Roadha Mihaaru
އާންމު ހާލަތަށް ރުޖޫއަވުމަށް ޓާސްކްފޯހެއް އުފައްދަނީ

އާންމު ހާލަތަށް ރުޖޫއަވުމަށް ގައުމީ ޓާސްކް ފޯހެއް އުފައްދަނީ

07 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުންނާއި އިޖުތިމާއި ގޮތުން ހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި ގައުމީ ޓާސްކް ފޯހެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުންނާއި އިޖުތިމާއި ގޮތުން ހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި ގައުމީ ޓާސްކް ފޯހެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި މި ޓާސްކް ފޯސް އުފައްދަން ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މިދިޔަ އޭޕްރީލް 13 ގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު، އެ ޓާސްކް ފޯހަށް އަދި ބޭފުޅުން ކަނޑައެެއް ނާޅުއްވަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރުމަށް ގައުމީ ޓާސްކް ފޯހެއް އުފައްދަން ރައީސް ނިންމެވިތާ މަހަކާ ކައިރިވެފައި ވަނިކޮށް، ރިސޯޓުތައް ތަމްސީލް ކުރާ ރާއްޖޭގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ޖަމިއްޔާއާ މަޝްވަރާ ނުކޮށް، ސަރުކާރުން ބައެއް ކަންކަން ނިންމާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖުގެ މައްސަލަ އެވެ. މަޓީން ބުނެފައި ވަނީ އެ ޕެކޭޖުގެ ފައިދާ ޓޫރިޒަމް ދާއިރާގެ ގިނަ މީހުންނަށް ނުކުރާ ކަމަށެވެ.

މަޓީން ބުނީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެ ކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުނަސް، އެދެވޭ ފިޔަވަޅުތަކެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ގައުމީ ޓާސްކް ފޯސްގެ މައިގަނޑު މަސައްކަތްތައް:

ރައީސް އޮފީހުން ބުނިގޮތުގައި، ގައުމީ ޓާސްކް ފޯހުގެ މަގްސަދަކީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން، އިގްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލްވެ، އިގްތިސާދީ ދުވެލި އާރާސްތު ކުރުމަށް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރާނެ ގޮތް ރޭވުމެވެ. އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މި ޓާސްކް ފޯހުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ އެވެ.

"ސަރުކާރުގެ ވިސްނުމަކީ މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމެވެ،" ރައީސް އޮފީހުން ބުންޏެވެ.

ގައުމީ ޓާސްކް ފޯހުގެ މަސައްކަތް ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެެވެ. ޓާސްކް ފޯސްގެ ތިން ގްރޫޕަކީ، "ވޯކިން ގްރޫޕް އޮން ފައިނޭންސް" އާއި "ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އަދި "ވޯކިން ގްރޫޕް އޮން ސޯޝަލް ސެކްޓާ" އެވެ.

އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ކަންކަން ރާވާ ގްރޫޕް ނުވަތަ އިކޮނޮމިކް ރިކަވަރީ ގްރޫޕްގެ މައިގަނޑު މަސައްކަތަކީ ރައީސް އޮފީހުން ބުނިގޮތުގައި، އިގްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާ އެކު، ޓޫރިޒަމް ދާއިރާ އިން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ގޮތުން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރިލީފް ޕެކޭޖުތައް ކަނޑައަޅައި، ފޯރުކޮށްދިނުމެވެ. މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ވެސް އެ ގްރޫޕުން ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން އެ ގްރޫޕުން ދެން ކުރާނެ ކަންކަމަކީ:

- މިހާރުން މިހާރަށް ވެސް، އިގްތިސާދުގެ ބިންގާ ފުޅާކުރުމަށް ކުރެވިދާނެ އިތުރު ހަރަކާތްތައް ހޯދައި، ކުރިއަށް ގެންދަން ފަހި މާހައުލެއް ގާއިމް ކޮށްދިނުން.

- ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭ ނަމަ، ޓޫރިޒަމާއި އެހެނިހެން ދާއިރާތައް ހުޅުވައިލުމުގައި ވިސްނަންޖެހޭނެ ކަންކަމާއި ނިންމަންޖެހޭ ނިންމުންތައް ނިންމައި އެ ފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް އެކަށައަޅައި، ތަންފީޒު ކުރުން.

ސޯޝަލް ސެކްޓާގެ ގްރޫޕުގެ ޒިންމާތައް:

- ވަޒީފާ ގެއްލި، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ގެވެށި އަނިޔާ އިން ސަލާމަތް ވުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާވިސަސްގެ ހަރަކާތްތައް ހަރުދަނާ ކުރުން،

- ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުން.

- ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް ހައްލުތަކެއް ހޯދައި ދިނުން.

ރައީސް އޮފީހުން ބުނީ ގައުމީ ޓާސްކް ފޯހުގެ ދަށުން މަސައްކަތް ކުރާ ވޯކިން ގްރޫޕްތަކާ ހަވާލު ކޮށްފައިވާ ކަންކަމަކީ މިހާރު ވެސް އެކި ގޮތްގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމެވެ،" އެ އޮފީހުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުގެ ތަފާތު 40 ވަރަކަށް އެޖެންސީ ހިމެނޭ ގޮތަށް މިހާރު ވެސް ވަނީ ޓާސްކް ފޯސްއެއް އުފައްދާފައި ވެ އެވެ. އެކަމަކު، އެ ޓާސްކް ފޯހުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމެއް ނޯވެ އެވެ.