Roadha Mihaaru
ދައުރު ދެންމޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން: އޭޖީ

ކައުންސިލްތަކުގެ ދައުރު ދެންމެން އޮތީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް އޭޖީ އަންގަވައިފި

10 މެއި 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ހަދަން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގެ ކުރިން ގާނޫނުއަސާސީއާ އިސްލާހުކުރަންޖެހޭނެ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގައި ދަންނަވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ހަދަން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގެ ކުރިން ގާނޫނުއަސާސީއާ އިސްލާހުކުރަންޖެހޭނެ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގައި ދަންނަވައިފި އެވެ.

އޭޖީ މިގޮތަށް ދެންނެވީ، ގާނޫނުއަސާސީ އިސްލާހުކޮށްގެން ހައްލު ހޯދަން ސަރުކާރުގެ ހުށަހެޅުން އެއްފަރާތްކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލަ"ށް އިސްލާހެއް އޮތް ނަމަ ހުށަހަޅައިދެއްވަން އެދިވަޑައިގަތުމުން މަޖިލީހަށް ފޮނުއްވި ސިޓީގަ އެވެ.

ހަސަން އެ ބިލް ހުށަހެޅުއްވީ، ކައުންސިލްތަކުގެ ދައުރު ހަމަވެ، އާ އިންތިޚާބެއް ނުބޭއްވި ދާއިރު، އަންނަ ގާނޫނީ ހުސްކަން ފިލުވައިދިނުމާ އެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ކަށަވަރުކޮށްދިނުމަށެވެ. އެކަމަކު އޭގެ ކުރިން ވެސް އޭޖީ އެދިވަޑައިގެންފައި އޮތީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ހައްލެއް ހޯދައި ދެއްވުމަށެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާއާ ހަވާލާ ދެއްވައި އޭޖީ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގޭނީ އެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އިންތިޚާބުކުރެވޭ ބަޔަކަށް ކަން އެ މާއްދާތަކާއި ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ހިމެނޭ އެހެން މާއްދާތަކުން އެނގެން އޮންނަ ކަމަށެވެ.

މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު، ޖޫން 3، 2020 ގައި ހަމަވާނެ އެވެ. މި މުއްދަތަށް އާ މެމްބަރުން އިންތިޚާބު ނުކުރެވިއްޖެ ނަމަ ދެން އޮތް ހަމައެކަނި ގޮތަކީ މިހާރު ކައުންސިލްތަކުގައި ތިބި މެމްބަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލްތަކާ ތައާރަޒުނުވާ ގޮތަކަށް ގާނޫނީ ހަމަތަކުގެ މަތިން އެކަން ކަނޑައެޅުން ކަމަށް އޭޖީ ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ. އެ މާއްދާ އަށް އަމަލުކުރާ އުސޫލް ކަނޑައަޅައިދީފައި ވަނީ ގާނޫނުއަސާސީ އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 4 ވަނަ މާއްދާ އިން ކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ އެހެން އޮއްވައި މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން މުއްދަތު އިތުރު ކުރެވިދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"..ޖޫން، 3، 2020، ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ނުކުރެވިއްޖެ ނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މެމްބަރުކަމުގެ ދައުރު އިތުރުކޮށްގެން ކަމަށްވީ ނަމަވެސް އެކަން ކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 4 ވަނަ މާއްދާ ފުރަތަމަ އިސްލާހުކޮށްގެން ކަމަށް ދަންނަވަމެވެ،" ސިޓީގައި ރިފްއަތު ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމްކޮށްފައިވާ އުސޫލްތަކާއި އިޖުރާއަތުތަކާ ޚިލާފު ނުވުމަށް އޭޖީ އެދިވަޑައިގެންފައިވެ އެވެ. މިކަމުގައި އޮތް ގާނޫނީ ހައްލަކީ ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް، އާ މެމްބަރުން އިންތިޚާބު ކުރެވެންދެން ކައުންސިލްތަކުގައި މިހާރު ތިބި މެމްބަރުން މަގާމްތަކުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސިޓީގައި އޭޖީ ވިދާޅުވެފައިވެ އެވެ.

އޭޖީ މިގޮތަށް ވިދާޅުވިއިރު، ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް، ކައުންސިލްތައް ހިންގަން ބަޔަކު އައްޔަންކުރުމަކީ ގާނޫނީ ބައެއް ވަކީލުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެކެވެ. ތިން ބާރު ވަކިކޮށްފައި އޮތް ނިޒާމުގައި، އިންތިޚާބީ މަގާމްތަކަށް މީހުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިގެން ނުވާއިރު ވެސް މަޖިލީހުގެ ވިސްނުން ހުރި ގޮތަކުން އެފަދަ ނިންމުމެއް އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ވެސް ބައެއް ވަކީލުން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި، މަޖިލީހުގެ ބައެއް މެމްބަރުން ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް، އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތައް ހިންގުމަށެވެ.

ލާމަރުކަޒީ ގާނޫނުގައި އެލްޖީއޭގެ ދައުރަކީ ކައުންސިލްތައް ވިލަރެސްކުރުން ކަަމަށްވާ އިރު، ގާނޫނުގައި ނެތް ބޮޑެތި ބާރުތަކެއް އެތަނަކަށް ނުދެވޭނެ އެވެ. މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވާ ގޮތަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކޮށްގެން ހިންގުމަކީ ލާމަރުކަޒީ ގާނޫނުގެ ރޫހެއް ނޫން ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.