Roadha Mihaaru
އަކްޝޭގެ ފަރާތުން ފުލުހުންނަށް 2 ކްރޯޑް ރުޕީސް

އަކްޝޭގެ ފަރާތުން މުމްބާއީގެ ފުލުހުންނަށް 2 ކްރޯޑް ރުޕީސް

28 އެޕްރީލް 2020

ކޮރޯނާވައިރަހާ ދެކޮޅަށް ބޮޑެތި އެހީތަކެއް ދެމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު މުމްބާއީގެ ފުލުހުންނަށް ދެ ކްރޯޑް ރުޕީސްގެ އެހީއެއް ހޯމަ ދުވަހު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ދެކޮޅަށް ބޮޑެތި އެހީތަކެއް ދެމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު މުމްބާއީގެ ފުލުހުންނަށް ދެ ކްރޯޑް ރުޕީސްގެ އެހީއެއް ހޯމަ ދުވަހު ދީފި އެވެ.

އޭނާ ދެ ކްރޯޑް ރުޕީސް (262,626 ޑޮލަރު) ގެ އެހީ ދީފައި ވަނީ މުމްބާއީ ފުލުލުހުންގެ ވެލްފެއާ އަށް މަސައްކަތްކުރާ ޖަމިއްޔާ މުމްބާއީ ޕޮލިސް ފައުންޑޭޝަނަށެވެ. އަކްޝޭގެ ފަރާތުން ލިބުނު އެހީ އަށް މުމްބާއީގެ ފުލުހުންގެ ކޮމިޝަނަރު ޕަރަމް ބީރް ސިންގް ވަނީ ޝުކުރު އަދާކޮށް ޓްވީޓް ވެސް ކުރައްވައިފަ އެވެ.

އެ ޓްވީޓްގައި ސީޕީ ވިދާޅުވީ ގައުމު ލޮކްޑައުނެއްގައިވާ މި ދަނޑިވަޅުގައި އަކްޝޭގެ ފަރާތުން ލިބުނު އެހީ އަކީ މުމްބާއީ ހިމާޔަތާއި ރައްކާތެރި ކަމަށް ވަރުބަލިކަމެއް ނެގި މަސައްކަތްކުރާ ދެ ޖިންސްގެ ފުލުހުންގެ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

މީގެ ކުރިން އަކްޝޭ ވަނީ ކޮވިޑް-19 އަށް ހާއްސަކޮށްގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) އަދި ބްރިހަމްމުމްބައި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އަށް ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން ބޭނުންވާ ޒަރޫރީ އާލާތްތަކާއި ޓެސްޓް ކިޓްތައް ހޯދުމަށް 3 ކްރޯޑް ރުޕީސް (393,836 ޑޮލަރު) ގެ އެހީ ވެސް ދީފަ އެވެ.