16 އޮކްޓޯބަރ 2016
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލާގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެހީތެރިކަން ނުލިބޭ ކަމަށް ނާޒިމްގެ އާއިލާއިން މިިއަދު ބުނެފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލާގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެހީތެރިކަން ނުލިބޭ ކަމަށް ނާޒިމްގެ އާއިލާއިން މިިއަދު ބުނެފި އެވެ.
ނާޒިމް ކޮޓަރިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތެވެ.
ނާޒިމްގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ނާޒިމް ޖަލަށްލާފައިވަނީ ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ނުހައްގުން ކަމަށާއި މިހާތަނަށް ލިބިފައިވާ ހެކިތަކުން ވެސް އެކަން އެނގޭ ކަމަށެވެ. އެކަމަކު ޝަރުއީ މަރުހަލާގެ ތެރެއިން އިންސާފު ނުލިބުމުން އެކަން ރައީސް އަބްދުﷲ ޔާމީންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށާއި އެކަމަކު އެއްވެސް ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށެވެ. އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންނާއި ވެސް ބައްދަލުކުރަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ މުއައްސަސާތަކުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ އަނބިކަނބަލުން އަފާފު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
"ބައެއް ފަހަރު ފާހަގަކުރެވޭ ރައީސުލް ޖުމްހޫރިއްޔާ އަށް ބައެއް ބޭފުޅުން ތެދުވެރިވެ އަމާނާތްތެރި ނުވާތީ ރައީސުލް ޖުމްހޫރިއްޔާ އަށް ނޭނގި ބޮޑެތި ކަންތައްތައް ގައުމުގައި ހިނގާ ތަން. ރައީސް ޔާމީންގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް ޖަލަށްލައި، ނުހައްގުން އަނިޔާ ދެމުންދާއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ރައީސް ޔާމީނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް. މިކަން ރައީސަށް ހާމަކޮށް ދިނުމުގެ ގޮތުން އަޅުގަނޑުމެން ވާނީ ސިޓީ ފޮނުވާފައި،" އާޒިމް ވިދާޅުވި އެވެ.
އެ މައްސަލާގައި ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނަށް ވެސް ހުށަހެޅި ކަމަށާއި އެކަމަކު އެ ކޮމިޝަނުން ވެސް ޖަވާބެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ބައެއް ބޭފުޅުންނާއި ވަކިން ބައްދަލުކުރީމަ ވިދާޅުވަނީ ކީއްތޯއޭ އަޅުގަނޑު އެކަނި ކުރައްވާނީ. އަޅުގަނޑު އެކަނި ކުރާނެ ކަމެއް ނެތޭ، ހުރިހާ މެމްބަރުން އެއްބާރުލުމެއް ނުދެޔޭ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ނާޒިމްގެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް ވެސް ބަލަންޖެހޭނެ މައްސަލައެކެވެ. އެހާ މިންވަރަށް ނާޒިމްގެ ފަރާތުން މިހާތަނަށް ހެކި ހޯދާފައިވާ ކަމަށާއި އެކަމަކު ހައި ކޯޓު މަރުހަލާގައި ބައެއް ހެކިތަކަށް އެ ކޯޓުން ރިއާޔަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއައްސަސާތަކުން މަސައްކަތް ނުކުރާތީ އަޅުގަނޑުމެން އާއިލާއިން މިއަދު މިވަނީ އިސް ނަގައިގެން މަސައްކަތްތަކެއް ކޮށްގެން އަންގައި ދީފައި ނާޒިމަކީ މައުސޫމް ބޭފުޅެެއް ކަން. އެކަމަކު ސުޕްރީމް ކޯޓުން މިވަނީ ނާޒިމަށް އިންސާފުވެރި ޝަރީއަތެއް ހިންގައި ނުދީފައި،" އާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވިދާޅުވީ ނާޒިމް ބަންދުކުރި ފަހުން ނާޒިމްގެ ލޮލުގެ މައްސަލަތައް ދުވަހަކަށް ވުރެ ދުވަހަށް ބޮޑުވަމުންދާ ކަމަށާއި އެކަމަށް އެކަށީގެންވާ ފަރުވާ ލިބެމުންނުދާ ކަމަށެވެ. އެކަމަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެންމެ ފަހުން އެދުނު ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ކަރެކްޝަނަލް ސާވިސްއިން ނުދޭ ކަމަށް އަފާފް ވިދާޅުވި އެވެ.
ނާޒިމްގެ ބޭސްފަރުވާއާ މެދު ސަރުކާރުން އިހުމާލުވަމުންދާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެކަމަށް މާ ބޮޑު އަޅާލުމެއް ނެތް ކަމަށް އަފާފް ވިދާޅުވި އެވެ.
ނާޒިމްގެ ދަރިކަނބަލުން ވުލާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
އެ ބައްދަލުވުމުގައި ނާޒިމްގެ ދަރިކަނބަލުން ވުލާ ނާޒިމް ވިދާޅުވީ މިހާތަނަށް އެހީތެރިކަން ލިބެމުން އަންނަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ކިބައިން ކަމަށާއި އދ. ގެ ވޯކިން ގްރޫޕަށް މައްސަލަ ހުށަހަޅާފައިވާއިރު އިތުރު ގިނަ ފަރާތްތަކެއްގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށް ވުލީ ވިދާޅުވި އެވެ. އަދި އދ. ގެ ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލައިގެ އެދެވޭ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ބޭރުގެ ފަރާތްތަކުގެ ފެންވަރަށް ރާއްޖޭގައި ވިމާ މުއައްސަސާތަކުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް. ރާއްޖޭގެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތައް އެންމެ ފުރަތަމަ ހޯދައިދޭން ޖެހެނީ ރާއްޖޭގެ މުއައްސަސާތަކުން. އެކަން ނުވީމަ މި ޖެހެނީ ބޭރުގެ ފަރާތްތަކާ ހަމައަށް ދާން،" ވުލާ ވިދާޅުވި އެވެ.
ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް ޖަލުގައި މަރާމާތުތަކެއް ކުރަމުންދާތީ އޭނާ މިވަގުތު ހުރީ ގޭބަންދުގަ އެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ނާޒިމްގެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް
ނާޒިމްގެ ކޮޓަރިއަށް ފިސްތޯލަ ލި މީހާ ހޯދިއްޖެ: ވަކީލް
ނާޒިމްގެ އެޕީލް ތައްޔާރުކޮށްދިނިން: ޕްރިމިއާ ޗެމްބާސް
ޖޭޕީގެ ޕީޖީ ލީޑަރަަކަށް ގާސިމް، ނައިބަކީ ނާޒިމް
އަނިޔާގެ ހިތްދަތިކަމުން ނާޒިމަށް އައި ވިސްނުން!
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި