Roadha Mihaaru
އޮޓޯކޮމްޕްލީޓް: ރެކެން އުނދަގޫ ބޮޑު ފަސޭހައެއް

އޮޓޯކޮމްޕްލީޓް: ރެކެން އުނދަގޫ ބޮޑު ފަސޭހައެއް

30 އެޕްރީލް 2020

އިންޓަނެޓް ބްރައުޒާތައް، ތަހުޒީބީ ޒަމާނަށް ހޭޖެހިއްޖެ އެވެ. ބޭނުންކުރާ މީހުން އެދެނީ ކޮން ކަމެއްކަން ދެނެގަނެ، އެ އަށް ފެންނަ ގޮތް ބުނެދޭ ހިސާބަށް އުފެދި ތަރައްގީވެއްޖެ އެވެ. މިސާލެއް ގޮތުގައި ބުނެދޭން އޮތީ ބްރައުޒާގެ އެޑްރެސް ބާގައި ޓައިޕްކުރަމުން ދާއިރު އަދި އޮންލައިން ފޯމްތައް ފުރަމުން ދާއިރު، އޮޓޯކޮމްޕްލީޓުން ފުރިހަމަކޮށްދިނުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އިންޓަނެޓް ބްރައުޒާތައް، ތަހުޒީބީ ޒަމާނަށް ހޭޖެހިއްޖެ އެވެ. ބޭނުންކުރާ މީހުން އެދެނީ ކޮން ކަމެއްކަން ދެނެގަނެ، އެ އަށް ފެންނަ ގޮތް ބުނެދޭ ހިސާބަށް އުފެދި ތަރައްގީވެއްޖެ އެވެ. މިސާލެއް ގޮތުގައި ބުނެދޭން އޮތީ ބްރައުޒާގެ އެޑްރެސް ބާގައި ޓައިޕްކުރަމުން ދާއިރު އަދި އޮންލައިން ފޯމްތައް ފުރަމުން ދާއިރު، އޮޓޯކޮމްޕްލީޓުން ފުރިހަމަކޮށްދިނުމެވެ.

އޮޓޯކޮމްޕްލީޓް އަކީ ވަރަށް ބޮޑު ފަސޭހައަކެވެ. އާންމުކޮށް ވަދެ އުޅޭ ވެބްސައިޓްތަކަށް އަލުން ވަނުމަށް، ފެށޭ އަކުރު ޖަހާލުމާ އެކު، ދެން ހުރި ހުރިހާ އަކުރެއް ފުރިހަމަކޮށް އިޚުތިޔާރުކޮށްދިނުމުން ވަގުތުތަކެއް ސަލާމަތްކުރެވެ އެވެ. އަދި ތަކުރާރުކޮށް ފުރަންޖެހޭ އޮންލައިން ފޯމެއް ނަމަ، ހަނދާނުގައި ބަހައްޓަން އުނދަގޫ މައުލޫމާތުތައް، ބްރައުޒާގެ ހަނދާނުގައި ބަހައްޓައި، އެ އެއްޗެއް އޮންނަން ޖެހޭ ގޮޅިއެއްގައި އެ އެއްޗެއް ލިޔެލަދިނުމަށް ވުރެ ބޮޑު ފަސޭހައެއް އިންސާނަކަށް ވެސް އެ ހާލަތުގައި ވެދެވޭކަށް ނޯވެ އެވެ.

އިންޓަނެޓް ބްރައުޒާތައް މި ގޮތުގައި ތަރައްގީވެ އިންސާނުންނަށް އަތްގައިކޮށެދެމުން ދާއިރު، އޮޓޯކޮމްޕްލީޓް ކޮށްދޭ ފަސޭހަތައް ތުރާލަކަށް ވާ ފަހަރު ވެސް އާދެ އެވެ. އާދައިގެ ހަމަތަކަށް ވުރެ އަވަހަށް އެއްޗެއް ހޯދަން އުޅޭއިރު އޮޓޯކޮމްޕްލީޓާ ހެދި ވަނީ އުނދަގުލެވެ. ވަންނައުޅޭ ވެބައިޓްގެ ބަދަލުގައި އެހެން ތަނަކަށް ވަދެވި މަގު އޮޅޭ ފަހަރު ވެސް އާދެ އެވެ. ޓައިޕްކުރަން ބޭނުން ނޫން އެއްޗެއް ޓައިޕްކުރެވި، ކުރިން ކުރިހާ މަސައްކަތެއް އަލުން ކުރަން ޖެހޭ ފަހަރު ވެސް އާދެ އެވެ.

އާއިލާގައި ތުއްތު ކުއްޖަކު އުޅޭ ނަމަ ގޭތެރެ ފަޅުފިލައި ލޮލަށް ފަސޭހަވެ އެވެ. މާ ގިނައިން ރޯ ނަމަ މީގެ އަނެއް ކޮޅު ތަޖުރިބާކުރެވެ އެވެ. އޮޓޯކޮމްޕްލީޓް އަކީ ވެސް މި ކަހަލަ ފަސޭހައެކެވެ. ގިނަ ވަގުތު ފަސޭހަކޮށްދިން ނަމަވެސް އުނދަގުލަކަށް ވާ ފަހަރު ފަހަރު އޮޓޯކޮމްޕްލީޓުން ރެކެވޭނެ ގޮތެއް ވެސް ބޭނުންވެ އެވެ. މި ކަހަލަ ދަނޑިވަޅެއްގައި، ކީބޯޑް ރަނގަޅަށް ބަލާލުމަށް ފަހު "ކޮންޓްރޯލް + ޝިފްޓް + ޑިލީޓް" ބަޓަނަށް އޮބާލުމުން އިޚުތިޔާރީ މެނޫތަކެއް އަތުޖެހޭނެ އެވެ. އަމިއްލަ އިޚުތިޔާރުގައި ކުރި އަށް ދާށެވެ.

އޮޓޯކަރެކްޓް އަކީ ސްމާޓްފޯނުތަކުގައި އަދި ސްމާޓް އެޕްލިކޭޝަންތަކުގައި ވެސް ވަރަށް އާންމު ފަސޭހައެކެވެ. އޮޓޯކަރެކްޓް ސަބަބުން، ފޮނުވަން ބޭނުން ނޫން މެސެޖެއް ވޮނުވި، ލަދުގަންނަން ޖެހޭ ހާލަތްތައް ވެސް ނަސީބު ދެރަ ބައެއް މީހުންނަށް ތަޖުރިބާކުރެވިފައި އެބަ ހުއްޓެވެ.