Roadha Mihaaru
ކޮވިޑް-19: އަކްޝޭގެ ފަރާތުން އެއް ކްރޯޑް ރުޕީސް

އަކްޝޭގެ ފަރާތުން ގޯތަމް ގަމްބީރް ފައުންޑޭޝަނަށް އެއް ކްރޯޑް ރުޕީސް

26 އެޕްރީލް 2021

އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ވެރިރަށް ނިއު ދިއްލީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ކުރީގެ ކްރިކެޓް ތަރި ގޯތަމް ގަންބީރްގެ ފައުންޑޭޝަނުން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ވެރިރަށް ނިއު ދިއްލީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ކުރީގެ ކްރިކެޓް ތަރި ގޯތަމް ގަންބީރްގެ ފައުންޑޭޝަނުން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އެ އެހީގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށް، އަކްޝޭ އަށް ޝުކުރު އަދާކޮށް، ގަމްބީރު ބުނީ އެހީ އަކީ ދިއްލީގައި ކާބޯތަކެއްޗާއި ބޭހާއި އޮކްސިންޖަން ފަދަ ވަސީލަތްތަކަށް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލިބުނު ވަރަށް ބޮޑު އެއްޗެއް ކަމަށެވެ.

ދިއްލީ އަށް އުފަން ގަމްބީރް 39، އަކީ ވެރިކަންކުރާ ބީޕޭޖީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި އީސްޓް ދިއްލީ ތަމްސީލުކުރާ މެމްބަރެވެ. އިންޑިއާގެ ސަރުކާރުން ދޭ މަތީ ޝަރަފުގެ ތެރޭގައި ހިމެނޭ ޕަދުމާ ޝްރީ ވެސް 2019 ގައި ހާސިލުކޮށްފައިވާ ގަމްބީރުގެ މިލްކިއްޔާތު 147 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

އޭނާގެ ގޯތަމް ގަމްބީރް ފައުންޑޭޝަން (ޖީޖީއެފް) އަކީ އިންސާނިއްޔަތަށް އެކި ގޮތްގޮތުން ހިދުމަތްކުރަމުން އަންނަ ފައުންޑޭޝަނެކެވެ.

އެ ފައުންޑޭޝަނަށް އަކްޝޭ އެއް ކްރޯޑް ރުޕީސް (133,457 ޑޮލަރު) ހަދިޔާކުރި އިރު، އޭނާ އަކީ މިދިޔަ އަހަރު ވެސް ކޮވިޑާ ގުޅިގެން އެކިއެކި ފަރާތްތަކަށް އެންމެ ބޮޑު އަދަދަކުން އެހީވި ބޮލީވުޑްގެ ތަރި އެވެ.