Roadha Mihaaru
ކޮވިޑް-19: މިހާތަނަށް 560 މިލިއަން ރުފިޔާ ޚަރަދު ކޮށްފި: މަބްރޫކް

ކޮވިޑް-19: މިހާތަނަށް 560 މިލިއަން ރުފިޔާ ޚަރަދު ކޮށްފި: މަބްރޫކް

26 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅޭ ހުރިހާ ޚަރަދުތަކަށް މިހާތަނަށް 560 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅޭ ހުރިހާ ޚަރަދުތަކަށް މިހާތަނަށް 560 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެއާ ހަމައަށް ހޭދަކުރި 560 މިލިއަން ރުފިޔާގެ ތެރެއިން 84 މިލިއަނަކީ ޑިޒާސްޓާ ޓްރަސްޓް ފަންޑަށް ސަރުކާރުން ލާފައިވާ ފައިސާ ކަމަށެވެ. އެ ފައިސާ ބޭނުންކޮށްފައި ވަނީ މަބްރޫކް ވިދާޅުވި ގޮތުގައި 10 މަސް ދުވަހަށް ބޭނުންވާ ކާޑު ގަތުމަށެވެ. އެ ފައިސާ ބޭނުންކުރީ އެސްޓީއޯއިންނެވެ.

"މި ފައިސާ އަކީ އެސްޓީއޯ އިން ކާޑު ވިއްކުމަށް ފަހު، އަނބުރާ މި ފަންޑަށް ގެނެސް ލާންޖެހޭ ލާރި. އެގޮތަށް ޚަރަދު ކޮށްފައިވާ 84 މިލިއަން ރުފިޔާއެއް ހިމެނޭ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 560 މިލިއަންގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ 11 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީން ޚަރަދުކުރި 6.3 މިލިއަން ރުފިޔާ ހިމެނެ އެވެ. އެ މިނިސްޓްރީން ފައިސާ ހޭދަކުރީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށާއި ޑޮކްޓަރުކަން ކިޔަވަން އެ ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށެވެ.

މަބްރޫކް ވިދާޅުވީ، ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ވެސް 384 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަަށެވެ. އެ ފައިސާ ޚަރަދުކުރީ މެޑިކަލް ސާމާނާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ބޭސްފަރުވާ އަށް ބޭނުންވާ ސާމާނު ހޯދުމާއި އެންއީއޯސީގެ އޮޕަރޭޝަނަލް ކަންކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހެދުމަށް 34 މިލިއަން ރުފިޔާ ވެސް ހޭދަކުރި އެވެ. އެ ފެސިލިޓީގެ ސިވިލް މަސައްކަތަށް ގާތްގަނޑަކަށް 16.4 މިލިއަން، ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި ގަންނަން 19.45 މިލިއަން ރުފިޔާ ހޭދަވެފައި ވެ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މަބްރޫކް ވިދާޅުވީ، އެ ފައިސާ އަކީ ކަރަންޓީން ފެސިލިޓީތަކުގެ ބޭރުން، ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ނިންމަންޖެހޭ ކަންކަމަށް ހޭދަވި އަދަދުތައް ކަމަށެވެ. އޭނާ މިރޭ ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު، ފަރުކޮޅުފުއްޓަށް ފުރަތަމަ ބުރުގައި 5.9 މިލިއަން ރުފިޔާ، ދެވަނަ ބުރުގައި 1.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އައިސީޔޫ އެނދުތައް ބެހެއްޓޭ ގޮތަށް ތަރައްގީ ކުރުމަށް 27 މިލިއަން ރުފިޔާ ޚަރަދު ކުރި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ހާމަކުރެއްވި ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވީ، ކޮވިޑް-19 ގެ މި ހާލަތު ކުރިއަށް އޮތް ތިން މަހަށް ދިގު ދެމިގެން ހިނގައްޖެ ނަމަ ދައުލަތުން 1.4 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

"އެއީ، އެއްވެސް ހާލެއްގައި މިހާތަނަށް ހޭދަވި ވަރެއް ނޫން،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ބައިތިއްބާ މީހުންނަށް ޚާއްސަ ކަރަންޓީން ފެސިލިޓީތަކުގެ ތަފްސީލް ދެއްވަމުން މަބްރޫކް ވިދާޅުވި ގޮތުގައި ވެލިދޫ އާއި ވިލިވަރު ތަރައްގީ ކުރުމަށް ފައިސާ ހޭދަކުރީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ކަމަށެވެ. އެގޮތުން ވެލިދޫ ތަރައްގީ ކުރުމަށް 469،000ރ. ޚަރަދުކުރި އެވެ. ވިލިވަރު ތަރައްގީ ކުރަން ހޭދަކުރީ 6.6 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ބައެެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަނީ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750ރ. ރޭޓުން އެ ރިސޯޓެއްގެ މެނޭޖުމަންޓަށް ދައްކާ ގޮތަށެވެ. އެއީ ފުލްބޯޑުގެ އަގެވެ. ސަރުކާރުން އެ ރޭޓުން ފައިސާ ދައްކަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރާ ކޮޓަރިތަކަށް އެކަންޏެވެ.

ރިސޯޓުތަކުގެ ކަރަންޓީން ފެސިލިޓީތަކުގައި މިހާތަނަށް ބައިތިއްބާފައި ވަނީ މަބްރޫކް ވިދާޅުވި ގޮތުގައި 2،615 މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ކަރަންޓީންގައި ތިބީ 14 ދުވަހުގެ މުއްދަތަކަށެވެ.