Roadha Mihaaru
ކޮވިޑް: އެމެރިކާގެ އެންމެ ނުރައްކާތެރި ލިސްޓަށް ރާއްޖެ

ވެކްސިން ފުރިހަމަނުކޮށް ރާއްޖެ އަށް ދަތުރު ނުކުރަން އެމެރިކާ އިން އަންގައިފި

06 މެއި 2021

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކޮށް ރާއްޖެ ދަތުރު ނުކުރަން އެމެރިކާ އިން މިއަދު އަންގައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކޮށް ރާއްޖެ ދަތުރު ނުކުރަން އެމެރިކާ އިން މިއަދު އަންގައިފި އެވެ.

އެ ގައުމުގެ ސެންޓާސް ފޯ ޑިޒޯސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ޓްރެވަލް ނޯޓިސްގައި ބުނެފައިވަނީ ރާއްޖެ މިހާރު އޮތީ އެންމެ ނުރައްކާ ހާލަތުގައި ކަމަށެވެ. އެހެންވެ، ކޮވިޑް ވެކްސިން ނުޖަހާ އެއްވެސް މީހަކު ރާއްޖެ އަށް ދަތުރު ނުކުރުމަށް ވަނީ އަންގައިފަ އެވެ.

ސީޑީސީން ބުނިގޮތުގައި، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ވެކްސިން ޖަހާފައިވާ މީހުންނަށް ވެސް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރާއްޖެ އަށް ދަތުރު ކުރުމުން އިތުރު ވޭރިއަންޓެއް ފެތުރުމުގެ ބިރު އެބައޮތް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އެމެރިކާ އިން ވަނީ މިވަގުތު ދަތުރުކުރަން އެންމެ ނުރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވާން ފެށުމަށް ފަހު، އަނެއްކާވެސް ވަނީ މީގެ ކުރިން ދުވަހަކު ވެސް ގޯސް ނުވާ ހިސާބަށް ގޮސްފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 700 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން މިހާތަނަށް 32،665 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރެއިން 7،116 މީހުންނަށް މިހާރުވެސް ފަރުވާ ދެމުން އަންނައިރު 76 މީހަކު ވަނީ މަރުވެފަ އެވެ.