Roadha Mihaaru
ކައުންސިލްތަކުގެ ދައުރު ދަންމާލާ އިސްލާހު ފާސްކޮށްފި

ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ގާނޫނު އަސާސީގެ އިސްލާހު ފާސްކޮޮށްފި

02 ޖޫން 2020

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެންދެން މިިހާރު ތިބިި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެންދެން މިިހާރު ތިބިި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސް ކުރިއިރު، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންގާރަދުވަހު ހަމަވާނެ އެވެ. އެހެންވެ، އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ބިލެއް މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، ސުޕްރީމް ކޯޓުގެ ލަފައަށް އެދުމުން އެ ކޯޓުން ވެސް ލަފާ ދިނީ އެ ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

ފުރަތަމަ ފަހަރަށް މެންދަމު ގަޑިއެއްގައި މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި، ދަންވަރު 2:45 ހާއިރު އެ އިސްލާހު ފާސްކުރީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، އާ ކައުންސިލްތައް އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހިިމަނައިގެންނެވެ. އެކަމަކު އެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ބޭނުން ކުރެވޭ ގޮތަށް ވަކި ޚާއްސަ ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށެވެ.

ގާނޫނު އަސާސީގެ އިސްލާހު ފާސްކުރީ 74 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނު އަސާސީ އިސްލާހު ކުރެވެނީ މަދުވެގެން 66 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގައި 65 މެމްބަރުން ތިއްބަވަ އެވެ.

ޖަލްސާ ނިންމާލައްވަމުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވި ގޮތަށް މިކަން މި ނިމުނީ "ރަނުން ރަނަށެ"ވެ. އޭގެ ފަހުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ މަނިކުފާނު އިންނަވާނީ މަސައްކަތް ބައްލަވަންކަން. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މަނިކުފާނުގެ މޭޒުކޮޅުގެ މައްޗަށް މި ގާނޫނު ތަސްދީގުކުރައްވަން ފޮނުވާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިކަން ނިންމަން ކުރެއްވި މަސައްކަތަށް ލިބިވަޑައިގަތީ ވަރަށް ހަނި ފުރުސަތަކާއި ޖާގަތަކެއް ކަމަށެވެ. އެކަމަކު ހުރިހާ މެމްބަރުންގެ އެއްބާރުލުމާ އެކު ނިންމާލެވުނީ ކަމަށް ވިދާޅުވެ، ޝުކުރުއަދާކުރެއްވި އެވެ.

އެކަމަކު ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން އުޅުނު ބަދަލު މިހާ ލަސްވެގެން ދިޔައީ، އެޕްރީލް 6 ގައި، އެ އިސްލާހަށް ކުއްލި ބަހުސެއް ފައްޓަވައި، ނަޝީދު އުފެއްދެވި ސުވާލަކާ ގުޅިގެންނެވެ. އެމަނިކުފާނު އެ ދުވަހު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮއްވާ، ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތް ވާތީ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ހާލަތެކެވެ. އޭގެ ބަދަލުގައި ސިއްހީ ކުއްލި ނުރައްކާ އިއުލާންކުރައްވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ހެލްތު މިނިސްޓަރަށެވެ.

ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަދަލުގައި ދެން ފެނުނީ، ކައުންސިލަރުންގެ ދައުރު ދަންމާލާ ގޮތް ވެސް ހިމަނައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބިލެއް ހުށަހަޅުއްވި ތަނެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އެފަދަ ބަދަލެއް ނުގެނެވޭތީ އެންމެ ފަހުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް މަޖިލިހުން ފޮނުވި އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން ވެސް ލަފާދިނީ، ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް، ކައުންސިލްތަކުގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށް ވެސް އެ ކޯޓުން ކަނޑައެޅި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ އެވެ.

ހަސަން ހުށަހެޅުއްވި އިދާރާ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލް ވެސް މިރޭ ފާސްކުރި އެވެ. އެ ބިލް ފާސްކުރީ 73 މެމްބަރުންގެ ވޯޓުންނެވެ.

މިރޭގެ ޖަލްސާ ފެށުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވުމުން އޭނާ ނަން އިއްވައި، ޖަލްސާއިން ނިކުތުމަށް ނަޝީދު އެންގެވި އެވެ.

އެކަމަކު ތަޅުމުން ނިކުމެވަޑައިނުގެން، ޝިޔާމް ހުންނެވުމުން މަޖިލިސް ހޫނުވެ، އެމްޑީޕީގެ މެމްބަރުންނާއި ޝިޔާމާ ދެމެދު ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ. އަދި ޝިޔާމް މަޖިލީހުން ނެރެން އުޅުމުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް މެމްބަރުންގެ މެދުގައި ހިނގި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަޖިލިސް ކުރިއަށް ގެންދަން ހުރަސް އަޅަނީ ޑިމޮކްރަސީ އޮންނަން ބޭނުންވާތީ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ހުއްޓަސް، ރައްޔިތުންނަށް ކަންކަން ފަހިކޮށް ދިނުމުގައި އެންމެންގެ ވިސްނުން އެއްގޮތް ވާނެ ކަމަށާއި މިއަދު ހުރިހާ އެމްޑީޕީ މެމްބަރުން އެއްކޮށް ތިބީ ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ޚިޔާލު ތަފާތުވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން ބޭނުންވާ މިސްރާބަށް ރައްޔިތުން ބޭނުންވާ ގޮތަށް ދިއުމަށްޓަކައި. މިއަދު އަޅުގަނޑުމެން މި ތިބީ އެއްކޮށް. އަޅުގަނޑުމެން އެންމެން މި ތިބީ އެއް މިސްރާބަކަށް ހިފާފައި،" އާޒިމް ވިދާޅުވި އެވެ.