Roadha Mihaaru
ފްލޫ ކްލިނިކަށްދާ އެންމެން ވެސް ޓެސްޓްކުރާނެ: އެޗްޕީއޭ

ފްލޫ ކްލިނިކަށް ދާ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރާނެ: އެޗްޕީއޭ

20 އެޕްރީލް 2020

މާލޭގައި ހުރި ފްލޫ ކްލިނިކްތަކަށް ދާ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި ހުރި ފްލޫ ކްލިނިކްތަކަށް ދާ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ އަލާމާތެއް ހުންނަ އެންމެން ވެސް އެޗްޕީއޭ އަށް އަންގަން އެދިވަޑައިގަންނަވާ ކަމަށާއި އެގޮތަށް ރިޕޯޓް ކުރުމުން އެ މީހުންގެ ހާލަތު ވަޒަންކޮށް ޓެސްޓް ވެސް ކުރާނެ ކަމަށެވެ.

"ފްލޫ ކްލިނިކަށްދާ އެންމެން ވެސް ޓެސްޓްކުުރުމަށް މިހާރު ވަނީ ހަމަޖެހިފައި. އެގޮތަށް ޓެސްޓްކޮށްގެން އައިޑެންޓިފައި ކުރެވޭ އެންމެން ހޯދަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ އެއް ތަނެއްގައި މަސައްކަތް ކުރާ ގިނަ ބަޔަކު ތިބޭ އިރު އެ އެންމެން ވެސް ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މާލޭން މިއަދު އެ ބައްޔަށް ޕޮޒޮޓިވްވި 15 މީހުންގެ ތެރޭގައި ޑެލިވަރީ މަސައްކަތުގައި އުޅުނު މީހަކު ހިމެނެ އެވެ. ޑެލިވަރީގެ މަސައްކަތުގައި އުޅޭ މީހަކު ޕޮޒިޓިވް ވުމުން އެކަމާ ގުޅޭ އިތުރު ފިޔަވަޅެއް އަޅައިފާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ މާލެ ލޮކްޑައުން ހާލަތުގައި އޮތުމުން ޑެލިވަރީ ނިޒާމަށް އިތުރު ފިޔަވަޅެެއް އެޅޭނީ ވަރަށް ވިސްނައިގެން ކަމަށާއި އެކަމަކު ބަލި އިތުރު ވަމުން ދާ ނަމަ ޑެލިވަރީ ހިދުމަތަށް އެހެން ފިޔަވަޅެއް އަޅަން ވިސްނާނެ ކަމަށެވެ.

މިއަދުގެ ކޭސްތައް

- ކޭސް-53 :ބީއެޗްއެމްގެ ޑެލިވަރީގައި މަސަައްކަތްކުރާ ދިވެއްސެއް (ފްލޫ ކްލިނިކަށް ދިއުމުން ޓެސްޓްކުރި)

- ކޭސް-54: ދިވެހި ވިއުގައިގައި މަސައްކަތް ކުރާ ދިވެއްސެއް (ފްލޫ ކްލިނިކަށް ދިއުމުން ޓެސްޓްކުރި)

- ކޭސް-55 ކޭސް 29 ގެ ކޮންޓެކްޓެއް (ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައި)

-ކޭސް-56: ކޭސް 34 ގެ ކޮންޓެކްޓެއް (އައިސޮލޭޝަން ފެސިލިޓީއެއްގައި)

ކޭސް-57: ކޭސް 29 ގެ ކޮންޓެކްޓެއް (އައިސޮލޭޝަންގައި)

ކޭސް-58: ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް

ކޭސް- 59-60: އިހުސާން ފިހާރައިގައި މަސައްކަތް ކުރި ބިދޭސީ ދެ މީހުން

މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އިއްޔެ އަކީ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން އިއްޔެ 17 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. މިއަދު ޖުމްލަ 15 މީހަކު ޕޮޒިޓިވްވުމާ އެކު ރާއްޖޭގެ ޕޮޒިޓިވްް ކޭސްތަކުގެ އަދަދު މިހާރު ވަނީ 67 އަށް އަރައިފަ އެވެ.