންވޭ. އެހެން ވެއްޖެ ނަމަ އަޅުގަނޑުމެންނަށް އެކީ ނުނެގި ދޫކޮށްލެވިފައި ދާނެ. އެހެންވީމާ ވީހާ ވެސް ބޮޑަށް އަޅުގަނޑުމެން އިއުލާނުކުރާ ގަޑިތަކެއްގައި އަޅުގަނޑުމެންނަށް ކުނި ލިބޭނެ ގޮތް ހައްދަވައިދެއްވާ،" އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން އެކި ސަރަހައްދުތަކުން ކުނި ނަގާ ގަޑިތަކުގެ ތަފްސީލު މާދަމާ ހާމަ ކުރާނެ ކަމަށާއި އޭގެ އިތުރުން، އެ މައުލޫމާތު ދޭން މާދަމާ ޕްރެސްބްރީފިން އެއް ބާއްވާނެ ކަމަށްް ވެސް ޝާފިއު ވިދާޅުވި އެވެ.

އާއްމުކޮށް ހުރިހާ ގެއަކުން ކުނި ނެރޭ ގޮތަށް ހަމަޖެއްސިޔަސް، ކޮވިޑްގެ ކޭހެއް ފެނިގެން، ނުވަތަ އަލާމާތެއް ހުރި މީހަކު ފެނިގެން ވަދެ ނުކުމެ އުޅުން މަނާކުރާ ގެތަކުން ކުނި ނަގާނީ ވެމްކޯގެ މުވައްޒަފުން ގޮސްގެން ކަމަށާއި އެ މަސައްކަތް ކުރާނީ ރައްކާތެރި ފިޔަވަޅުތަކާ އެކު އެކަމަށް ހާއްސަވެގެން ތިބޭ ވަކި މުވައްޒަފުން ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްޕެޝަލް ޓާސްކްފޯސް ޓީމް މަސައްކަތްކުރާނެ. އެބޭފުޅުން [ބަންދުކޮށްފައިވާ ގެތަކުގެ މީހުން] އާއްމުކޮށް އެހެން ރައްޔިތުން ބޭރުގައި ކުނި ބަހައްޓަވާ ގޮތަށް ނުބަހައްޓަވައްޗޭ،" ޝާފިއު ވިދާޅުވި އެވެ.

ވެމްކޯގެ ސްޕެޝަލް ޓާކްސްފޯސް މަސައްކަތްކުރާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އެ ގެތަކުން ނަގާ ކުނި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިކަމާ އެކުގައި ކުރާނެ އެވެ.

ވެމްކޯގެ މެނޭޖާ ކަލެކްޝަންސް ސާވިސް މުހައްމަދު ޝާން ވިދާޅުވީ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭ ހާލަތެއް އަތުވެއްޖެ ނަމަ ހަރަކާތްތެރިވާނެ ގޮތްތައް ވެމްކޯއިން ދުރާލައި ރާވައި، މުވައްޒަފުންނަށް އެކަމާ ބެހޭ އިރުޝާދުތައް ދީ ތައްޔާރުކުރުވާފައިވާނެ ކަމަށެވެ. މި ހާލަތުގައި ގެތަކުން ނެރޭ ކުނި ބަންދުކުރުމުގައި އާއްމުން ފަރުވާތެރިވާން ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"[އެދެނީ] އެހެން މީހަކަށް، އެ އުފުލުގައި ގެއްލުމެއް ނުވާނެ ގޮތަށް އެ ޕެކްކޮށް ދެއްވާށޭ. އަޅުގަނޑުމެން އެއްތާކުން އަނެއް ތާކަށް އުފުލާއިރު، އެއިން ދިޔަ ފައިބާނެތީ އެއަށް ވެސް ވިސްނަވައިދެއްވާށޭ. ކުނި އުކައިލުމުގައި ފަރުވާ ކުޑަ ނުކުރައްވާށޭ،" އޭނާ ވިދާޅުވި އެވެ.