Roadha Mihaaru
ކަނޑިންމަ މުވައްޒަފުގެ މަރު: ފުލުހުން ތަހުގީގު ކުރަނީ

ކަނޑިންމަ މުވައްޒަފުގެ މަރު: ފުލުހުން ތަހުގީގު ފަށައިފި

08 ނޮވެމްބަރ 2020

ކޮވިޑް-19 އަަށް ޕޮޒިޓިވްވި ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވުމުގައި އެކަށީގެންވާ ފަރުވާ އަށް ފުރުސަތު ނުދީ ރިސޯޓުން އިހުމާލުވި ކަމަށް ކުރާ ތުހުމަތު ފުލުހުން ވެސް ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އަަށް ޕޮޒިޓިވްވި ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވުމުގައި އެކަށީގެންވާ ފަރުވާ އަށް ފުރުސަތު ނުދީ ރިސޯޓުން އިހުމާލުވި ކަމަށް ކުރާ ތުހުމަތު ފުލުހުން ވެސް ތަހުގީގު ކުރަން ފަށައިފި އެވެ.

ކަނޑިންމައިގައި ވަޒީފާ އަދާކުރި، ދ. މާއެނބޫދޫ، އާދަމް ނަސީރުގެ މަރާ ގުޅޭ ތުހުމަތުތައް ބަލައިދޭން ފުލުހުންނަށް ހުށަހެޅުއްވީ، ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރެވެ. މަރުވި ފަހުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުމާއި ރިސޯޓުގެ 50 އަށް ވުރެން ގިނަ މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ)ގެ ޓީމެއް ވަނީ ރިސޯޓަށް ގޮސް ކަން ހިނގި ގޮތް ބަލައިފަ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅީ އެޗްއީއޯސީން ބުނެފައިވާ ގޮތުގައި، އެ ޓީމަށް ފާހަގަވި ކަންކަމާ އެކުގަ އެވެ. މި މައްސަލަ ތަހުގީގު ފެށި ކަން ފުލުހުން މިއަދު ކަށަވަރު ކޮށްދިނެވެ.

އާދަމް ނަސީރު 60، ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހާލު ސީރިއަސް ވެގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް، ހާޓްއެޓޭކެއް ޖެހިގެން މަރުވި ފަހުން ހެދި ޕީސީއާރު ޓެސްޓުންނެވެ. އޭނާ ޓެސްޓްކުރީ، ކޮވިޑުގެ އަލާމާތްތައް ހުރެގެންނެވެ. ހާލު ސީރިއަސްވެގެން ކަނޑިންމަ އިން ކުޑަހުވަދު އަށް އެ މީހާ ގެންދިޔައީ ބަލިވެ އުޅޭތާ 10 ދުވަސް ފަހުން ކަމަށް އާއިލާ އާއި އެކުގައި މަސައްކަތް ކުރި ބައެއް މީހުން ބުނެ އެވެ.

ހުންއައުމުގެ އިތުރުން ވަސް ނުދުވުމާއި ރަހަ ނުލުން ކޮވިޑުގެ ބައެއް އަލާމާތްތައް ފެންނަން ފެށުމުން، ފަރުވާ އަށް މާލެ ފޮނުވައިދޭން އޭނާ އާދޭސް ކުރި ކަމަށް އާއިލާ އިން ބުންޏެވެ. އެކަމަކު، ރިސޯޓުން މި ވާހަކަ ދޮގުކުރަމުން ބުނެފައި ވަނީ ފަރުވާގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.

ހުން އައުމުން އެކަހެރިނުކޮށް، ލަސްވި ކަމަށް ކަނޑިންމަ އިން އެއްބަސްވެ އެވެ. އެއީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށް، ރިސޯޓްތަކުން އަމަލުކުރަން އަންގާފައިވާ ގައިޑްލައިނާ ޚިލާފު ކަމެކެވެ.

ނަސީރު އެކަހެރި ނުކުރުމުން، އޭނާއެކު އެއް ކޮޓަރިއެއްގައި އުޅުނު މީހާއާ އެކު ގިނަ ބަޔަކު ޕޮޒިޓިވްވި އެވެ. އެ މީހުން މިހާރު އައިސޮލޭޓްކޮށް ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

އެ ރިސޯޓުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން 200 މުވައްޒަފުން އުޅެ އެވެ.

އެއްވެސް މުވައްޒަފެއްގެ ބޭސްފަރުވާގައި އިހުމާލު ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރިސޯޓުގެ އިސް ބޭފުޅަކު ވިދާޅުވެފައި ވަނީ، ހުރިހާ މުވައްޒަފުންގެ ވެސް ހެލްތު އިންޝުއަރެންސް އޮންނާނެ ކަމަށެވެ. އެއާ އެކު، ކޮވިޑަށް ޚާއްސަކޮށްގެން ވެސް ރިސޯޓުގެ ކްލިނިކުގެ ފެންވަރު މަތިކޮށްފައިވާ ކަމަށާއި ރިސޯޓުގެ މުވައްޒަފެއްގެ ބޭސްފަރުވާ އަށް ޚަރަދުކުރަން ޖެހުމަކީ އެތަނަށް ބޮޑު ކަމެއް ވެސް ނޫން ކަމަށެވެ.

އާއިލާގެ ހިތްހަމަނުޖެހުމަކީ ފަރުވާ އަށް އެދި އާދޭސްކުރިއިރު ވެސް ރިސޯޓުން ފުރޭނެ އިންތިޒާމް ހަމަޖައްސައި ނުދިނުމެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އާދަމް ނަސީރުގެ މަރު ތަހުގީގު ކުރަމުންނެވެ.