Roadha Mihaaru
ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް

ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް

12 ޖޫން 2023

ރާއްޖެ ގެންނަ ބިދޭސީ ޑޮކްޓަރުންނަށް އިތުރު ގަޑީގެ އިނާޔަތް ޖެހުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ ގެންނަ ބިދޭސީ ޑޮކްޓަރުންނަށް އިތުރު ގަޑީގެ އިނާޔަތް ޖެހުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޝޫބާ "މިހާރު" އަށް ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އިތުރު ގަޑީގެ އިނާޔަތުގައި ދިވެހި ޑޮކްޓަރުންނަށް ލިމިޓެއް އޮންނައިރު، ބިދޭސީ ޑޮކްޓަރުންނަށް އެފަދަ އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް، އާ އޮނިގަނޑުގެ ދަށުން މުސާރަ ބޮޑުކުރީ ހަމައެކަނި ދިވެހި ޑޮކްޓަރުންނަށް ކަމަށް ވާތީ، ބިދޭސީންގެ އޯޓީގައި ލިމިޓޭޝަނެއް ނެތަސް މުސާރައިގައި ފަރަގު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ ފަންނީ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައި، އިތުރު ގަޑީގެ އިނާޔަތް ވަނީ 10 ޕަސެންޓަށް ލިމިޓޭޝަނެއް ކަނޑައަޅައިފަ އެވެ. އެކަމާ ސިއްހީ ދާއިރާގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ކަމާގުޅޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހެޅި އެވެ.

މީގެ ކުރިން، ހުކުރާއި ހޮނިހިރު ދުވަހަކީ ވެސް އިތުރު ގަޑީގެ އިނާޔަތް ލިބޭ ދުވަހެކެވެ. އެކަމަކު، މި މަހުން ފެށިގެން އިނާޔަތް ލިބެނީ ހަމައެކަނި ހުކުރު ދުވަހު މަސައްކަތަށް އެކަންޏެވެ. ހޮނިހިރު ދުވަހު މަސައްކަތަށް ނުކުތަސް، އޯޓީ ލިބޭނީ، މިހާރު ވެސް އޯޓީ ލިބޭ 8 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކޮށްފި ނަމަ އެވެ.

އާ އޮނިގަނޑުގެ ދަށުން ރޭންކް 1-7 ރޭންކުގެ ދިވެހި މެޑިކަލް އޮފިސަރަކަށް މުސާރައިގެ ގޮތުގައި 18،129ރ. އަދި އެލަވަންސް އަށް 10،382ރ. ލިބެ އެވެ. އޭގެ އިތުރުން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 281ރ. ލިބެ އެވެ. ހަފުތާގެ ފަސް ދުވަހު މަސައްކަތް ކުރާނަމަ، އެއީ އިތުރު ގަޑި ނުލައި 34،131ރ. އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނަށް ބިދޭސީ 35 މެޑިކަލް އޮފިސަރުން ހޯދަން މިނިސްޓްރީން މި ފަހުން ކުރި އިއުލާނުގައި ބުނީ އެ މީހުންނަށް މުސާރައިގެ ގޮތުގައި ލިބޭނީ 28،140ރ. އަދި އިތުރުގަޑީގެ އިނާޔަތް ކަމަށެވެ. އޭގެ އިތުރުން، ބޭރު ޑޮކްޓަރުންނަށް އެކޮމޮޑޭޝަނާއި ކޮއްތު އެލަވަންސް ވެސް ހަމަޖައްސައިދެ އެވެ.

ހެލްތުގެ އޮފިޝަލަކު ވިދާޅުވީ ބޭރު ޑޮކްޓަރުން ހޯދަން އިއުލާނުކުރީ ދިވެހިން ނުލިބިގެން ކަމަށެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް މި ވަގުތަށް ބޭނުންވާ ޑޮކްޓަރުންގެ ވަޒީފާތަކަށް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކުރިމަތިލެވޭނެ އެވެ.