Roadha Mihaaru
"ކޮމަންވެލްތުން ވަކިވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް"

ކޮމަންވެލްތުން ވަކިވުމަކީ ފަހަތަށް އެޅޭ އެންމެ ބޮޑު ފިޔަވަޅު: ޖަމީލް

13 އޮކްޓޯބަރ 2016

ކޮމަންވެލްތުން ރާއްޖެ ވަކިވާން ސަރުކާރުން ނިންމި ނިންމުމަކީ ހާރިޖީ ގުޅުމުގެ ދާއިރާއިން ރާއްޖެއިން މިހާތަނަށް ފަހަތަށް އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮމަންވެލްތުން ރާއްޖެ ވަކިވާން ސަރުކާރުން ނިންމި ނިންމުމަކީ ހާރިޖީ ގުޅުމުގެ ދާއިރާއިން ރާއްޖެއިން މިހާތަނަށް ފަހަތަށް އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވާން ނިންމުމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމަކީ ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ހާރީޖީ ދާއިރާގައި މިހާތަނަށް ފަހަތަށް އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.

ޖަމީލް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ އެކަހެރިވުމުގެ ސިޔާސަތުގެ ސަބަބުން ދުނިޔެ ކުރިމަތީގައި ރާއްޖެ އެކަނިވެ، ލަދުވެތިވާނެ ކަމަށެވެ. އަދި ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމުން ރައީސް ޔާމީނަކީ ވެރިކަން ކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ނޫން ކަން ހާމަވާ ކަމަށް ޖަމީލް ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު ކޮމަންވެލްތުން އަމަލު ކުރަމުންދާ ގޮތުން ވަކިވާން މަޖުބޫރުވީ ކަމަށެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވި ނަމަވެސް ގެއްލުމެއް ނުވާނެ ކަމަށާއި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކާއި އެކުވެރި ގައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.