Roadha Mihaaru
މިހާތަނަށް 700 އެސްއެމްއީއަކުން ފޯމު ހުށަހަޅައިފި

މިހާތަނަށް 700 އެސްއެމްއީއަކުން ފޯމު ހުށަހަޅައިފި

20 އެޕްރީލް 2020

ސަރުކާރުން ހުޅުވައިލި، ލޯނު އެހީއަށް މިހާތަނަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 700 ފޯމު ހުށަހަޅާފައިވާ ކަމަށް އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ހުޅުވައިލި، ލޯނު އެހީއަށް މިހާތަނަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 700 ފޯމު ހުށަހަޅާފައިވާ ކަމަށް އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.

ސަރުކާރުގެ ރިލީފް ފަންޑުގެ ދަށުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން 400 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ އެސްއެމްއީތަކަށެވެ.

އެސްޑީއެފްސީގެ އެސިސްޓެންޓް ކްރެޑިޓް އެނަލިސްޓް، އިބްރާހިމް ރީމާޒް ވަހީދު ވިދާޅުވީ، އޮންލައިންކޮށް ފޯމު ހުށަހަޅޭ އިރު ކޮންމެ 30 މިނެޓަކުން ކަހަލަ ގޮތަކަށް މާލީ އެހީތެރިކަމަށް އެދި ފޯމު ހުށަހަޅާ ކަމަށެވެ.

މި ލޯނަށް ޝަރުތު ހަމަވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް މި ޕެކޭޖުގެ ދަށުން ލޯނަށް ހުށަހެޅޭނެ އެވެ.

ފޯމު ހުށަހަޅާ އިރު އެކަކު ހިންގާ ވިޔަފާރިއެއް ނަމަ ވެރިފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހެ އެވެ. ކޮމްޕެނީއެއް ނަމަ ބޯޑް ރިޒޮލިއުޝަންގެ އިތުރުން ބިލްތަކަށް ފައިސާ ބޭނުންވާ ނަމަ ޔުޓިލިޓީ ބިލްތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. މީގެ އިތުރުން ކުއްޔަށް ފައިސާ ހޯދަން އެދޭ ނަމަ، ކުލީގެ ތަފްސީލުތަކާއި މުވައްޒަފުންގެ ޕޭރޯލްގެ މައުލޫމާތުތައް ހުށަހަޅަން ޖެހެ އެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތެއް ކުރާ މީހެއް ނަމަ އައިޑީ ކާޑު ކޮޕީ އާއި މިދިޔަ ހަ މަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންޖެހެ އެވެ.

"މިސާލަކަށް ޖިމް އިންސްޓްރަކްޓަރެއް ނަމަ، މަސައްކަތް ކުރާ ޖިމްއަކާ ދެމެދު ހެދިފައިވާ އެގްރީމެންޓް، އެކަން ކުރާކަން އެނގޭނެތާ ކޯސްތައް ހަދާފައި ހުއްޓަސް. ޓެކްސީ ދުއްވާ މީހެއް ނަމަ، ޓެކްސީ ދުއްވުމުގެ ޕާމިޓް ނުވަތަ ޓެކްސީ ސެންޓަރާ ހަދާފައި އިންނަ އެގްރީމެންޓް،" އޭނާ ވިދާޅުވި އެވެ.

ބޭންކް އެކައުންޓުން ވެސް އެމީހަކަށް ލިބިފައިވާ އާމްދަނީ އެނގެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެސްއެމްއީ ބޭންކުން ލޯނު އެހީ ދޫކުރުމުގެ ކަންކަން އެޕްރޫވް ކުރުމަށް ގިނަ ވެގެން ނަގާނީ 10 ދުވަހެވެ. މާލެ ލޮކްޑައުންގެ ހާލަތުގައި އޮތް ނަމަވެސް އެސްޑީއެފްސީގެ މުވައްޒަފުން އަންނަނީ ލޯނަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ލޯނު ދިނުމުގައި އަދަދުތައް ކަނޑައަޅަނީ އެ ވިޔަފާރިއަކަށް ލިބޭ އެވްރެޖް އާމްދަނީ އަށް ބަލައިގެންނެވެ. އެގޮތުން އާމްދަނީ ލިބޭ ވަރު ބަލައި، އޭގެ 20 ޕަސެންޓްގެ ތިން ގުނަ ކޮންމެ ވިޔަފާރިއަކަށް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެސްއެމްއީން ލޯނު ދިނުމުގައި ބަލަނީ ތިން މަހުގެ ހަރަދުތައް މެނޭޖް ކުރެވޭނެ ވަރެއް ދިނުމަށެވެ.

އެސްޑީއެފްސީން ބުނީ، ފޯމު ހުށަހަޅާ އިރު އިރުޝާދުތަކާ އެއްގޮތަށް ހުށަހެޅުން މުހިއްމު ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި 8،000 މީހުން ރަޖިސްޓާ ކޮށްފައިވެ އެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ރެކޯޑެއް ނެތް ނަމަވެސް ސަރުކާރުން ލަފާކުރަނީ އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރޭގައި 1000 ނުވަތަ 2،000 މީހުން ހިމެނެނޭނެ ކަމަށެވެ.