Roadha Mihaaru
ހުކުރު ހުތުބާ ފުރަތަމަ ފަހަރަށް ސްޓޫޑިއޯ އިން

ހުކުރު ހުތުބާ ފުރަތަމަ ފަހަރަށް ސްޓޫޑިއޯ އިން

17 އެޕްރީލް 2020

ކޮވިޑް-19 އަށް މާލޭން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުން ކުރުމާއެކު، މިއަދުގެ ހުކުރު ހުތުބާ ސްޓޫޑިއޯ އިން ދީފި އެވެ. މިއީ މި ގޮތަށް ރާއްޖޭގައި ހުތުބާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އަށް މާލޭން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުން ކުރުމާއެކު، މިއަދުގެ ހުކުރު ހުތުބާ ސްޓޫޑިއޯ އިން ދީފި އެވެ. މިއީ މި ގޮތަށް ރާއްޖޭގައި ހުތުބާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމުގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މާލެ ސަރަހައްދުގައި މެދުކަނޑާލާފައިވާއިރު ހުކުރު ނަމާދު ލައިވް ކުރަމުން އައީ ކ. ހިންމަފުށިންނާއި ތުލުސްދޫންނެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ލޮކްޑައުންކޮށް، އަރައިފޭބުން މަނާކުރުމުން މިއަދުގެ ހުތުބާ ޓީވީތަކުން ގެނެސްދިނީ އިސްލާމިކް މިނިސްޓްރީގެ ސްޓޫޑިއޯއިންނެވެ.

ފުރަތަމަ ފަހަރަށް ސްޓޫޑިއޯ އިން ހުތުބާ ދެއްވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފެވެ. ހުތުބާގެ މައުލޫއަކީ "ޝައުބާން މަހާއި ހެޔޮ އަމަލު" އެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ޖަމާއަތުގައި މިއަދު ވަނީ ހުކުރު ނަމާދު ކޮށްފަ އެވެ.

މާލެ ސަރަހައްދު އަންނަ މަހުގެ 1 އަކާ ހަމައަށް ލޮކްޑައުން ކުރަން ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލޮކްޑައުން ހާލަތްތަކުގައި މާލެ ސަރަހައްދުގައި ހުތުބާ ދޭނީ ސްޓޫޑިއޯ މެދުވެރިކޮށް ކަމަށެވެ. އަދި ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

މިދިޔަ މަހުގެ 18 ން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑައިލި ނަމަވެސް ވަކިވަކިން ނަމާދު ކުރުމަށް މިސްކިތްތައް ހުރީ ހުޅުވައިފަ އެވެ. އެކަމަކު، ލޮކްޑައުންއާއެކު ބޭރަށް ނުކުމެ އުޅުން އެއްކޮށް މަނާވުމުން މިސްކިތްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު، ފުރަތަމަ ފަހަރަށް މާލޭން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ފަހުން އެ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މާލެތެރެ އިން ކޮރޯނާވައިރަސް ޖެހިފައިވާ ހަތް މީހަކު މިހާތަނަށް ފެނިފައިވާއިރު، އެންމެ ފުރަތަމަ މީހާއާ ހިސާބަށް އެ ވައިރަސް އައި ގޮތެއް އަދި ހޯދިފައެއް ނުވެ އެވެ.

ބަލިން ރައްކާތެރިވުމަށް އެންމެން ގޭގައި ތިބުމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ.