Roadha Mihaaru
ދަނޫޝް އަށް ހޮލީވުޑްގެ ބޮޑު ފިލްމެއް

ދަނޫޝް އަށް ހޮލީވުޑްގެ ބޮޑު ފިލްމަކުން ފުރުސަތު ލިބިއްޖެ

19 ޑިސެމްބަރ 2020

ހޮލީވުޑްގެ ބޮޑު ފިލްމަކުން އިންޑިއާގެ އެކްޓަރު ދަނޫޝް އަށް ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ބޮޑު ފިލްމަކުން އިންޑިއާގެ އެކްޓަރު ދަނޫޝް އަށް ފުރުސަތު ލިބިއްޖެ އެވެ.

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އިތުރުން މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ 37 އަހަރުގެ އެކްޓަރަށް ލިބުނު ހޮލީވުޑްގެ ފިލްމަކީ "އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ ރުޒޯ ބްރަދާޒް ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ދަ ގްރޭ މޭން" އެވެ.

މީގެ ކާސްޓްގައި ކްރިސް އިވަންސް އާއި ރަޔަން ގޮޒްލިންގެ އިތުރުން ޝާލީޒް ތެރަން ވެސް ހިމެނެ އެވެ.

"ދަ ގްރޭ މޭން" އިން ފުރުސަތު ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ދަނޫޝް ބުނީ އެ ފިލްމުގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ވަރަށް ވަރުފަދަ އެކްޝަންތަކެއް ވެސް ހިމެނޭނެ ފިލްމެއް ކަމަށެވެ.

ސުޕަސްޓަރު ރަޖްނީކާންތުގެ ދަނބިދަރި އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2011 ގައި އޭނާ ކިޔުނު ލަވަ "ވާއި ދިސް ކޮލަވަރީ ޑީ" އިންނެވެ.

މިހާތަނަށް ގިނަ އަދަދެއްގެ ތަމަޅަ ފިލްމުތައް ކުޅުނު ދަނޫޝް ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި 2013 ގައި ސޯނަމް ކަޕޫރާ އެކު ކުޅުނު "ރާންޖަނާ" އާއި 2015 ގައި އަމީތާބް ބައްޗަކާ އެކު ކުޅުނު "ޝަމީތާބް" ހިމެނެ އެވެ.

ދަނޫޝް މިހާރު ވެސް އަންނަނީ ހިންދީ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ރާންޖަނާ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" އެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ސާރާ އަލީ ޚާނާއި އަކްޝޭ ކުމާރާ އެކީގަ އެވެ.

ރުޒޯ ބްރަދާޒްގެ "ދަ ގްރޭ މޭން" އިން ފުރުސަތު ލިބުނު އިރު، އެއީ ދަނޫޝްގެ ފުރަތަމަ އިންޓަނެޝަނަލް ފިލްމެއް ނޫނެވެ. މިދިޔަ އަހަރު ރިލީޒްކުރި "ދި އެކްސްޓްރާއޯޑިނަރީ ޖާނީ އޮފް ފާކިރު" އަކީ ދަނޫޝް ކުޅުނު ފްރާންސްގެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން "ދަ ގްރޭ މޭން" އަކީ މިހާތަނަށް ނެޓްފްލިކްސް އިން އެންމެ ބޮޑު ބަޖެޓަކުން ހަދާ ފިލްމެވެ. ރުޒޯ ބްރަދާޒް އެންމެ ފަހުން ނެޓްފްލިކްސް އަށް ގެނެސްދިން ފިލްމަކީ އެ މީހުން ޕްރޮޑިއުސްކޮށް ސޭމް ހާގްރޭވް ޑައިރެކްޓްކުރި ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" އެވެ. އެ ފިލްމަކީ ވެސް އިންޑިއާގެ އެކްޓަރުންތަކެއް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޕަންކަޖް ތުރިޕަތީގެ އިތުރުން ޕްރިޔަންޝޫ ޕައިނުލީ ހިމެނެ އެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް 2019 ގެ "އެވެންޖާޒް: އެންޑްގޭމް" ގެނެސްދިން ރުޒޯ ބްރަދާޒްގެ ޑައިރެކްޓްކޮށް ދެން އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީގައި ގެނެސްދޭނެ ކަމަށް ބެލެވޭ ކްރައިމް ޑްރާމާ "ޗެރީ" އެވެ. އޭގެ ބަތަލަކީ ޓޮމް ހޮލަންޑެވެ.