Roadha Mihaaru

އިންޑިއާގެ ފުލުހުންނަށް ޓްރިބިއުޓެއް ދޭން ރާޖަމޯލީގެ ކުރު ފިލްމެއް

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގެ ފުލުހުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ކުރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފުލުހުންނަށް ޓްރިބިއުޓެއް ދޭން ރާޖަމޯލީގެ ފިލްމެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

06 ޖޫން 2021

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގެ ފުލުހުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ކުރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރުގެ މި ފިލްމަކީ 19 މިނިޓްގެ ކުރު ފިލްމެކެވެ. އަދި އޭގައި ވަރަށް ފުރިހަމަ އަށް ފުލުހުން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އަދާކުރި ދައުރު ދައްކުވައި ދޭނެ އެވެ.

އެ ނޫހުން ބުނި ގޮތުގައި މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި، އާންމުކުރާނެ އެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރާޖަމޯލީ ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ މިހާރު އަންނަނީ "އާރްއާރްއާރް" ކިޔާ ވަރުގަދަ ބޮޑު ފިލްމެއް ގެނެސްދޭން ތައްޔާރުވަމުންނެވެ. މި އަހަރުގެ އޮކްޓޯބަރު 13 އަށް ތާވަލުކޮށްފައި އޮތް އެ ފިލްމުގެ ކާސްޓުންނަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އާއި އާލިއާ ބަޓާއި އަޖޭ ދޭވްގަން އެވެ.

ރާޖަމޯލީ، 47، އަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރެވެ. އާންމުކޮށް ތެލެގޫ ފިލްމުތައް ހަދާ ޑައިރެކްޓަރު މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމެއް ވެސް ވަރަށް ކާމިޔާބެވެ. އޭގެ ތެރެއިން ވެސް "ބާހްބަލީ" ގެ ދެ ފިލްމަކީ ވަކިން ފާހަގަކޮށްލެވޭ ދެ ފިލްމެވެ.

އެ ފިލްމުތައް ގެނެސްދިނީ 2015 އާއި 2017 ގަ އެވެ.