Roadha Mihaaru
ރިޝީގެ މަރާއެކު އާންމުވި ވީޑިއޯއެއްގެ މައްސަލަ ބަލަނީ

ރިޝީގެ މަރާއެކު އާންމުވި ވީޑިއޯއެއްގެ މައްސަލަ ބަލަނީ

02 މެއި 2020

ލޭގެ ކެންސަރު ބަލީގައި ބުރާސްފަތި ދުވަހު މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހޮސްޕިޓަލްގެ އައިސީޔޫގައި ނޭވާ ނުލެވި މަރަށް ތެޅެނިކޮށް ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޭގެ ކެންސަރު ބަލީގައި ބުރާސްފަތި ދުވަހު މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހޮސްޕިޓަލްގެ އައިސީޔޫގައި ނޭވާ ނުލެވި މަރަށް ތެޅެނިކޮށް ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި މުމްބާއީގެ އެޗްއެން ރިލައިންސް ފައުންޝޭޝަން ހޮސްޕިޓަލްގައި 67 އަހަރުގެ އެކްޓަރު އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް މަރުވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ރިޝީގެ މަރާ އެކު އާންމުވީ އައިސީޔޫގެ ބޭރުގައި ބިއްލޫރި ދޮރެއް ކައިރީ ހުރެގެން ކޮށްފައިވާ ވީޑިއޯއެކެވެ.

މި ވީޑިއޯގެ މައްސަލާގައި ހޮސްޕިޓަލަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީޒް (އެފްޑަބްލިއުއައިސީ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ވީޑިއޯއެއް ބަލި މީހަކު އޮތް އައިސީޔޫން ބޭރުވުމުމުން ކަންބޮޑުވާ ކަމަށާއި އެއީ އިންސާނީ ކަރާމާތަށް ލިބިދޭ ދެރައެއް ކަމަށެވެ. އަދި ސެލެބްރިޓިއަކަށްވުމަކީ ބަލި އެނދުގައި އޮންނަ ވެސް އިރު އެ މީހެއްގެ ހައްގުތަކަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުންޏެވެ.

އެފްޑަބްލިއުއައިސީން ވަނީ މިއީ ކިހިނެއް އާންމުވި ވީޑިއޯއެއްތޯ 15 ދުވަހުގެ ތެރޭގައި ސާފުކޮށްދޭން އެދި އަދި އެކަމަށް އިޖާބަ ނުދޭ ނަމަ ހޮސްޕިޓަލާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ. އަދި މިއީ މިފަދަ ހާދިސާއެއް ހޮސްޕިޓަލަކުން ތަކުރާރުވި ދެވަނަ ފަހަރު ކަމަށް ވެސް ބުންޏެވެ.

އެގޮތުން 2017 ގައި އެކްޓަރު ވިނޯދު ކަންނާ އައިސީޔޫގައި އެޑްމިޓްކޮށްފައި އޮތް ދުވަސްވަރު ހަމަ މިކަހަލަ ގޮތަކަށް ވީޑިއޯތަކާއި ފޮޓޯތައް އާންމުވިކަން އެފްޑަބްލިއުއައިސީން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ރިޝީގެ ވީޑިއޯގެ މައްސަލަ ހޫނުވެފައި ވަނިކޮށް ވީޑިއޯ އިން ފެންނަ ޒުވާނާ ބައެއް މީޑިއާތަކަށް ބުނެފައި ވަނީ އެ ވީޑިއޯ އަކީ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި ރިޝީ އޮއްވައި ނެގި ވީޑިއޯއެއް ނޫން ކަމަށެވެ. އަދި އެ ވީޑިއޯ އަކީ މިދިފަ ފެބްރުއަރީ މަހުގެ ކުރީކޮޅު އޭނާ ނިއު ދިއްލީގެ މެކްސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވައި ނެގި ވީޑިއޯއެއް ކަމަށް ބުންޏެވެ. ވީޑިއޯ އިން ފެންނަ ދީރަޖް ކުމާރު ސާނޫ އަކީ އެ ހޮސްޕިޓަލްފެ ވޯޑް ބޯއިއެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.