Roadha Mihaaru
ގާނޫނުއަސާސީއާ ހިލާފުވިކަން ކަނޑައަޅާނީ ކޯޓުން: ޝަރީފް

މިނިސްޓަރަކު ގާނޫނުއަސާސީއާ ހިލާފުވިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން: ޝަރީފް

28 އެޕްރީލް 2020

އެއްވެސް ވަޒީރަކު ގާނޫނުއަސާސީ އާ ޚިލާފު ކަމަށް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އޮތް ބާރެއް ނޫން ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެއްވެސް ވަޒީރަކު ގާނޫނުއަސާސީ އާ ޚިލާފު ކަމަށް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އޮތް ބާރެއް ނޫން ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

އޭނާ އެހެން ވިދާޅުވީ، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ކުރެއްވި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އޭގެ ޖަވާބު ދެއްވާފައި ނުވާތީ، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން މިރޭ ބަޔާން ނެރުއްވުމުންނެވެ.

އެ ބަޔާން ނެރުމަށް ފަހު، މަޖިލީހުގެ އިދާރާ އިން ބުނީ މިއަދުގެ އިރުއޮއްސި 6:31 ގައި އީމެއިލް މެދުވެރިކޮށް މިނިސްޓަރު އަމީންގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ އިދާރާ އިން ބުނާގޮތުގައި ލިޔުމުން އެ ސުވާލުތަކުގެ ޖަވާބު އަމީން ދެއްވީ އެ އިދާރާ އިން ބަޔާން ނެރުނު ފަހުންނެވެ. ބަޔާން ނެރުނީ އިރުއޮއްސި 6:12 ގަ އެވެ.

މަޖިލީހުގެ އިދާރާގެ ބަޔާނަށް ރައްދު ދެއްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރަކު ގާނޫނުއަސާސީއާ ހިލާފުވި ކަމަަށް ކަނޑަައެޅުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ.

ސިލްސިލާއެއްގެ ގޮތުގައި ކުރެއްވި ޓްވީޓްތަކުގައި އޭނާ ވިދާޅުވީ، މިނިސްޓަރު އަމީނަށް ފޮނުއްވި ސުވާލުތަކަށް މިއަދު ޖަވާބު ދެއްވާފައިވާ ކަމަށެވެ.

"ބައެއް ބޭބޭފުޅުން ވިދާޅުވާ ގޮތަށް [ހެލްތު މިިނިސްޓަރު އަބްދުﷲ އަމީން]މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރަން،" ޝަރީފް ވިދާޅުވި އެވެ.

އަމީނާ ސުވާލު ކުރައްވަން ހައިތަމް ހުށަހަޅުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ. ވެންޓިލޭޓަރު ގެނައުމުގެ ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން ހައިތަމް ހުށަހަޅުއްވާފައިވެ އެވެ.

އެ ސުވާލުތަކުގެ ބައެއް ޖަވާބުތައް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މީގެ ކުރިން ވަނީ ދީފަ އެވެ. އެގޮތުން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ކުންފުނިތަކާއި އެ ކަމަށް ބަޖެޓް ކޮށްފައިވާ ފައިސާގެ އަދަދު ވެސް ވަނީ ހާމަކޮށްފަ އެވެ.