Roadha Mihaaru
ބިލިއަނަރު އޮންގް ހަދިޔާ ކުރެއްވި ވެންޓިލޭޓަރު ގެނެސްފި

ސިންގަޕޫރުގެ ބިލިއަނަރު އޮންގް ހަދިޔާކުރެއްވި 15 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި

05 މެއި 2020

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެ އަށް ހަދިޔާކުރި 15 ވެންޓިލޭޓަރު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެ އަށް ހަދިޔާކުރި 15 ވެންޓިލޭޓަރު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް އޮންގް މި ވެންޓިލޭޓަރުތައް ހަދިޔާކުރެއްވީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ ތަކެތި ރާއްޖެ ގެނައީ، ތައިލެންޑުގެ ބެންކޮކުން އިއްޔެ އައި ކާގޯ ފްލައިޓަކުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ވެންޓިލޭޓަރުތަކުގެ އިތުރުން 150،000 މާސްކު ވެސް އޮންގް ވަނީ ރާއްޖެ އަށް ހަދިޔާ ކުރައްވައިފަ އެވެ. މާސްކްތައް ރާއްޖެ އަށް ގެނެވޭ ވަރު ވާނީ އަންނަ ހަފުތާގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޮންގް ހަދިޔާ ކުރެއްވި ވެންޓިލޭޓަރު ގެނައި މަތިންދާބޯޓުގައި، ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަމަށްވާ ހިއަޕް ހުއަޕް ޕެއިންޓްސްގެ އިސްވެރިން ޖޮސެފް އިންގް އާއި އިންގް ސްވާން މީން ރާއްޖެ އަށް ދެއްވި 5،000 މާސްކު ވެސް ގެނަ އެވެ.

އެ ދެ ކުންފުނީގެ އިސްވެރިން ރާއްޖެ އަށް ވެ ދެއްވި ދީލަތި އެހީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއް

"[އޮންގް ބެންގް އެންގް] ރާއްޖޭގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ތި ދެއްވާ ދީލަތި އެހީތެރިކަން އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެ،" އެޗްޕީއެލްގެ ފައުންޑަރަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޮންގްގެ އެޗްޕީއެލް އިން މަތީ ފަންތީގެ ފަސް ރިސޯޓެއް ރާއްޖޭގައި ހިންގަ އެވެ. އޭގެ ތެރޭގައި ހޮލިޑޭއިން ކަނޑޫމާ އާއި ގިލިލަންކަންފުއްޓާއި ފޯސީޒަން ކުޑަ ހުރާ އާއި ލަނޑާގިރާވަރުގެ އިތުރުން ސިކްސް ސެންސަސް ލާމް ހިމެނެ އެވެ.

މީގެ ކުރިން ވެސް ސިންގަޕޫރުގެ އަމިއްލަ ބަޔަކު ވަނީ ރާއްޖެ އަށް މެޑިކަލް ސަޕްލައި ހަދިޔާކޮށްފަ އެވެ. އެ ގައުމުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކުރި 5،000 ޓެސްޓް ހެދޭ 25 ޓެސްޓް ކިޓު ރާއްޖެއާ ހަމައަށް އައީ މިދިޔަ މަހުގެ ފަހު ދުވަހު އެވެ.

ސިންގަޕޫރުގެ އިތުރުން އެހެން ގައުމުތައް ވެސް އަންނަނީ ރާއްޖެއަށް އެކި އެހީ ވަމުންނެވެ. ޚާއްސަކޮށް ޗައިނާ އިން ދީފައިވާ އެހީތެރިކަން ފާހަގަކުރެވެ އެވެ. އެ ގައުމުން ރާއްޖެ އަށް ވަނީ 10 ވެންޓިލޭޓަރާއި މިވަގުތަށް މުހިންމު މެޑިކަލް ގިނަ ސާމާނުތަކެއް މި ހަފުތާގައި ރާއްޖެ ގެނެސްފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ވެސް ފަސް ވެންޓިލޭޓަރާއި ޓެސްޓް ކިޓާއި ފޭސް މާސްކް ފަދަ އެއްޗެހި ވަނީ ހަދިޔާކޮށްފަ އެވެ.