Roadha Mihaaru
ކޮވިޑާ ގުޅޭ ކަންކަމަށް 814 މިލިއަން ހަރަދު ކޮށްފި

ކޮވިޑް:19- މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދު ކޮށްފި

12 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާތަނަށް 812 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާތަނަށް 812 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް ސަރުކާރުން ކުރި ހޭދަ ވަނީ، އޭގެ ކުރީ ހަފުތާ އަށް ވުރެ 22 ޕަސެންޓް އިތުރު ވެފަ އެވެ. މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތް މިނިސްޓްރީއަށެވެ. އެގޮތުން، ކުރި ހަރަދުގެ 91 ޕަސެންޓް ހޭދަކުރީ މި ދެ އިދާރާއަށެވެ. އެންޑީއެމްއޭ އަށް 525 މިލިއަން ހޭދަވި އިރު ހެލްތު މިނިސްޓްރީއާ ގުޅޭ ކަންކަމަށް 136 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށާއި އެ ބަލި ޖެހޭ މީހުންނާ ގުޅޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ދެ އިދާރާއިންނެވެ..

މިދިޔަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ކޮވިޑް-19 ގެ ހަރަދުތަކަށް ހޭދަކުރީ 665 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން ހަފުތާއެއްގެ ތެރޭގައި 147 މިލިއަން ރުފިޔާ އިތުރަށް މިވަނީ ހަރަދުކޮށްފަ އެވެ.

މި ހަރަދުތަކުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ހަ މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އިމިގްރޭޝަނުން ދެ ލައްކަ ރުފިޔާ އާއި އައިޖީއެމްއެޗުން އެއް ލައްކަ އާއި ޖެންޑާ މިނިސްޓްރީން ދެ ލައްކަ ރުފިޔާ އާއި ފުލުހުންގެ އިދާރާއިން ހަ ލައްކަ ރުފިޔާ އާއި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މީގެ އިތުރުން ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 24 މިލިއަނާއި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.

ކޮވިޑް-19 އާ ކުރާ ހޭދައިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައްޔަށް ޓެސްޓް ކުރުމާއި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އާއި ބޭހަށެވެ. ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ވެސް ގާއިމްކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ސަރުކާރުން ކުރާ ޚަރަދުތައް ހާމަކުރަން ނިންމައި ފުރަތަމަ ފަހަރަށް ތަފްސީލްތައް އާންމުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ ކޮންމެ ހޯމަ ދުވަހެއްގައި އެ ތަފްސީލްތައް ހާމަކުރުމަށެވެ.

ކުރި ހޭދަތައް:

- ޓެސްޓު ކުރުމާއި ޕީޕީއީ ހޯދުމަށް: 389 މިލިއަން ރުފިޔާ

- ވެންޓިލޭޓަރު، އައިސޮލޭޝަން ސެންޓަރުތަކާއި ސިއްހީ ހިދުމަތަށް: 187 މިލިއަން ރުފިޔާ

- މިވަގުތަށް ކޮންމެހެން އެހީ ބޭނުންވާ މީހުންނާއި ކާޑުގެ ހަރަދު: 110 މިލިއަން ރުފިޔާ

- ކަރަންޓީނު ފެސިލިޓީ، ސިއްހީ އަދި އައިސޮލޭޝަން ފެސިލިޓީ ގާއިމް ކުރަން: 54 މިލިއަން ރުފިޔާ

- މަރާމާތު ކުރުމާއި ދަތުރުފަތުރަށް: 10 މިލިއަން ރުފިޔާ

ސަރުކާރުން ލަފާކޮށްފައިވާ ގޮތުން ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދަތައް 3.3 މިލިއަނަށް އަރާނެ އެވެ. މި ހަރަދުތައް ކުރުމަށްޓަކައި ސަރުކާރުގެ އެހެން ބައެއް ހަރަދުތައް މިވަގުތަށް ކުޑަކޮށްފައިވާ އިރު ބައެއް ޕްރޮޖެކްޓްތައް މިވަގުތަށް ކުރިއަށް ގެންދިއުން ވެސް ހުއްޓާލާފައިވެ އެވެ.