Roadha Mihaaru
އަކްޝޭގެ އެހީގައި ކަޝްމީރުގައި ސްކޫލެއް ހަދަނީ

އަކްޝޭގެ އެހީގައި ކަޝްމީރުގައި ސްކޫލެއް ހަދަނީ

29 ޖުލައި 2021

އިންޑިއާގެ ކަޝްމީރުގައި ސްކޫލެއް އިމާރާތްކުރަން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކަޝްމީރުގައި ސްކޫލެއް އިމާރާތްކުރަން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އަބަދު ވެސް އެކި ކަންކަމުގައި ބޮޑެތި އަދަދުތަކުން އެހީވާ އެކްޓަރު ކަޝްމީރުގައި ސްކޫލެއް އިމާރާތްކުރަން ފައިސާ ހަދިޔާކުރި އިރު މިދިޔަ މަހުގެ ތެރޭގައި އޭނާ ކަޝްމީރުގެ އިންޑިއާ ފަޅީގެ ބޯޑަރު ސަރަހައްދަށް ގޮސް، އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތް ބަލައި، ސިފައިން ގައުމުގެ ހިމާޔަތަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ދީފައިވެ އެވެ.

ސްކޫލެއް އިމާރާތްކުރަން އަކްޝޭގެ ފަރާތުން ފައިސާގެ އެހީ ލިބުނު ވާހަކަ ބޯޑާ ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ޓްވިޓާގައި ވެސް ހިއްސާކުރި އެވެ. ސްކޫލުގެ ބިންގާ އަޅަން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތިގައި ވާޗުއަލްކޮށް އޭނާ ބައިވެރި ވެސް ވި އެވެ.

މިހާރު ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަދި އެންމެ ބިޒީ އެކްޓަރުގެ ގޮތުގައި ފާހަގަކުރެވޭ އަކްޝޭގެ އެހީގައި ކަޝްމީރުގައި އިމާރާތްކުރާ ސްކޫލަކީ އޭނާގެ ބައްޕަ ހަރީ އޯމް ބާޓިއާގެ ހަނދާނުގައި ހަދާ ތަނެކެވެ.

މިފަދަ ކަމެއް ކަޝްމީރުގައި ކުރަން ނިންމި ކަމަށްޓަކައި ބީއެސްއެފުން ވަނީ ސިފައިންނާއި އެ މީހުންގެ އާއިލާތަކުގެ ނަމުގައި އަކްޝޭ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެ ސްކޫލްގެ ސަބަބުން ކަޝްމީރުގެ ދަރިވަރުންގެ ތައުލީމަށް ކުރިއެރުންތަކެއް ލިބި، އެތަނުގެ ފައިދާ ޖީލުތަކަކަށް ދެމިގެންދާނެ ކަމަށް ބުންޏެވެ.