Roadha Mihaaru
"މާފުށީ ހާލަތެއް ނޭނގެ، ޔާމީން ގެއަށް ބަދަލުކޮށްދީ"

މާފުށި މޮނިޓަރިން ހާލަތަށް ގެނައުމުން ޔާމީން ގެޔަށް ބަދަލުކޮށްދޭން އެދެފި

27 އެޕްރީލް 2020

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން އެރަށާއި މާފުށީ ޖަލުގެ ހާލަތު ނޭނގޭތީ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރަން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން އެރަށާއި މާފުށީ ޖަލުގެ ހާލަތު ނޭނގޭތީ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރަން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފް މައްސަލަ އަދި ނުނިމެ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޔާމީން ބަންދުގައި ހުންނަވަނީ މާފުށީ ޖަލުގައި ކަމަށް ވާއިރު ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ސަބަބެއް އެނގެން ނެތުމުން އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި ޖަލުގެ ހާލަތު މިވަގުތު އޮތް ގޮތް ނޭނގޭތީ އާއި ޔާމީނަށް އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ގެއްލިދާނެތީ އެކަމާ މެދު ވެސް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ޔާމީން މިވަގުތު ގެއަށް ބަދަލު ކުރަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިހާރުން މިހާރަށް އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޖަލުގެ ހާލަތު ރަނގަޅުކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން ޔާމީން ގެއަށް ބަދަލުކުރަން އިދިކޮޅު ކޯލިޝަނުން ގޮވާލިއިރު، އެމަނިކުފާނު ގެއަށް ބަދަލުކުރަން އެ ކޯލިޝަނުން އެކިފަހަރު މަތިން ކުރިން ވެސް އެދުނެވެ. އަދި އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް އަވަހަށް ނިންމައިދޭން ވެސް އެ ކޯލިޝަނުން ކުރިން ގޮވާލާފައިވެ އެވެ.

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ކުރަން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ވަނީ ކަފާލާތު ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.

މާލެ އާއި ބައެއް ރަށްރަށުން ވެސް ކޮވިޑް-19ގެ ކޭސްތައް ފެނި ބައެއް ރަށްރަށް ލޮކްޑައުންކޮށްފައި ވާއިރު ޝައްކުވާ ކޭސްތައް ހުރި ރަށްރަށާއި ކޭސްތަކާ ގުޅުން ހުރި އެތައް ރަށެއް އޮތީ މޮނިޓަރިން ހާލަތުގަ އެވެ. ރާއްޖޭން މިހާތަނަށް 214 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.