Roadha Mihaaru
ރަށުން ބޭރަށްދިޔަ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

ރަށުން ބޭރަށް ދިޔަ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

30 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައި ވަނިކޮށް އެ އެންގުމަށް ގޮންޖަހައި ރަށުން ބޭރަށް ދިޔަ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައި ވަނިކޮށް އެ އެންގުމަށް ގޮންޖަހައި ރަށުން ބޭރަށް ދިޔަ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ނ. މާފަރު މޮނިޓަރިންގެ ހާލަތުގައި އޮތުމުން އެ ރަށުން ބޭރަށް ދިއުން މަނާކޮށްފައި ވަނިކޮށް، މަސް ދަތުރު ގޮސް ރަށުގެ އާއްމު މަސްހަލަތު ގެއްލޭ ގޮތަށް ކަންތައް ކޮށްފައިވާތީ ރޭ 10:40 ހާއިރު އެ ރަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 59 އަހަރުގެ މީހަކާއި 44 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މާފަރު މޮނިޓަރިންގެ ހާލަތުގައި އޮތީ، ށ. ނަރުދޫގެ "އަމާޒު" ބޯޓުގެ ކައްޕި ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ބޯޓާ ގުޅުން ހުރި ރަށަކަށް ވާތީ އެވެ. އެ ބޯޓުން ވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް މުދަލާއި މީހުން ގޮވައިގެން މި މަހުގެ 15 ވަނަ ދުވަހު ދަތުރުކޮށްފަ އެވެ.

އޭގެ ފަހުން، ބ. ގޮއިދޫ އިން، އެ ރަށާ ޖެހިގެން އޮންނަ ފެހެންދުއަށް ފަތާފައި ދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އެނބުރި ގޮއިދުއަށް ދަނިކޮށް ފަޅުތެރެއިންނެވެ.

ފުލުހުން ވަނީ، ކޮވިޑް-19 ކޮންޓްރޯލްކުރަން ރަށުގެ ޓާސްކްފޯސްތަކުން އަންގާ އެންގުންތަކަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ.

ފުރުން މަނާކޮށްފައިވަނިކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްގެން މީގެ ކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައި ވެ އެވެ. ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގުކުރަމުންނެވެ.