Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވްވި ނަރުސްގެ ނަތީޖާ ނެގެޓިވް ވެއްޖެ

ކޮވިޑަށް ޕޮޒިޓިވްވި ނަރުސްގެ ނަތީޖާ ނެގެޓިވް ވެއްޖެ

10 މެއި 2020

އައިޖީއެމްއެޗުގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި މަސައްކަތް ކުރާ ނަރުހެއްގެ ނަތީޖާ ކުރިން ޕޮޒިޓިވްވިޔަސް ފަހުގެ ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗުގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި މަސައްކަތް ކުރާ ނަރުހެއްގެ ނަތީޖާ ކުރިން ޕޮޒިޓިވްވިޔަސް ފަހުގެ ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިން އަށް ފަހު، ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓުކުރި އެންއައިސީޔޫގެ ނަރުސް މީހާގެ ނަތީޖާ މިހާރު ނެގެޓިވް ކަމަށެވެ.

މިއަދުގެ މެންދު ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑރ. އަލީ ނަޒީމް ވިދާޅުވީ، އެ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އެކަމަކު، އެ މީހުން އެ ބައްޔަށް ހުށަހެޅުނީ އައިޖީއެމްއެޗުގެ އެތެރޭގައި ނުވަތަ ބަޔަކަށް ފަރުވާ ދިނުމުގެ ތެރެއިން ނޫން ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ހިނގީ ހޮސްޕިޓަލްގެ ބޭރުން ކަމަށް ވަނީ އެނގިވަޑައިގެންފަ އެވެ.

މި ކަމާ ގުޅިގެން އައިޖީއެމްއެޗުގެ 16 ނަރުހަކު ތިބީ އައިސޮލޭޝަންގަ އެވެ.

އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ތުއްތުކުއްޖަކު ބާއްވައިގެން ތިބި އާއިލާއަކުން "މިހާރު" އަށް ކުރިން ބުނި ގޮތުގައި، އެންއައިސީޔޫ އިން އިއްޔެ ދޫކޮށްލަން ތިބި ކުދިން ވެސް ދޫނުކުރީ، އެ ކުދިން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭތީ އެވެ. ނަމަވެސް ނަރުސްގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން، އެ ކުދިންގެ ޓެސްޓާ މެދު ވަކި ގޮތެއް ނިންމި ކަމެއް އަދިއެއް ނޭނގެ އެވެ.

މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ދަށުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ މީހަކު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނެ އެވެ. އެގޮތުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން ދާދި ފަަހުން ވަނީ ޓްރީޓޮޕަށް ބަދަލު ކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް 785 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތް މަހެވެ.