Roadha Mihaaru

"އާރްއާރްއާރް" އަށް ފަހު ރާޖަމޯލީ ދެން ހަދާ ފިލްމަށް މަހޭޝް ބާބޫ

އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ "އާރްއާރްއާރް" އަށް ފަހު، މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫއާ އެކު ފިލްމެއް ހަދަން ނިންމައިފި އެވެ.

ރާޖަމޯލީ ދެން ހަދާ ފިލްމަށް މަހޭޝް ބާބޫ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

20 އެޕްރީލް 2020

އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ "އާރްއާރްއާރް" އަށް ފަހު، މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫއާ އެކު ފިލްމެއް ހަދަން ނިންމައިފި އެވެ.

އަދި ނަން އިއުލާންނުކުރާ އެ ފިލްމުގެ މަސައްކަތް 2022 ގައި ފަށަން ހަމަޖެހިފައިވާ އިރު، އޭގެ ޕްރޮޑިއުސަރަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ކޭއެލް ނަރާޔަނާ އެވެ.

މަހޭޝް އަކީ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލެވެ. އޭނާ ވަނީ މިހާތަނަށް ވަރުގަދަ އެތައް ޑައިރެކްޓަރުންނަކާ އެކު މަސައްކަތްކޮށްފަ އެވެ. އެކަމަކު ރާޖަމޯލީގެ އާ ފިލްމުވެގެން ދާނީ އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

މަހޭޝް، 44، އަކީ އަނިލް ކަޕޫރްގެ "ޕުކާރް" އާއި ސަންޖޭ ދަތުގެ "ވާސްތާވް" ގެ އިތުރުން ގޯވިންދާގެ "އަލްބޭލާ" ފަދަ ފިލްމުތައް ކުޅުނު ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދްކަރްގެ ފިރިމީހާ އެވެ. މިސް އިންޑިއާ ތާޖު 1993 ހާސިލުކޮށްފައިވާ ނަމްރަތާ، 48، އަކީ "ބޭވަފާ ސޭވަފާ" އާއި "ހަމް" ފަދަ ފިލްމުތައް ކުޅުނު ކުރީގެ ބަތަލާ ޝިލްޕާ ޝިރޯދްކަރް، 50، ގެ ކޮއްކޮ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެގެން އެތައް އެވޯޑެއް ވެސް ހޯދާފައިވާ މަހޭޝް އެންމެ ފަހުން ކުޅުނު ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ސަރިލެރޫ ނީކެވައްރޫ (ނޯބަޑީ ކޭން މެޗް ޔޫ) އެވެ.

މަހޭޝް އާއިލާއާ އެކު.

"ބާހްބަލީ" ދެ ފިލްމު ގެނެސްދީގެން ބޮޑު މަޝްހޫރުކަމެއް ހޯދި ރާޖަމޯލީގެ "އާރްއާރްއާރް" އަކީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ތެލެގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާގެ އިތުރުން ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަލީ ބަޓާއި އަޖޭ ދޭވްގަނެވެ.