Roadha Mihaaru
16 ބިދޭސީން ޕޮޒިޓިވްވެ ނުރައްކާ އިންތިހާއަށް

އެއް ދުވަހުން 16 ބިދޭސީން ޕޮޒިޓިވްވެ، ނުރައްކާ އިންތިހާއަށް

19 އެޕްރީލް 2020

ރާއްޖޭގައި ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފެށި ފަހުން ފުރަތަމަ ފަހަރަށް ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނި، އާއްމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ވަރަށް ނުރައްކާ ދަރަޖައަކަށް ގޮސް، ކަންބޮޑުވުން ބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފެށި ފަހުން ފުރަތަމަ ފަހަރަށް ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނި، އާއްމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ވަރަށް ނުރައްކާ ދަރަޖައަކަށް ގޮސް، ކަންބޮޑުވުން ބޮޑުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މާލެ އިން މިއަދު އެކަނި ވަނީ 16 ބިދޭސީއަކު (ބަންގްލަދޭޝް 14 މީހަކާއި އިންޑިއާގެ ދެ މީހަކު) ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މިއީ، މާލެތެރޭގައި ވައިރަސް ފެތުރިފައި އޮވެދާނެ މިންވަރުގެ ބިރުވެރި ސިގްނަލެކެވެ!

ދެ ލައްކައެއްހާ މީހުން ދިރިއުޅޭ، މާލޭގެ ތޮއްޖެހުން ބޮޑު އާބާދީގެ ތެރޭގައި، ވަރަށް ހާލުގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި މި ބަލި ފެތުރި، ނުރައްކާ ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ކަމާ ބެހޭ އިދާރާތަކުން ކުރިން ވެސް އައީ ދެމުންނެވެ. މިއަދު ކުރިމަތިލާން މި ޖެހުނީ އެ ބިރާ އެވެ.

އެއްފަހަރާ 16 ބިދޭސީއަކު ޕޮޒިޓިވްވި އިރު މި އެންމެން ދިރިއުޅުނީ އެތައް ބަޔަކާ އެކު ތޮއްޖެހިގެންނެވެ. އޭސީ މަރާމާތުކުރުމާއި ޑެލިވަރީ އަދި ފިހާރަތަކަށް ސަޕްލައިކޮށްދޭން މި މީހުން މަސައްކަތްކޮށްފައިވާ އިރު، މި އެންމެންނަކީ ވެސް ބެލެވޭ ގޮތުގައި އެތައް ބަޔަކާ ދިމާވެފައި ތިބޭނެ މީހުންނެވެ. މި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދެއް ވެސް އަދި ނުހޯދެ އެވެ. ބަލީގެ އަލާމާތްތައް ފެނުމުން ޑޮކްޓަރަށް ނުދައްކައި ބޭސްފިހާރަ އިން ބޭސް ނަގައި ބޭނުންކޮށްފައި ވެސް ވެ އެވެ.

މާލެ އިން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ ބުދަ ދުވަހެވެ. އޭގެ ފަހުން ހަތަރު ކްލަސްޓާއަކުން ރެއާ ހަމައަށް ޕޮޒިޓިވްވީ ޖުމްލަ 15 މީހުންނެވެ. މި އަދަދު ދެ ގުނަވީ އެއްފަހަރާ 16 ބިދޭސީންގެ ނަތީޖާ ޕޮޒިޓިވްވުމުންނެވެ. އާއްމުންގެ ތެރޭގައި ފެތުރޭ މި ބަލި މާލެ އިން ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 39 ގައި އުޅޭއިރު މުޅި ރާއްޖެ އަށް ބަލާ ނަމަ މިހާތަނަށް ޕޮޒިޓިވްވީ 51 މީހެކެވެ.

ނޭނގި ބަލި ޖެހިފައި އެތައް ބަޔަކު ތިބުން ގާތް!

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒާއި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ހާމަކުރެއްވި މައުލޫމާތުން އެނގުނީ، ޕޮޒިޓިވްވި 16 ބިދޭސީންގެ ފަރާތުން ބަލި ފެތުރުނީ ކިހާ މީހުންނެއް ކަން ހޯދުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ ކަމެވެ.

މި ބައްޔަށް މިއަދު ފުރަތަމަ ޕޮޒިޓިވްވި ބަންގްލަދޭޝްގެ 27 އަހަރުގެ މީހާ (ކޭސް 36) އަށް ބަލި ޖެހުނު ގޮތެއް ވެސް މިހާތަނަކަށް ހޯދިފައެއް ނުވެ އެވެ. އެ ތަހުގީގު ކުރިއަށް އެބަދެ އެވެ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

ގަވާއިދާ ޚިލާފަށް، މާލޭގައި މަސައްކަތް ކުރަން އުޅޭ އެ މީހާ ބައްޔަށް ޕޮޒިޓިވްވި ކަން އެނގުނީ، ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އޭނާ އަކީ އެއް ކޮޓަރިއެއްގައި އެތައް ބަޔަކާ އެކު ތޮއްޖެހިގެން ދިރިއުޅެމުން ދަނިކޮށް، ހުޅުމާލޭގައި ހުރި އަމީން ހިޔާ އަށް މި މަހު 11 ގައި، މިދިއަ ހަފުތާގެ ހޮނިހިރުދުވަހު، ސަރުކާރުން ބަދަލުކުރި މީހެކެވެ.

އޭނާ ހުން އައިސްގެން ކްލިނިކަށް ދިޔައީ މިދިޔަ ބުދަދުވަހެވެ.

މާލޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ ބިދޭސީންނަށް ވަގުތީ ހިޔާވަހިކަމެއް ހޯދައިދޭން ހެދި އަމީން ހިޔާގައި އޭނާއާ އެކު ގިނަ ބަޔަކު އައި ކައިބޮއެ، ނިދައި ހަދަމުންނެވެ.

މާލެ އައިސް ފުރަތަމަ ބޭސްފިހާރައަކުން ބޭސްގަނެގެން އަމިއްލަ އަށް ބޭސް ކައިގެން ހުރީ. ފްލޫ ކްލިނިކަށް ދައްކަން ދިޔައީ އިއްޔެގެ ވަގުތެއްގައި. މިއަދުގެ ވަގުތެއްގައި މީނަ ޕޮޒިޓިވް ނަތީޖާ މި ލިބުނީ. --ޑރ. ނަޒްލާ

މިވަގުތު އޭނާ ބަހައްޓާފައި ހުރީ މާލޭގެ ގެއެއްގަ އެވެ. އެ ގެއާ އެކު ހުޅުމާލޭގައި އޭނާ ހުރި ތަނާއި މާލެ އާއި ހުޅުމާލޭގައި ދިޔަ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެ ބިދޭސީ މީހާ ޕޮޒިޓިވްވުމުން ހެދި ކޮންޓެކްޓް ޓްރޭސިން އިން އެނގުނީ، ކޭސް 37-49 އާ ދެމެދު 13 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ އެންމެން ވެސް ކޭސް 27އާ ގުޅުން ހުރި ކަމަށް ބެލެވެ އެވެ.

"މި 13 ބަންގްލަދޭޝް މީހުންނަކީ ވެސް ލިލީ ކުންފުނީގައި މަސައްކަތް ކުރާ، އެއް އެކޮމެޑޭޝަންއެއްގައި ތިއްބަވާ ބޭފުޅުން،" ކޮވިޑް-19ގެ ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.

ލިލީގެ މުވައްޒަފުން ދިރިއުޅުނު އިމާރާތް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަކަށް ގެނެސްފަ އެވެ. އެކަމަކު އެތަނުގައި އުޅެމުން ގެންދަނީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.

މި 13 މީހުންނަކީ ލިލީ ކުންފުނީގެ ޑެލިވަރީ އާއި ފިހާރައިގައި ވެސް މަސައްކަތް ކުރާ މީހުންނެވެ. ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް މީހުން ވިޔަފާރިކުރާ ފިހާރައެއްގައި އުޅޭ ބަޔަކަށް ވާތީ ބަލި ފެތުރިފައި ތިބެދާނެ މީހުން އަންދާޒާކޮށްލަން ވެސް ނޭނގެ އެވެ.

"ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު އެބަ ކުރިއަށް ގެންދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

ދެން ފެނުނީ، އަލާމާތެއް ނެތި ޕޮޒިޓިވްވި ކޭސް 50 އާއި 51 އެވެ. ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އިންޑިއާ ދެ މީހުން ގުޅިފައި ވަނީ ކޭސް 28 އާ އެވެ. އޭސީ މަރާމާތުކުރަން މި ދެ މީހުން މާލޭގެ އެކި ގޭގެއަށް ގޮސްފައިވާ ކަމަށް އެންއީއޯސީން ބުންޏެވެ.

މި މީހުންނާ ގުޅުން ހުރި ތަންތަން ވެސް މިހާރު އަންނަނީ މޮނިޓަރިންގެ ހާލަތަށް ގެންދަމުންނެވެ. އަދި ސާމްޕަލް ނަގަން ޖެހޭ މީހުންގެ ކަންކަން ވެސް ކުރިއަށް އެބަދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި 16 މީހުންގެ އިތުރުން ވެސް ބައްޔަށް ހުށަހެޅިފައި ތިބި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ އަދަދު ސާފުވާނީ ކޮންޓެކްޓް ޓްރޭސިން ނިމުމުން ކަން ފާހަގަކުރެއްވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މިހާރު ވިސްނަންވީ ކޮންމެ މީހަކީ ވެސް ބަލި ޖެހިފައި ހުރެދާނެ މީހެއް ކަމަށެވެ. ގެއިން ބޭރަށް ކޮންމެހެން ނުކުންނަން ޖެހޭ މީހާ ވެސް ގައިދުރުކަން ބަހައްޓަން ވަރަށް ބޮޑަށް ސަމާލުކަން ދޭން އޭނާ އެދިވަޑައިގަތެވެ.

އެއްފަހަރާ 16 ބިދޭސީން ޕޮޒިޓިވްވެ މި ފެނުނީ، ރާއްޖޭގައި ބަލި ފެތުރިދާނެ މިންވަރުގެ މައްޗަށް ހެދި ޕްރޮޖެކްޝަންސްތަކުގެ ބިރުވެރި އަދަދުތަކެވެ. އެ ލަފާކުރުންތަކުގައި ވަނީ 100،000 އަށް ވުރެން ގިނަ މީހުންނަށް ބަލި ޖެހި ފަރުވާ ނުދެވި އެތައް ބަޔަކު ދޫކޮށްލަން ޖެހިދާނެ ފަދަ ހާލަތެއް ވެސް އަތުވެދާނެ ކަމަށެވެ.

އެކަމަކު ތަޖުރިބާކާރުން އަދިވެސް ބުނަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ބޯލަނބައިފި ނަމަ މި ނުރައްކަލުން ސަލާމަތްވެވިދާނެ ކަމަށެވެ.