Roadha Mihaaru
ކޮވިޑް އައިއިރު އެސްޑީއެފްސީ އޮތުމަކީ ނަސީބެއް: ޒީނާދު

ކޮވިޑް އައިއިރު އެސްޑީއެފްސީ އޮތުމަކީ ނަސީބެއް: ޒީނާދު

18 މާޗް 2021

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަކީ ކޮވިޑް އައި އިރު އެތައް ވިޔަފާރިއަކަށް ލިބުނު ނަސީބެއްގެ ގޮތުގައި، މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު މިއަދު ސިފަކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަކީ ކޮވިޑް އައި އިރު އެތައް ވިޔަފާރިއަކަށް ލިބުނު ނަސީބެއްގެ ގޮތުގައި، މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު މިއަދު ސިފަކުރައްވައިފި އެވެ.

އެސްޑީއެފްސީއަށް ދެ އަހަރު ވުމާ ދިމާކޮށް "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ޒީނާދު ވިދާޅުވީ ކޮވިޑްގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާއި ހުރަަސްތަކަކާ ކުރިމަތި ވިއިރު، އެސްޑީއެފްސީއަކީ ނަސީބެއްގެ ގޮތުގައި ބެލެވެނީ، ވިޔަފާރިތައް ސަލާމަތްކުރަން ފޯރުކޮށްދެވުނު މާލީ އެހީތެރިކަމާ ހެދި ކަމަށެވެ.

މިދިޔަ އަހަރު ވިޔަފާރިތައް ފަށަން މާލީ ގޮތުން އެހީވުމުގެ ބަދަލުގައި، އަހަރުގެ ބޮޑު ބައި ދިޔައީ ކޮވިޑާ ގުޅިގެން ފުނޑެމުން ދިޔަ އެސްއެމްއީތައް ހިމާޔަތްކޮށް، ކޮޅަށް ޖެހުމުގެ މަސައްކަތުގަ އެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތްކުރަން މިދިއަ އަހަރު އެސްޑީއެފްސީން 2،000 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

"އަޅުގަނޑުމެން އެސްޓަބްލިޝް ވުމަށް ފަހު އެއް އަހަރު ވީ ފަހުން ކޮވިޑްގެ ހާލަތެއް ދިމާވުމަކީ ކުދި ވިޔަފާރިތަކަށް ނަސީބެކޭ ވެސް ބުނެވިދާނެ،" ޒީނާދު ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތަށް ހާއްސަކުރި އެ އެހީ ދިނުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެކަމަކު ބޭންކްގެ އަސްލު މަގުސަދަށް އަލުން އެނބުރި ގޮސް މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން އަނެއްކާވެސް ވަނީ ބޭންކްގެ އާންމު ލޯނުތަކަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެސްޑީއެފްސީގެ އޮފީސް: ކޮވިޑްގައި ގިނަ ވިޔަފާރިތަކެއް ސަލާމަތްކޮށްދިން --ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

އެސްޑީއެފްސީގެ އޮފީސް: ކޮވިޑްގައި ގިނަ ވިޔަފާރިތަކެއް ސަލާމަތްކޮށްދިން --ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

ޒީނާދު ވިދާޅުވީ މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ކުރިމަތިވީ ނަމަވެސް އާންމުންނަށް ވިޔަފާރިތައް ފަށަން ވެސް ހިތްހަމަޖެހޭ ވަރަށް ލޯނު ދޫކުރެވުނު ކަމަށެވެ. އެކަމަކު ކޮވިޑްގެ ސަބަބުން ވިޔަފާރިތައް ހިންގަން ދިމާވި ބޮޑެތި ގޮންޖެހުންތަކަކީ ލިބުނު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޑީއެފްސީން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، ޒީނާދު ވިދާޅުވި ގޮތުގައި، އެ ބޭންކުން މާލީ އެހީތެރިކަން ހޯދި ވިޔަފާރިތައް ކާމިޔާބުކުރުވާށެވެ.

އެސްޑީއެފްސީގެ މުވައްޒަފަކު މަސައްކަތުގައި: ގިނަ ވިޔަފާރިތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި --ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

އެސްޑީއެފްސީގެ މުވައްޒަފަކު މަސައްކަތުގައި: ގިނަ ވިޔަފާރިތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި --ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

"އެސްޑީއެފްސީގެ ވަރަށް ބޮޑު މަގްސަދެއް ވިޔަފާރިތައް އުފެއްދުން. ޕްރޮޖެކްޓެއް ހިނގަމުންދާ ގޮތް ގާތުން މޮނިޓާކުރުން. މިދިޔަ އަހަރު އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި އެކަމެއް ނުކުރެވުން،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރިތައް ހިންގާތޯ ބަލާނެ

އެސްޑީއެފްސީން މިދިޔަ ދެ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 592 ފަރާތަކަށް 763 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. އެ ވިޔަފާރިތައް ކާމިޔާބުކުރަން އިތުރު އެހީތެރިކަން ވެސް ދޭން ޖެހޭ ކަމަށް ޒީނާދު ދެކެވަޑައިގަނެ އެވެ.

އޭނާ ވިދާޅުވީ ލޯނު ދިން ވިޔަފާރިތައް އޭގެ ގޮތުގައި ރަނގަޅަށް ހިނގާތޯ ބަލައި އެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވޭ އަޅުގަނޑުމެން ދޫކޮށްފައި ހުރި ލޯނުތަކަކީ ކުދި ވިޔަފާރިތަކަށް ސަސްޓެއިން ނުކުރެވޭ [އެއްޗަކަށް] ވެދާނެ،" ޒީނާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޑީއެފްސީގެ ހިދުމަތްތައް މިހާރަށް ވުރެ ބޮޑަށް ޑިޖިޓަލައިޒްކޮށް ރަށްރަށުގައި ތިބެގެން ވެސް ފަސޭހަކަމާ އެކު އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ ގޮތްތައް ފަހިކުރައްވާނެ އެވެ.

އެސްޑީއެފްސީން މިހާރު ވެސް ވަނީ އެޕްލިކޭޝަން ފޯމަށް ހާއްސަ ޕޯޓަލެއް ގާއިމްކޮށްފަ އެވެ. އެ ޕޯޓަލް މެދުވެރިކޮށް ހަ ދާއިރާއަކުން ލޯނަށް އެދެވޭނެ އެވެ.

އެސްޑީއެފްސީން ލޯނުތައް ދޫކުރަނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު ދޫކުރާ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައަޅަނީ ލޯނު ދޫކުރާ ވިޔަފާރީގެ ރިސްކު އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު އެވެ.